ދުނިޔެ

ދެކުނު ކޮރިއާގައި ބުޅަލާއި ކުއްތާ ވެސް ކޮވިޑަށް ޓެސްޓު ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދެކުނު ކޮރިއާގައި ގޭގޭގައި ގެންގުޅޭ ބުޅަލާއި ކުއްތާތައް ވެސް ކޮވިޑަށް ޓެސްޓު ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

އެޤައުމުގެ ސަރުކާރުން ހާމަ ކޮށްފައިވާ ގޮތުގައި، ގޭގޭގައި ގެންގުޅޭ ބުޅަލާއި ކުއްތާތަކުން ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، އެއެއްޗެހީގެ ވެސް ސާމްޕަލް ނަގައި، ޓެސްޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދެކުނު ކޮރިއާއިން މިހެން ނިންމާފައި މިވަނީ މީގެ ދެތިން ހަފްތާ ކުރިން އެޤައުމުގައި ކުޑަ ބުޅަލެއް ކޮވިޑް-19 އަށް ފައްސި ވުމުންނެވެ.

އެޤައުމުގެ ސަރުކާރުން ހާމަކުރާ ގޮތުގައި، ޖަނަވާރުންގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނީ ހަމައެކަނި ގޭގޭގައި ގެންގުޅޭ ބުޅަލާއި ކުއްތާތައް އެކަންޏެވެ. އެފަދަ ޖަނަވާރުންގެ ކިބައިން ހުން އައުމާއި ނޭވާލާން ދަތިވުންފަދަ އަލާމާތްތައް ފެނިއްޖެނަމަ ޓެސްޓު ކުރާނެ ކަމަށް ދެކުނު ކޮރިއާގެ ސިއްޙަތާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

މިފަދައިން ޓެސްޓު ކުރާ ޖަނަވާރުން ކޮވިޑަށް ފައްސި ވެއްޖެނަމަ، އެއެއްޗެހި ގޭގައި ކަރަންޓީނު ވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޑިޒީޒް ކޮންޓްރޯލް އޮފިޝަލެއް ކަމަށްވާ ޕާކް ޔޫމީ ބުނީ، ކޮވިޑަށް ފައްސިވާ ޖަނަވާރުން އެކަހެރި ކުރަން ނުވަތަ ވަކި ފެސިލިޓީއަކަށް ގެންދިޔުން ކޮންމެހެން މުހިންމު ނޫން ކަމަށެވެ. ނަމަވެސް އެޖަނަވާރެއް ގެންގުޅޭ މީހަކީ ވަރަށް ބަލި މީހެއް ކަމުގައިވާނަމަ، ނުވަތަ އެއެއްޗެއްސަށް އެފަދަ ހާލަތެއްގައި އަޅާނުލެވޭހާ އުމުރުން ދުވަސްވީ މީހެއްނަމަ، އެފަދަ ޖަނަވާރުން އެކަހެރިކޮށް ފެސިލިޓީއަށް ވެސް ގެންދާނެ ކަމަށް ޔޫމީ ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!