މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު މަރާލައިފި

ގއ. މާމެންދޫގައި މާރާމާރީއެއް ހިންގައި 17 އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ގުރޫޕަކުން ދެބެއިންނަށް ހަމަލާ ދީގެންނެވެ.
މިތަނުން ނިޔާވެފައިވަނީ ދެބެއިންގެ ތެރެއިން އުމުރުން ހަގު ފިރިހެން ކުއްޖާއެވެ. އޭނާ ނިޔާވެފައިވަނީ މާރާމާރީގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރުގައި އޮއްވައެވެ.
ފުލުހުން ވިދާޅުވީ، އެރަށުގައި ދެ ގްުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާފައިވާކަމަށް ފުލުހުންނަށް މިރޭ 22:10 ހާއިރު މައުލޫމާތު ލިބިފައިވާ ކަމަށާއި މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހުން ޒަހަމް ކޮށްލާފައި ވާކަމަށެވެ. އަދި ފަރުވާއަށް އެ ދެމީހުން ގއ. ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަދި މި މާރާމާރީގައި އެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދިޔަ 17 އަހަރުގެ ކުއްޖާ ނިޔާވެފައިވާ ކަމަށް ފުލުހުންނަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.