އާ މަންޙަޖަށް އިސްލާމްޓީޗަރުން ހޭލުންތެރި ކުރުމުގެ ގޮތުން ހިލޭ ސާބަހަށް ވޯކްޝޮޕެއް ބާއްވައިފި
އާ މަންޙަޖަށް އިސްލާމްޓީޗަރުން ހޭލުންތެރި ކުރުމުގެ ގޮތުން، މުޅިން ހިލޭ ސާބަހަށް ވޯކްޝޮޕެއް ބާއްވައިފިއެވެ.
މިވޯކްޝޮޕަކީ ރެހެންދި ސްކޫލްގެ ސީނިއަރ ލީޑިންގ ޓީޗަރ ޤާސިމް މުޙައްމަދު (ގާބެ ސަރ) އިސްކޮށް ހުންނަވާ ހިންގެވި ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ގާބެ ސަރ ވިދާޅުވީ މި ވޯކްޝަޕްގައި މައިގަނޑު ގޮތެއްގައި ކިޔަވައިދިނީ އާ މަންހަޖަށް ޓީޗަރުން ހޭލުންތެރި ކުރުމުގެ ބައިތައް ކަމަށެވެ.
"އާ މަންޙަޖުގައި މިހުރީ އައުޓްކަމްސްތައް ހާސިލުވާ ގޮތަށް ލެސަން ޕްލޭންކޮށް ކިޔަވާ ދިނުމާ، އެއައުޓްކަމްތައް ޙާސިލުވާނެ ގޮތަށް ޕޭޕަރު ހަދާނީ ކިހިނެއްތޯ އާއި ޕޭޕަރާއެކު ޓީއޯ ވެސް ތައްޔާރު ކުރާނެ ގޮތާއި، މިހުރިހާ ކަމަކަށާއި އަދި ޓެސްޓު ޕޭޕަރު އެކުލަވާލާފައި ދަރިވަރުންނަށް ޕޭޕަރު ދޭއިރުގައި ވިސްނަން ޖެހޭ ކަންތައްތައް. ދެން ޕޭޕަރާ އެއްވަރަށް މާކިންގ ސްކިލް ހެދުމަށްޓަކައި ޓީޗަރުންނަށް ކުރެވިދާނެ ކަންތައްތައް" ގާބެ ސަރ ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްމަދަރުސާ ތަކެއްގައި މަސައްކަތްކުރައްވާ ކީސްޓޭޖް 4 އަދި 5 ގެ އިސްލާމް ޓީޗަރުންނަށް އަމާޒުކޮށްގެން ބޭއްވުނު މި ވާރކްޝޮޕް އިންތިޒާމުކުރީ އެސް.އެސް.ސީ އިސްލާމް މާއްދާއިން ދަރިވަރުންނަށް ބޭނުންވާނެ ތަފާތު ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ޓަކައި ވުޖޫދަށް ގެނެސްފައިވާ "އެސް.އެސް.ސީ އިސްލާމް ވިތް ޤާސިމް މުޙައްމަދު" ފޭސްބުކް ޕޭޖްގެ ފަރާތުންނެވެ.
އޮންލައިންކޮށް ބޭއްވި މި ވާރކްޝޮޕްގައި މާލޭގެ ބޮޑެތި ގިނަސްކޫލްތަކުގެ އިސްލާމް މުދައްރިސުންނާއި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގައި ކިޔަވައިދެއްވުމުގެ މަސައްކަތްކުރައްވާ ސެކަންޑަރީ، ހަޔަރ ސެކަންޑަރީ މުދައްރިސުންގެ ތެރެއިން 160 އަށްވުރެ ޓީޗަރުން ބައިވެރިވެ ވަޑައިގަތެވެ.
މި ވާރކްޝޮޕް ބޭއްވީ 19 ފެބްރުއަރީ 2021 ވީ ހުކުރު ދުވަހުގެ ރޭ 9:00 އިން 10:30 އަށެވެ. މި ވާރކްޝޮޕްގައި ކިޔަވައިދެއްވީ އައްޝައިޚް އަޙްމަދު ސުލައިމާނެވެ.
މި ވޯކްޝޮޕަކީ ވަރަށް ބޭނުންތެރި ވޯކްޝޮޕެއްކަން، އޭގައި ބައިވެރިވި މުދައްރިސުން ފާހަގަ ކުރެއްވި ކަމަށެވެ. އެހެންކަމުން އެފަދަ ވޯކްޝޮޕެއް ކައިރި މުސްތަޤްބަލެއްގައި ހިލޭ ސާބަހަށް އަދިވެސް ބާއްވާނެކަމަށް ގާބެ ސަރ ވިދާޅުވިއެވެ.
"މި ވޯކްޝޮޕް ހިންގުމުގައި އަޅުގަނޑަށް ބައެއް އިސްލާމް ޓީޗަރުންގެ ފަރާތުންވެސް އެހީތެރިކަން ލިބުނު. ވޯކްޝޮޕް ހިންގުމަށް ވަރަށް މުހިންމު ޚިޔާލުތަކެއް ލިބިގެންދިޔަ އަޅުގަނޑަށް" އެމުދައްރިސުންނަށް ވެސް ޝުކުރު އަދާ ކުރައްވަމުން ގާބެ ސަރ ފާހަގަ ކުރެއްވިއެވެ.