އުދައްޔުގެ މަރު: ހައްޔަރުކުރި 3 މީހަކަށް ބަންދުގެ މުއްދަތު ޖަހައިފި
ގއ. މާމެންދޫގައި ހިންގި މާރާމާރީ އާ ގުޅިގެން ހައްޔަރުކޮށްފައިވާ 5 މީހުންގެ ތެރެއިން 3 މީހެއްގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން މިދިޔަ ހޯމަދުވަހު ހައްޔަރުކުރި 3 މީހުންގެ ތެރެއިން 2 މީހަކަށް ކޯޓު އަމުރެއްގެ ދަށުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށާއި 3 ވަނަ މީހާއަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 25 އަހަރާއި 27 އަހަރުގެ ދެމީހުންނާއި 23 އަހަރު އަދި 18 އަހަރުގެ ދެ މީހެކެވެ.
ގއ މާމެންދޫގައި ހިންގި ނުރައްކާތެރި މާރާމާރީގައި އުމުރުން 17 އަހަރުގެ މުހައްމަދު އުދައްޔު ނިޔާވެފައިވާއިރު އޭނާގެ ބޭބެ އުމުރުން 21 އަހަރުގެ ފިރުޝާން ޒާހިރު ވަނީ ޒަހަމް ކޮށްލާފައެވެ. އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ވަނީ ނިންމާފައެވެ.
ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފު އަހްމަދު ވިދާޅުވި ގޮތުގައި އުދައްޔު އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ. އޭނާގެ ބުރަކައްޓަށް ވަޅީން ގިނަ ހަމަލާދިނުމުގެ ސަބަބުން ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަަށާއި އެއްތަނަކަށް އެތައް ފަހަރަކު ވަޅި ޖަހާފައި ވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މި މާރާމާރީގައި ޒަހަމް ކޮށްލި އުދައްޔުގެ ބޭބެގެ ވެސް ހާލު ދެރަ އެވެ.