ދީން

ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާމީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 20 ދުވަހެވެ. މި މަތިވެރި މައްސަރުގެ ރަޙުމަތާއި ބަރަކާތް ހޯދުމަށް އަހަރެމެން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނައެވެ. އޭގެ ތެރޭގައި އެންމެ މުހިންމު ކަމަކީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ ހެޔޮ ނިޔަތަކާ އެކު އެ މަހާ ބައްދަލު ކުރުމެވެ. އެންމެ ހެޔޮ ހާލުގައި އެމަހާ ބައްދަލު ކުރުމުގެ ނަސީބު ދެއްވާތޯ ދުޢާ ކުރުން މަތީ ދެމި ހުރުމެވެ.

Ads by Hajj Corporation

މިކަންކަމުގެ އިތުރުން ވެސް ޙަޔާތް ބަދަލުކޮށްލާނެ ފަދަ ރަމަޟާން މަހެއް ހޯދުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ބައިވަރެވެ. އީމާނުގެ ފޮނި މީރުކަން ޙަޔާތަށް ހޯދަން ބޭނުންވާ ނަމަ އިޞްލާޙް ކުރަން ޖެހޭ ކަންކަން ، ފާފައިން ފޯވެފައިވާ މި ނަފްސުތަކުގައި ގިނައެވެ.

އޭގެ ތެރެއިން މުހިންމު އެއް ކަމަކީ ކެނޑިފައިވާ ގުޅުންތައް އަލުން ބަދަހި ކޮށްލުމެވެ.

ތެދެކެވެ. މި އަޑިގުޑަން ގިނަ ، ފަސާދަވެރި މުޖުތަމައުތަކުގައި ދިރިއުޅެމުންދާއިރު ގިނަ ކަންކަމަކާ ކުރިމަތި ލާން ޖެހެއެވެ. ބޭއިންސާފާއި އަނިޔާވެރިކަންކަމާ ކުރިމަތިލައި ހިތްދަތި ވާން ޖެހެނީ އެކަންކަން ކުރިމަތި ކުރުވަނީ ދުރު މީހުންނަށް ނުވާތީއެވެ. އެހެނީ ، ޙައްޤު ނޫން ގޮތުގައި މަލާމާތާއި ފުރައްސާރައާއި ބޭއިންސާފު ، އާއިލާއާ ރަޙުމަތްތެރީންގެ ފަރާތުން ލިބެނީ މަދެއް ކޮށެއް ނޫނެވެ.

ކަން ހުރީ މިހެން ނަމަވެސް ކުރިމަތީގައި އޮތީ ރަނުގެ ފުރުސަތެކެވެ. ތަރުބަވީ މަދަރުސާއެކެވެ. އެއީ ޙަޔާތަށް އަލިކަން ގެނުވައި ކުރިމަގު ބަދަލު ކޮށްލާނެ މޫސުމަކަށް ހަދަމާ ހެއްޔެވެ؟ މަޢާފަށް އެދުމާއި މަޢާފު ދިނުމާއެކު ކެނޑިފައިވާ ގުޅުންތައް އަލުން ބަދަހި ކޮށްލާ ، ﷲ ތަޢާލާ ދެއްވި މި ބޮޑު ނިޢުމަތް ކަމަށްވާ އާއިލީ ގުޅުންތަކާއި ރަޙުމަތްތެރިކަމުގެ ގުޅުންތަކަށް ދިރުން ދެމާ ހެއްޔެވެ؟

އިބްނު މަސްޢޫދު رضي الله عنه ގެ ކިބައިން އަލްއިމާމު އަޙްމަދު ރިވާ ކުރައްވައިފައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެކަލޭގެފާނު ރިވާކުރެއްވިއެވެ. ޙަދީޘް ކުރެއްވިއެވެ. (إنَّ بَيْنَ يَدَيِ السَّاعَة… قَطْعُ الأَرْحَامِ)[4] މާނައީ: “ހަމަކަށަރުން ޤިޔާމަތާ ކައިރީގައި… ރަޙިމުގެ ގުޅުން ކެނޑުން ވެއެވެ.”

ރަޙިމުގެ ގުޅުން ޤާއިމު ކުރެވޭނީ އެކަމަށް ސަމާލުކަން ދީގެން އެބައިމީހުންގެ ގާތަށް ޒިޔާރާތް ކޮށްގެންނެވެ. އަދި އެބައިމީހުންކުރެ މާތް މީހުންނަށް އިޙްތިރާމު ކުރުމާއި ބަލިމީހުންނަށް ޒިޔާރަތް ކުރުމާއި ދަތިޙާލުގައިވާ މީހުންނަށް ފަސޭހަކޮށްދިނުމާއި އެބައިމީހުންގެ ޙާލު ބެލުން ވެސް އެކަމުގައި ހިމެނެއެވެ.

ރަސޫލުﷲ -ޞައްލަﷲ އަލައިހި ވަސައްލަމަގެ ކިބައިން ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާ ކުރެއްވިއެވެ. “ރަޙިމްގެ ގުޅުމަކީ ރަޙްމާންވަންތަ ﷲ ތަޢާލާއާ ގުޅިފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ރަޙިމްގެ ގުޅުން ގާއިމް ކޮށްފި މީހަކަށް ތިމަންﷲ ގުޅުން ގާއިމް ކޮށްދެއްވާ ހުށީމެވެ. އަދި އެގުޅުން ކަނޑައިފި މީހެއްގެ ގުޅުން ކަނޑުއްވާ ހުށީމެވެ”.

«لَا يَدْخُلُ الْجَنَّةَ قَاطِعٌ» متفقٌ عَلَيهِ.

ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާމީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.

ޔާ ﷲ! ގާތްތިމާގެ ގުޅުން ކެނޑިފައި ހާލު އަޅަމެންގެ މަރު ނުހިއްޕަވާންދޭވެ! އަޅަމެންގެ ގުޅުންތައް ބަދަހި ކުރުމުގެ ތައުފީގު ދެއްވާ އަޅަމެންގެ އާއިލާގެ މެދުގައި ލޯތްބާއި ކުލުނު އިތުރު ކުރައްވާށިއެވެ! އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!