ދީން

މަރުވެފައިވާ މީހުން މެދުވެރިކޮށް ކަންކަމަށް އެދުން ، ދީނީ ނަޒަރަކުން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދުއާ ކުރުމަކީ އެންމެހާ މުސްލިމުންގެ މައްޗަށް ކުރަން އަންގަވައިފައިވާ ކަމެކެވެ. ފަހެ ހަމަ ކަށަވަރުން ކުރިމަތިވާ އެންމެހާ ކަންކަމުގައި الله އަށް ދުޢާ ދެންނެވުމަކީ މުސްލިމުންގެ އުސޫލެވެ.

Ads by STELCO

އަޅުކަންތަކަކީ ހަމައެކަނި މަތިވެރިވެގެންވާ ﷲ އަށް ޚާއްޞަ ކުރެވިގެންވާ ކަމެކެވެ. އަޅުކަމުގެ އެއްވެސް މިންވަރެއް މާތްﷲ ނޫން ފަރާތަކަށް ކުރުމަކީ ﷲ އާ އެހެން ފަރާތެއް ބައިވެރި ކުރުމެވެ. ( ޝިރްކު ކުރުމެވެ.) އަދި ހަމަކަށަވަރުން ﷲ ގެ ފޮތާއި، މާތް ނަބިއްޔާ  صلى الله عليه وسلم  ސުންނަތާއި، ދަންނަ ބޭކަލުންގެ އިޖުމާޢު، ﷲ ނޫން ފަރާތަކަށް ދުޢާކުރުމަކީ ކަނޑައެޅިގެން ޙަރާމްކަމެއްކަން ދަލީލު ކުރެއެވެ.

އެގޮތުން މަރުވެފައިވާ މީހުން މެދުވެރިކޮށް ކަންކަމަށް އެދުމާއި، ކަންކަމުގައި އެހުމަކީ އެއީ ރަނގަޅު ކަމެއް ނޫނެވެ. އެހެނީ އެއްވެސް ކަހަލަ މަދަދަކަށް އެދި ދަންނަވަން ވާނެ ހަމައެކަނި ފަރާތަކީ މާތްﷲ އެވެ. އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެހެނީ އެއީ ޝިރުކު ކުރުމެވެ.

މިކަމާ ގުޅިގެން ކީރިތި ޤުރުއާނުގައި ޔޫނުސް ސޫރަތުގެ 106 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "މާތް ﷲ ފިޔަވައި ކަލޭގެފާނަށް މަންފާއެއް ނުދޭނޭ އަދި ކަލޭގެފާނަށް ގެއްލުމެއް ވެސް ނުދޭނޭ ތަކެއްޗަށް ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެއެކަން ކުރައްވައިފިނަމަ އެއިރުން ކަލޭގެފާނުވެސް ވާނީ އަނިޔާވެރިވީ މީހުންގެ ތެރެއިންނެވެ." 

އިސްވެ ދިޔަ އާޔަތުން ވެސް އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުމުގެ ނުބައިކަން އެނގިގެން ދެއެވެ. އަދި މަރުވެފައިވާ މީހުން މެދުވެރިކޮށް ކަންކަމުގައި އެހީ ހޯދުމާއި، ކަންކަމަށް އެދުމަކީ ޝިރުކުގެ ޢަމަލެކެވެ. އެފަދަ ކަންކަމާ ދުރުވުމަށް އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރި ވަމެވެ،

 

މަސްދަރު / ފަތުވާ : ނޫރުލް އިސްލާމް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!