ކޮވިޑް-19: އައްޑޫސިޓީ މޮނީޓަރިންއަށް ލީ ފަހުން ގިނަ ބަޔަކާއެކު ހިތަދޫން ދޯންޏެއް ފުރައިފި

އައްޑޫސިޓީ މޮނީޓަރިންގއަށް ލީ ފަހުން ގިނަ ބަޔަކާއެކު ހިތަދޫން ދޯންޏެއް ފުރައިފިއެވެ.
އައްޑޫ ސިޓީ މޮނީޓަރިންގ ހާލަތަށްލީ، ކަރަންޓީންގައި ނެތް ދެ މީހަކު ހިތަދޫން ކޮވިޑް-19 އަށް ފައްސިވުމުންނެވެ. އެ މީހުން ފައްސިކަން އެނގުނީ ފްލޫ ކްލިނިކަށް ދައްކަން ދިއުމުން ހެދި ޓެސްޓުންނެވެ.
އޮންލައިން ނޫސް "ވަގުތު" އިން ބުނެފައި ވަނީ، އެ ދޯނި ފުރީ ހިތަދޫ ބަނދަރުން އިރުއޮއްސުނު ފަހުން ކަމަށް އެނޫހަށް އެނގިފައިވާ ކަމަށެވެ.
އެދޯނި ދަތުރު ކުރަމުން ދަނީ ގއ. ގެމަނަފުއްޓަށް ކަމަށާއި އެ ދޯނިން ދަތުރު ކުރަމުން ދަނީ އައްޑޫ ސިޓީއަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހުން ކަމަށް ވެސް ބުނެފައި ވެއެވެ.
މައުލޫމާތު އެނގޭ ބައެއް މީހުން ބުނީ، ކުރިން އެ ދޯނި ފުރަން ހަމަޖެހިފައި އޮތީ މާދަމާ ހެނދުނު ކަމަށެވެ. އެކަމަކު އައްޑޫ ސިޓީއަށް އަރާ ފޭބުން މަނާ ކުރުމުން އިރު އޮއްސުނުއިރު ފުރައިގެން ދިޔައީ ކަމަށް އެމީހުން ބުންޏެވެ.