ސީލިންގ ދަށުވި ފިރުޝާނުގެ އެއް ފައި ބުރިކޮށްލައިފި

ބޯމައްޗަށް ސީލިންގ ވެއްޓި މިދިޔަ ހޮނިހިރު ދުވަހު ސީރިއަސް އަނިޔާތަކެއް ލިބުނު، ގދ. ގައްދޫއަށް ނިސްބަތްވާ މުހައްމަދު ފިރުޝާން (17އ.) ގެ ކަނާތު ފައި ބުރިކޮށްލާފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.
މިހާދިސާގައި ފިރުޝާންގެ ބޯމައްޗަށް ސީލިންގ ވެއްޓި އަނިޔާވެފައިވަނީ ރަހުމަތްތެރިންނާ އެކީ ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އެ އަތޮޅު ލޮނަދޫހުއްޓާއަށް ދަތުރު ގޮސް އެތަނުގައި ހުރި އިމާރާތެއްގެ ތެރޭ ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައެވެ.
ލިބުނު އަނިޔާތަކުގެ ސަބަބުން ފިރުޝާންގެ ކަނާތު ފައިގެ ތިން ތަނެއް ބިންދައިގެން ގޮސްފައިވެއެވެ. މީގެ އިތުރުން ބޮލަށާއި އެތެރެހައްޓަށް ވެސް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން ފިރުޝާންގެ އާއިލާ މީހަކު ބުނީ ރޭ ގެ ވަގުތެއްގައި ފިރުޝާންގެ ކަނާތު ފައި ބުރި ކޮށްލާފައިވާ ކަމަށެވެ.
"ރޭގެ ވަގުތެއްގައި ފައި ބުރި ކޮށްލާފަ ވަނީ.އަދި ވީ އައިސީޔޫގައި. ޑޮކްޓަރުން އަދި އޭގެ ފަހުން އަޅުގަނޑުމެންނަށް މައުލޫމާތެއް ނުދެއްވާ. އެހެންވީމަ އޭނަގެ މިވަގުތުގެ ހާލަތާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނާކަށް ނޭނގެ. އަޅުގަނޑުމެންނާ އަދި ބައްދަލު ވެފައެއް ނުވޭ" އާއިލާގެ ފަރާތުން މައުލޫމާތު ދެއްވި އެފަރާތް ބުންޏެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި ތިނަދޫ ހޮސްޕިޓަލުން ފިރުޝާން ގެނައި ފަހުން އޭނާގެ އިތުރު ދެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އޭގެ ތެރެއިން އިއްޔެ ކުރި އޮޕަރޭޝަނުން ފިރުޝާންގެ ކަނާތު ފައި ކަކުލު ހުޅަށްވުރެ ތަންކޮޅެއް މަތިން ބުރިކޮށްލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.