އުތުރު ތިލަފަޅަކީ އެއްވެސް ބަޔަކަށް އެކްސްކުލޫސިވިޓީ ދޭން ޖެހޭ ތަނެއް ނޫން
އުތުރު ތިލަފަޅަކީ އެއްވެސް ބަޔަކަށް އެކްސްކުލޫސިވިޓީ ދޭން ޖެހޭ ތަނެއް ނޫން ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުން ގެންގުޅުއްވި ވިސްނުމަކީ އެއީ ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދުގެ ސަރުކާރުންނާއި ބައެއް މީޑިއާތަކުން އުތުރުތިލަފަޅުގެ މަޝްރޫއާ ރައީސް ޔާމީނާ ގުޅުވައިގެން ދައްކާ ވާހަކަތައް ދޮގުކޮށް މިހާރު ކުރިއަށްދާ ޕީޕީއެމްގެ ޕްރެސްގައި މުންދު ވިދާޅުވީ އެ ތަން ތަރައްޤީ ކުރުމަށް އިންޑިއާއާއި ޗައިނާގެ އިތުރުން ސިންގަޕޫރުގެ ކުންފުންޏަކުން ވެސް ޝައުގުވެރިކަން ފާޅު ކުރި ކަމަށެވެ. ނަމަވެސް އެތަނުގެ އެކްސްކުލޫސިވިޓީ އެހެން އެއްވެސް ގައުމަކަށް ނުވަތަ ބޭރުގެ ފަރާތަކަށް ދެއްވަން ބޭނުންފުޅު ނުވާތީ ރައީސް ޔާމީން ނިންމެވީ ދިވެހި ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންދަވަން ކަމަށެވެ. އަދި 2018 ވަނަ އަހަރު އޭރުގެ ފޮރިން މިނިސްޓަރ އިންޑިއާ ސަރުކާރަށް އެ ވާހަކަ ދަންނަވާފައިވާނެ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ހެދުމަށް ދިވެހި ސަރުކާރާއި އިންޑިއާއާ ސަރުކާރާ ދެމެދު ވަނީ ސޮއި ކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން 15 އަހަރު ވަންދެން އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ތިބޭނެއެވެ.