ދީން

ރަމަޟާންމަހުގައި އެހައި ހިތްހަމަ ޖެހެނީ ކީއްވެކަން ހިތަށް އަރާ ހެއްޔެވެ؟

އާއިޝަތު އަލީނާ ، ދެން އޮންލައިން

ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 19 ދުވަހެވެ. މިއީ ބަރަކާތާއި ސަވާބުގެ މައްސަރެވެ. ބޭނުން މީހަކަށް ބޭނުން މިންވަރަކަށް އެ މަހުގެ ބަރަކާތް ހޯއްދެވެން އޮތް މައްސަރެކެވެ. ޣާފިލްވެފައިވާ ހިތްތައް ސާފުކޮށް ހިދާޔަތުގެ މަގަށް އެނބުރެން މަގުފަހި ކޮށްދޭ މައްސަރެކެވެ.

Ads by Sosun Fihaara

މި ކަންކަމާ އެކު މިއީ އާއިލާތަކަށް ވެސް އުފާވެރި މައްސަރެކެވެ. އާއިލީ މެމްބަރުން އެކީގައި ނާސްތާތަކަށް އިންސާފު ކުރުމާއި ހަދިޔާބަދިޔާ ބަދަލު ކުރުމާ އެކު އަޅުކަމުގައި މަސްޢޫލުވާ މައްސަރެކެވެ. މި ހުރިހައި ކަމަކާ އެކު ރަމަޟާން މަސް ފާހަގަ ކުރެވެނީ އުފާވެރި ހިތްހަމަ ޖެހޭ މައްސަރަކަށެވެ. ވީއިރު މި މަސް އެހައި އުފާވެރި މައްސަރަކަށް ވަނީ ކީއްވެކަން ހިތަށް އަރާ ހެއްޔެވެ؟

ޖަވާބު ވަރަށް ސާދާ ވެފައި ސާފެވެ. އެ މަހަކީ އެކަންކަމެއް ކުރުމަށް އަހަރެމެން ދުނިޔެއަށް ފޮނުއްވި ކަންކަން ކުރާ މައްސަރަކަށް ވާތީއެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ

ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.

ﷲގެ މި ވަޙީ ބަސްފުޅާ އަހަރެމެންގެ ދިރިއުޅުމާ އެންމެ ގުޅުވައިލެވޭ މައްސަރަކީ ރަމަޟާން މަހެވެ. ޝައިތާނާ ކަސްތަޅު އެޅުވި ، އެންމެންމެ ހެޔޮ ކަންތައްތަކަށް އަވަސްވެ ގަނެއެވެ. ފަރުޟު ނަމާދުތައް ޤާއިމުކޮށް ސުންނަތްތަކަށް ދަހިވެ އެކަންކަން ކުރެއެވެ. ޤުރުއާން ބާއްވާލެއްވެވި މި މައްސަރުގައި ޤުރުއާން ކިޔެވުމަށް ޚާއްޞަ ސަމާލުކަމެއް ދެތެވެ. މަދުމިނުން އެއް ޚަތިމު ކުރުމަކީ އަޒުމަކަށް ހަދައެވެ. ވީ މިންވަރަކުން ސަދާޤާތް ކުރެއެވެ.

ހަމައެހެންމެ އާއިލީ ގުޅުންތައް ވަރުގަދަވާ ކަންކަމަކީ ވެސް މި ބަރަކާތްތެރި މައްސަރުގެ ސަބަބުން ފަހިކޮށްދޭ ފުރުސަތެކެވެ. އެހެންކަމުން މުޅި މުޖުތަމަޢު އެކީއެކަށް ހެޔޮކަމުގައި ތިބޭއިރު އަމާންކަމާއި ސަލާމަތްކަން ލިބި ، އުފާވެރި ނުވާންވީ ކީއްވެ ހެއްޔެވެ؟ ހިތްހަމަޖެހުން ޙާޞިލް ނުވާނީ ކީއްވެ ހެއްޔެވެ؟

الله ތައާލާ ވަހީ ކުރައްވާފައި ވެއެވެ.

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ

އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަ ކުރުމުން ނޫން ހެެއްޔެވެ؟

ކުރިއަށް އޮތް ރަމަޟާން މަހާ އަޅަމެން ބައްދަލު ކުރުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާށިއެވެ. އެމަހުގެ ބަރަކާތް އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަ ބަޔަކަށް ވުމުގެ ތައުފީގު ދެއްވާށިއެވެ. އާމީން!

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!