ދީން

މީސްތަކުން ފަޟީޙަތް ނުކުރޭ! މުސްލިމެއްގެ ޢައިބެއް ފޮރުވައިދިން މީހެއްގެ ޢައިބެއް ﷲ ތަޢާލާ ފޮރުއްވައި ދެއްވާނެ!

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރުގެ ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 22 ދުވަހެވެ. ރަޙުމަތާއި ބަރަކާތުން ފުރިފައިވާ މި މައްސަރާ، އެންމެ ހެޔޮ ހާލުގައި އަހަރެމެން ބައްދަލު ކުރައްވާށިއެވެ!

Ads by MWSC

ރަމަޟާން މަހަކީ ތަރުބިއްޔަތުގެ މައްސަރެވެ. އަހަރެމެންގެ ނަފްސުގައިވާ އެންމެހައި ނުބައިކަންކަން ދޫކޮށް ހެޔޮ މަގަށް ރުޖޫޢަ ވާންވީ މައްސަރެވެ. ޙަޔާތަށް މުޅީން ތަފާތު ބަދަލެއް ގެންނަންވީ މައްސަރެވެ. އުފާވެރި ކަމަކީ މި ދެންނެވި މަންޒަރު ރަމަޟާން މަހުގައި އާންމުކޮށް ފެނިގެންދާ ކަމެވެ. އެންމެންމެ އަޅުކަންތަކާއި ހެޔޮ ޢަމަލުތައް މަތީގައި ދެމި ތިބޭ ކަމެވެ.

މި ކަންކަމާ އެކު ވެސް މުޖުތަމަޢުން އަބަދު ވެސް ފެންނަ ހިތާމަވެރި މަންޒަރެއް އެބައޮތެވެ. އެއީ ފަސްމަގުގައި ކުށްފާފަތަކުގައި ތިބެފައި އަލުން އިޞްލާޙް ވާން އެދޭ ޒުވާނުންނަށް ދިމާވާ ވަރަށް ބޮޑު ގޮން ޖެހުމެކެވެ. ހެޔޮ މަގަށް އެނބުރެން މަސައްކަތް ކުރާ ޒުވާނާގެ ޢައިބުތައް މީހުން އާންމު ކުރަމުން ގެންދިޔުމެވެ.

އޭ އަޚުންނާއި އުޚުތުންނޭވެ! ހެޔޮ މަގަށް އަންނަން ބޭނުންވާ ޒުވާނުންނަށް ހިތްވަރު ދޭށެވެ. އެމީހުންގެ ފާފަތަކުގެ ވާހަކަ ދައްކާ ނުހަދާށެވެ.އެމީހުންގެ އައިބުތައް ނުފަތުރާށެވެ. އެކަންކަން ﷲ ތަޢާލާ ވަންހަނާ ކޮށްދެއްވާފައި ވީހިނދު އެހެން މީހުން އެ ވާހަކަތައް ފެތުރުމުގެ އޮތީ ކޮން ޙައްޤެއްތޯއެވެ. ޔަގީންވެ ކަށަވަރުވާ ކަމަކީ ކޮންމެ މީހަކަށް ވެސް ކުށްފާފަ ކުރެވޭނެ ކަމެވެ. މީހުންގެ ފާފަތަކާއި އައިބުގެ ވާހަކަތައް ފަތުރަމުންދާ މީހާ ، މުޖުތަމައުގައި ފަޟީޙަތް ވުމަކީ ވެސް ދާދި ގާތުގައި އޮތް ކަމެކެވެ. އެހެންކަމުން ރަމަޟާން މަހާ ކުރިމަތިލާ އިރު އަހަރެމެން ވިސްނަންވީ ކަމީ ހެޔޮ ކަންކަމަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރުމެވެ. ފާފަތަކުގެ އަނދިރި ދުނިޔޭން ހެޔޮ މަގަށް އަންނަން މަސައްކަތް ކުރާ މީހާގެ އަތުން ދޫނުކޮށް ބާރަށް ހިފެހެއްޓުމެވެ. އޭނާ ފަޟީޙަތް ނުކުރުމެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ﷲ ތަޢާލާ ފޮނުއްވެވި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވައިފައިވެއެވެ. ((وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ يَوْمَ الْقِيَامَةِ )) – رواه البخاري – މާނަ ” އަދި މުސްލިމެއްގެ އުނިކަމެއް ނުވަތަ ޢައިބެއް ދުނިޔޭގައި ފޮރުވައިދީފި މީހަކަށް، ﷲ ތަޢާލާ ޤިޔާމަތްދުވަހުގައި އެމީހެއްގެ ޢައިބެއް ފޮރުއްވައި ދެއްވައެވެ. “

ފަހެ، އާދަމް ޢަލައިހި ސަލާމްއާއި ހައްވާގެފާނުން ފެށިގެން ދުނިޔެއަށް އައިސްފައިވާ އެންމެން އެއްތަންވާ ދުވަހެއްގައި މިއީ އަހަރެމެންނަށް ހޯދެން އޮތް ކިހައި ބޮޑު ހިތްހަމަ ޖެހުމެއްތޯއެވެ. ފަޟީހަތް ނުކުރާށެވެ. ތިމާ ފަޟީޙަތް ވެދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!