އަޅުގަނޑުމެން މިތިބީ ދިން ހޯމްވޯކް ވަރަށް ރަނގަޅަށް ހަދައިގެން: ހަބީބު

އިލެކްޝަން ކޮމިޝަނުން ހޯމްވޯކް ނުހަދާ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް އެކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ރައްދު ދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ހަބީބު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަކައި ޤާނޫނަށް ގެނައި ބަދަލުތަކާއެކު އިލެކްޝަން ކޮމިޝަނުން ހަދަންޖެހޭ ހުރިހާ ހޯމްވޯކެއް ހަދައި ނިންމާފައިވާ ކަމަށެވެ. އަދި ހޯމްވޯކްތައް ހެދުމުގައި ކޮމިޝަނުން ވަރަށް ފަރިތަކަމާއެކު އެކަން ކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގޮތުން ހުރި ގޮންޖެހުންތަކާއި، މާލީ ގޮންޖެހުންތައް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށާއި މަސައްކަތް ކުރަމުން ދަނީ އިންތިޚާބު ބޭއްވުމަށް ހުރި ޤާނޫނީ އިމުގެ ތެރެއިން އެއްވެސް މައްސަލައެއް ދިމާ ނުވާނެ ގޮތަކަށް އިންތިޚާބު ބޭއްވުމަށް ކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބު މިހެން ވިދާޅުވެފައި މިވަނީ އިލެކްޝަން ކޮމިޝަނުން ހޯމްވޯކް ނުހަދާ ކަމަށް މަޖިލިސް ރައީސް ވިދާޅުވެފައި ވަނިކޮށެވެ.
އެޗްޕީއޭއިން އެކުލަވާލި ގައިޑްލައިންގެ ދަށުން އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތައްޔާރު ވަމުންނެވެ.