ރިޕޯޓް

ތުނބުޅި ހަޑިވިޔަސް ، ކަންފަތް ފާރު ވިޔަސް ކުރާނެ ކަމެއް ނެތް! އެންމެންގެ ސަލާމަތަށްޓަކައި މާސްކް ދޫކޮށްލެވޭކަށް ނެތް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ޢާލަމީ ވަބާ، ކޮވިޑް-19ގެ ސަބަބުން މިއަދު އަހަރެމެން އެންމެންނަށް ވެސް މަޖުބޫރު ވެފައި މިވަނީ ސިއްހީ މާހިރުންގެ ބަހަށް ތަބަޢަވެ ހެދިފައިވާ އުސޫލްތަކަށާއި ގަވައިދުތަކަކަށް އަމަލު ކުރުމަަށެވެ. އެގޮތުން، މާސްކު އެޅުމަކީ މި ބަލި ދުނިޔޭގައި ފެތުރެން ފެށީއްސުރެ ވެސް ކުރުމަށް ގިނަ ސިއްހީ މާހިރުން ބާރު އަޅަމުން ދާ އެންމެ މުހިންމު ކަމެވެ.

Ads by MWSC

މާސްކު އެޅުމަކީ ހަގީގަތުގައި ގިނަ ބަޔަކު ކުރާ ހިތްވާ ކަމެއް ނޫނެވެ. މާސްކު އެޅުމުން ކަންފަތަށް ތަދުވާތީ އުޅޭ ގިނަ ބަޔަކު ފެނެއެވެ. ނޭވާ ހާސްވެގެން އުޅޭ އެތައް ބަޔަކު ފެނެއެވެ. އަދި ބަންދުވެ އުދާސްވުމުން ހޫނުވުމަކީ ވެސް ގިނަ ބައެއްގެ ޝަކުވާއެކެވެ. ނަމަވެސް މިއަދު އެންމެންގެ ރައްކާތެރިކަމަށް ޓަކައި މިކަން ކުރުމަކީ މަޖުބޫރު ކަމަކަށް މިވަނީ ވެފައެވެ،

ދާދި އިހަކަށް ދުވަހު މީހަކު ބުނި އަޑު އެހީމެވެ. މާސްކު އަޅައިގެން އުޅެން ޖެހޭތީ މިހާރު ތުނބުޅި ވެސް ހުންނަނީ އަބަދު ހަޑިވެފައެވެ. ސަމާސާއަކަށް އެމީހާ އެހެން ބުނި ނަމަވެސް ހަގީގަތުގައި މާސްކު އަޅަން ޖެހުމުގެ ސަބަބުން ތުނބުޅި ހަޑިވާތީ އުނދަގޫ ވެގެން ނުވަތަ އެކަމާ ކަންބޮޑުވަނީ ކިތައް މީހުންތޯ ބަލާލުމުގެ ޝައުގު ހިތުގައި އުފެދުނެވެ. އެހެން ކަމުން ތުނބުޅި ދިގުކޮށްފައި ތިބޭ ބައެއް ޒުވާނުންނާ ސުވާލު ކޮށްލީމެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އުމުރުން 24 އަހަރުގެ ޒުވާނަކު "ދެން"އާ ވާހަކަ ދައްކަމުން ބުނީ މާސްކު އަޅަން ޖެހޭތީ މިހާރު ތުނބުޅި ދިގު ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި މާސްކުގެ ސަބަބުން އަބަދުވެސް ތުނބުޅި އޮންނަނީ ހޭވިފައި ކަމަށެވެ. އަދި ތުނބުޅި ދިގު އިރު މާސްކު އެޅުމުން އަނގަޔަށް އިސްތަށި ވަދެ އެކަހަލަ އުނދަގޫ ތަކާ ވެސް ކުރިމަތި ލާން ޖެހޭ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

މީގެ އިތުރުން ފޭސްބުކުގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "މާސްކު އަޅަން ފެށި ފަހުން މިއުޅެނީ ތުނބުޅި ބިނދިގެން" ކަމަށެވެ. ސަމާސާއަކަށް ކޮށްފައިވާ މި ޕޯސްޓު ގިނަ ބަޔަކު ޝެއަރ ކޮށްފައިވާއިރު ގިނަ ބަޔަކު ބުނެފައިވަނީ މިއީ ތެދު ވާހަކައެއް ކަމަށެވެ.

ކޮންމެ ގޮތެއް ވިޔަސް، ތުނބުޅި ހަޑިވަނީއޭ ކިޔާ މާސްކު ނާޅާ އުޅެން މިހާރު ހެޔޮ ނުވާނެ ކަން ޔަގީނެވެ. އެހެނީ އިސްތަށިގަނޑު ހަޑިވަނީއޭ ބުނެ ހެލްމެޓު ނާޅާ ބްރިޖް މައްޗަށް އެރުމަކީ ވެސް ރައްކާތެރި ގޮތެއް ނޫނެވެ. މިއީ ވެސް ހަމަ އެފަދަ ކަމެކެވެ. ތުނބުޅި ބިނދިގެން ވިޔަސް އަދި ކަންފަތް ފާރުކޮށްގެން ވިޔަސް  ކުރިމަތިވެފައި މިވާ ކޮވިޑް-19ގެ ބަލިމަޑުކަމުން މިންޖުވުމަށްޓަކައި މާސްކު އެޅުން ނޫން ގޮތެއް ނެތްތާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!