ހަގީގީ ހާދިސާ ދީން

އުމުރުން ދުވަސްވީ މީހަކު ކުރަމުން އައި ދުޢާ އިޖާބަކުރެއްވި އާދަޔާ ޚިލާފު ގޮތް!

ދެން އެމްވީ ، ދެން އޮންލައިން

މިއީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް އޭނާގެ ދަރުހެއްގައި ކިޔާދެއްވާފައިވާ ވާހަކައެކެވެ.

Ads by MWSC

"އެއް ޒަމާނެއްގައި އުޅުނު ޝެއިޚެކެވެ. އެޝެއިޚާއި ދިމާވި ޕާކިސްތާނުގެ ޑޮކްޓަރަކު އޭނާއަށް ކިޔައިދެއްވި ވާހަކައެކެވެ. އެޑޮކްޓަރަކީ ނާރުގެބަލިތަކަށް ޚާއްސަ ވަރަށް ނަން މަޝްހޫރު ޑޮކްޓަރެކެވެ. އޭނާގެ އެޕޮއިންޓްމެންޓެއް ވެސް ލިބެނީ ވަރަށް އުނދަގުލުން އަދި އެހާމެ ގިނަ ދުވަހުންނެވެ.

އެޑޮކްޓަރު ޝެއިޚް އަށް ކިޔައިދިނެވެ. އެއް ސިޓީއިން އަނެއް ސިޓީއަށް އޭނާ ދަތުރު ކުރަމުން ދިޔައެވެ. ބަލިމީހުން ބެލުމަށެވެ. އޭނާ އަބަދުމެ އުޅެނީ ވަރަށް ވެސް ބުރަކޮށެވެ.

އެއްފަހަރު އެހެން ކުރި ދަތުރެކެވެ. މަތިންދާ ބޯޓުގައި އެޑޮކްޓަރު އިންދާ ކުއްލިއަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވި ކަމަށާއި، ބޯކޮށް ވާރޭވެހި ވިދާ ގުގުރިކަމަށް ވެސް ބުންޏެވެ. އެހެންކަމުން ދަތުރު އިތުރަށް ކުރިއަށް ނުގެންދެވިގެންނާއި ބޯޓަށްވެސް ގެއްލުމެއް ލިބިގެން، އެހިސާބުން ޕައިލެޓުން ނިންމީ އެއިރު ތިބިތަނަށް ޖެއްސުމަށެވެ.

އެމީހުން ޖެއްސީ ކުޑަ އަވަށަކަށެވެ. އެތަނުގައި އެވަރަށް މީހުންނެއް ވެސް ނެތެވެ. އެހެންކަމުން ޑޮކްޓަރު ޕައިލެޓު ކައިރީގައި އެތަނުގައި މަޑުކުރާނީ ކިހާ އިރެއް ވަންދެންތޯ އެއްސެވެ.

ޕައިލެޓު ބުނީ ވަރަށް ގިނައިރު ވާނެ ކަމަށެވެ. ޑޮކްޓަރު ދާން ބޭނުންވާ ތަނަށް އަވަހަށް ދާންޖެހޭ ކަމަށް ބުނުމުން ޕައިލެޓު ބުނީ ޑޮކްޓަރު ދާން ބޭނުންވާ ތަނަށް އެންމެ ތިން ގަޑިއިރުން ދެވިދާނެ ކަމަށާއި ވެހިކަލެއްގައި ދިޔުމަށެވެ.

އެހެންކަމުން އެޑޮކްޓަރު އެތަނުން ވެހިކަލަކަށް އަރައިގެން އޭނާގެ މަންޒިލަށް ވާސިލުވެވޭތޯ ދަތުރުފެށިއެވެ.

ނަމަވެސް އެއިރުވެސް ވަރަށް ބޯކޮށް ވާރޭ ވެހި ވިދާ ގުގުރައެވެ.

މަގުތަކުގައި ކިސަނޑު ހެދުމުގެ ސަބަބުން އެވެހިކަލަށް ވެސް މާދުރަކަށް ނުދެވުނެވެ. އެހެންކަމުން ވެހިކަލް ދުއްވަން އިން ޑްރައިވަރު އެޑޮކްޓަރު ކައިރީ ބުނީ އިތުރަށް ކުރިއަށް ދެވޭނެހެން ހީނުވާ ކަމަށާއި، އެތާ ކައިރީގައި ކުޑަ ގެއެއް ހުރި ކަމަށެވެ. އަދި ބޭނުމިއްޔާ އެތަނުގައި މަޑުކޮށް ނަމާދު ވެސް ކޮށްލެވިދާނެ ކަމަށެވެ.

ޑޮކްޓަރަށް ވެސް އެއީ ރަނގަޅު ޙިޔާލެއް ކަމަށް ވިސްނި، އެގެއާއި ދިމާލަށް އޭނާގެ ސާމާނު ހިފައިގެން މިސްރާބު ޖެހިއެވެ. އެގެއާއި ހަމައަށް ދެވުމުން ދޮރުގައި ޓަކި ޖަހާލުމުން ދޮރު ހުޅުވީ އުމުރުން ވަރަށް ދުވަސްވީ އަންހެނެކެވެ.

އެޑޮކްޓަރު އެއަންހެންމީހާ ކައިރީގައި ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. އަދި އޭނާ ނަމާދު ވަގުތު ޖެހުމުން ނަމާދު ކޮށްލެވެން ދެން އެގޭގައި މަޑު ކުރެވިދާނެތޯ ސުވާލު ކުރިއެވެ.

އެގެއަށް ނަޒަރު ހިންގާލުމުން ޑޮކްޓަރަށް ފެނުނީ ތަޅުންގަނޑުގައި އަޅާފައިވާ މުސައްލައަކާއި، މުސައްލަ ކައިރީގައި ހުރި ކުޑަ މޭޒެއް މަތިގައި އޮތް މުސްހަފެކެވެ. ކޮޓަރީގެ އެއް ފަރާތެއްގައި، އެނދެއްގެ މަތީގައި ކުޑަ ކުއްޖަކު ވެސް އޮތެވެ. އެއުމުރުން ދުވަސްވީ އަންހެން މީހާ އިރުއިރު ކޮޅުން އެކުއްޖާގެ ހާލު ބަލާލާފައި، މުސައްލަ މަތީގައި އިށީނދެ ދުޢާ ކުރަން ފަށައެވެ.

ޑޮކްޓަރާއި ވެހިކަލް ދުއްވަން އިން ޑްރައިވަރުން އެގެއިން ފަތިސް ނަމާދު ކުރުމަށްފަހު، އެނބުރި ދަތުރައިގެން ދިޔުމުގެ ކުރިން އަންހެން މީހާއަށް ޝުކުރު އަދާކޮށް އެކުޑަ ކުއްޖާއަށް ވެފައި އޮތީ ކީއްތޯ ސުވާލު ކުރިއެވެ.

އަންހެންމީހާ ބުނީ އެކުއްޖާއަކީ ޔަތީމު ކުއްޖެއް ކަމަށާއި އެކުއްޖާގެ ހާލު ރަނގަޅު ނޫން ކަމަށާއި ވަރަށް ބަލި ކަމަށެވެ. އަދި ވަރަށް ގިނަ ޑޮކްޓަރުންނަށް ވެސް ދެއްކިއްޖެ ކަމަށް އަންހެން މީހާ ބުންޏެވެ. އަންހެން މީހާާއަކީ އެކުއްޖާގެ މާމަ ކަމަށާއި ޑޮކްޓަރުން ބުނެފައިވަނީ އެކުއްޖާ ރަނގަޅު ކުރެވިދާނެ ކަމަށް ލަފާ ކުރެވެނީ އެންމެ ޑޮކްޓަރަކަށް ކަމަށެވެ.

އެއީ ވަރަށް ނަން މަޝްހޫރު ނިއުރޮލޮޖިސްޓެއް ކަމަށާއި އޭނާއަށް ފަސޭހައިން އެޕޮއިންޓްމެންޓެއް ނުލިބޭ ކަމަށް ބުނި ކަމަށް ވެސް އަންހެން މީހާ ބުންޏެވެ. އަދި އެޕޮއިންޓްމަންޓެއް ހޯދަން ދިޔުމުން އެންމެ އަވަހަށް ވެސް ލިބޭނީ ހަ މަސް ދުވަސް ފަހުން ކަމަށް ވެސް ބުންޏެވެ.

އޭގެ ފަހުން އެއަންހެން މީހާ އަބަދުވެސް މާތް ﷲ ޙަޞްރަތުން ދުޢާ ދަންނަވާ ކަމަށާއި ދުޢާ ދަންނަވަނީ ކަންކަން ފަސޭހައ ކޮށްދެއްވުމަށާއި އެކުއްޖާ ބަލިވެ އުޅޭތީ އަވަސް ޝިފާއެއް ދެއްވުމަށް ކަމަށް ވެސް ބުންޏެވެ.

ޑޮކްޓަރު އެއަންހެން މީހާ ބުނި ޑޮކްޓަރަށް ކިޔަނީ ކޮން ނަމެއްތޯ އެހުމުން އޭނާ ބުނީ، އެޑޮކްޓަރަށް ކިޔަނީ ޑރ. އިޝާން ކަމަށެވެ.

އެހެން ބުނުމުން ޑޮކްޓަރަށް ރޮވެން ފެށުނެވެ. އަންހެން މީހާ އެކަމާއި ސުވާލު ކުރުމުން ޑޮކްޓަރު ބުނީ އެއަންހެން މީހާގެ ދުޢާ އިޖާބަ ކުރައްވައިފި ކަމަށެވެ. އެދުޢާގެ ސަބަބުން މޫސުންވެސް އެވަރަށް ގޯސްވެ ޑޮކްޓަރަށް ދާން އުޅުނު ތަނަށް ނުދެވި އެގެއާއި ހަމައަށް މާތް ﷲ ގެ އިރާދަފުޅުން ޑޮކްޓަރު ގެނައީ ކަމަށް ބުންޏެވެ. އޭނާއަކީ ޑރ. އިޝާން ކަމަށް ބުނެ ޑޮކްޓަރު ބުނީ އެއީ އަންހެން މީހާ ކުރި ދުޢާގެ ސަބަބުން މާތް ﷲ ގެ އިރާދަފުޅާއެކު ދިމާވި ކަމެއް ކަމަށެވެ.

ޑޮކްޓަރު އެއަންހެން މީހާގެ މާމަ ދަރިއަށް ފަރުވާ ކޮށްދެއްވީ ހިލޭ ސާބަހަށެވެ."

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!