އައުރަ ނިވާނުކޮށް އުޅޭ މީހަކު މަރުވުމުން، އޭނާއަށްވާ ގޮތް އެނގޭތަ؟
އައުރަ ނިވާ ކުރުމަށް އެންމެހާ މުސްލިމުންގެ މައްޗަށް މާތްﷲ ވަނީ އަމުރު ކުރައްވާފައެވެ. ފިރިހެނާގެ އައުރައަކީ ފޫޅާއި ކަކުލާ ދެމެދަށް ވާއިރު، އަންހެނާގެ އައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވާ އެހެން ހުރިހާ ތަނެކެވެ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންގެ މި މުޖުތަމަޢުން ފެނިގެން ދަނީ އަންހެނުން ފާޅުކަން ބޮޑު ހެދުމުގައި ސޯޝަލް މީޑިއާގެ އެކި މަންސަތައް ފަތަހަ ކުރަމުން އަންނަ މަންޒަރެވެ. އެގޮތުން ޝައިޠާނާ އެންމެ އުފާ ކުރާ ކަމަކީ ވެސް އާދަމުގެ ދަރީން ބަރަހަނާވެ އުޅޭ އުޅުމެވެ.
އެހެން ކަމުން އެސޮރު، އާދަމު ޢަލައިހިއްސަލާމުގެ ދެކަލުން ސުވަރުގެއިން ބޭރު ކޮށްލުމަށް ރޭވި ރޭވުމުގައި ވެސް ޖެހި މަޅިފައްޗަކީ މަނާ ކުރެވުނު ގަހުން އެބޭކަލުން ފަރީކުޅުއްވުމަށް ޓަކައި ވަސްވާސް ދީ ހެދުމެވެ. އަދި އެދެކަލުންގެ ހެދުންކޮޅުން އެދެކަލުން ބޭރުކޮށް ބަރަހަނާ ކޮށްލުމެވެ. އެއީ އެދެކަލުން އެގޮތުގައި ސުވަރުގެއިން ބޭރު ކޮށްލުމަށެވެ. އެދެކަލުންގެ ޢައުރަ ގުނަން ހާމަކުރުމަށް ޓަކައެވެ. އެހެންކަމުން އިސްލާމް ދީނުގައި ޢައުރަ ނިވާ ކުރުމަށް ވަނީ ވަރަށް ބޮޑަށް ސަމާލުކަން ދެއްވާފައެވެ. އަންހެނުންގެ ޢިއްޒަތާއި ޝަރަފުކަމުގައި ވާތީއެވެ. އެކަނބަލުންގެ ކަރާމަތް ސަލާމަތް ކުރެވޭނީ އެކަމުގައި ކަމަށް ވާތީއެވެ.
މިކަމާ ގުޅިގެން މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ "ނަރަކަވެރިންގެ ދެޖަމާޢަތެއް ވެއެވެ. އޭގެ ތެރެއިން އެއްބަޔަކީ ހެދުން ލައިގެން އޮރިޔާމުން އުޅޭ އަންހެނުންނެވެ. ތިމަންމެންގެ ހިތް އަނެކުންނަށް ދެމުން އަނެކުންގެ ހިތް އަތުލަމުން ފާޑުފާޑަށް ބޮލުގެ އިސްތަށިގަނޑު ގަތައިގެން ހެދިލައިގެން ދާނެއެވެ. މިކަނބަލުންނަށް ސުވަރުގެ ނުދެވޭ ހުއްޓެވެ. އަދި ސުވަރުގޭގެ ވަސްޖެހޭ ހިސާބަށް ވެސް ކުއްތަން ނުވެވޭ ހުއްޓެވެ. އެތާނގެ ވަހަކީ އެތަކެއް މޭލުކޮޅަށް ފެތުރިފައިވާ ވަހެކެވެ."
އެންމެހާ މީސްތަކުންނޭވެ. އައުރަ ނިވާ ނުކޮށް އުޅޭ އިންސާނަކު މަރުވުމަށް ފަހު ލިބޭ ވޭންދެނިވި ޢަޒާބު، ކީރިތި ރަސޫލާގެ މި ޙަދީޘް ބަސްފުޅުން ވެސް ދޭހަ ވެގެން ދެއެވެ. ދުޢާ އަކީ މާތް ﷲ އަޅުގަނޑުމެން އެންމެން މިފަދަ ސުންޕާ ފާފަތަކުން ސަލާމަތް ކުރައްވާ، ހެޔޮ ވިސްނުން ދެއްވާ އާޚިރަތް ކާމިޔާބު ކުރުމުގެ ހެޔޮ ތަޢުފީޤު ލިބުމެވެ. އާމީން!
މަސްދަރު: ޙުސައިން ރަޝީދު އަޙްމަދު / ނޫރުލް އިސްލާމް