މަތީ ތައުލީމަށް 770 ލޯނުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމް ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ 770 ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވިދާޅުވީ، ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަލަށް ކިޔަވާ 299 ދަރިވަރެއްގެ އިތުރުން މިހާރު ކިޔަވަމުންދާ 471 ދަރިވަރަކަށް ހުޅުވާލާފައިވާ ކަަމަށެވެ.
މާޗު މަހުގެ 4 ވަނަ ދުވަހާ ހަމައަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އިއުލާނުގެ މުއްދަތު ހަމަވުމުގެ ހަތް ދުވަސް ހަމަވުމުގެ ކުރިން ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީން ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭނަމަ އެކަން އަންގައި ރަނގަޅު ކުރުމަށް ފުރުސަތު ދެވޭނެ އެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ކެޓަގަރީން ޕޮއިންޓް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި، އެކަޑަމިކް މެރިޓް ސްކޯއިން އެއްމެ މަތިން ސްކޯރ ކުރާ ފަރާތްތަކަށް ކަމަށެވެ.
ރާއްޖޭން ބޭރުން ކިޔަވަމުންދާ ދަރިވަރުންގެ ކެޓަގަރީން ޕޮއިންޓް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ ކިޔަވަމުންދާ ކޯސް ނިންމުމަށް ކުރު މުއްދަތެއް އޮތް ފަރާތްތަކަށާއި، ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އިތުރުން އެކަޑަމިކް މެރިޓް ސްކޯރއިން އެއްމެ މަތިން ސްކޯ ކުރާ ފަރާތްތަކަށެވެ.
ލޯނާއި ގުޅޭ މައުލޫމާތު ޝެޝަންތައް މި މަހުގެ 18 އަދި 25 ވާ ބުރާސްފަތި ދުވަހު 13:00 އިން 14:00 އަށް ފޭސްބުކް ލައިވް މެދުވެރިކޮށް އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ހުސް އެކައްޗެއް ހަދަނީ. ޒަކާތު ފަންޑުން ވެސް ލޯނު ދެނީ ބަޔަކު މީހުންނަށް. މަޖިލިސް މެންބަރުންގެ ނުފޫޒު ނުވަދެ އެއްކަމެއް ވެސް ނުކުރެވޭނެ. އިސްލާމިކް މިނިސްޓަރީ އަކަސް މަޖިލހަކަސް އެހެން ތަނަކަސް އެހެން ތަނަކަސް ނިކަން ބަލަން ތިބޭތި ވާގޮތް. ޒަކާތު ފަންޑުންވެސް ކުރެވުނު ކަމެއް ކޮށް ކޮށް އުޅެފައި އަދި މިދުނިޔެ ނޫނަސް އެބައޮތް ގޮވައްޗެއް. ވަﷲ އަޢުލަމް