ޚަބަރު

ގެއްލުނު ފަތުރުވެރިޔާއަކީ މޮޅު ފެތުންތެރިއެއް އަދި ވަރުގަދަ އެތުލީޓެއް، ގެނބުމަކީ ވުން ދުރުކަމެއް: އާއިލާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި ހިނގާ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ ރިސޯޓަކުން ސްނޯކެލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ އަކީ މޮޅު ފެތުންތެރިއެއް ކަމަށާއި އެހެންކަމުން ގެނބުމަކީ ވުން ދުރުކަމެއް ކަމުގައި އޭނާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި އާއިލާގެ ގާތް ރަޙުމަތްތެރިއަކު ބުނެފިއެވެ.

Ads by STELCO

"ޚަލީޖް ޓައިމްސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުބާއީ ގައި ދިރިއުޅެމުންދާ ކެނެޑާއަށް އުފަން ގިއެދްރޭ ވަސްކައިޓެ (33އ.) އަކީ ވަރަށް މޮޅު ފެތުންތެރިއެއްގެ އިތުރުން އެހާމެ މޮޅު އެތުލީޓެއް ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.

އެ ދުވަހު އެއްވެސް ހަބަރެއް ނުވެ ގެއްލުނުއިރު، އޭނާގެ ބަނޑަށް 8 މަސް ކަމަށާއި އަންނަ މާޗު މަހު އޭނާ ވިހާނެ ކަމަށް ގިއެދްރޭގެ ފިރިމީހާ ޕަރްމާރް ގުރްޝަރަންޖީތު ވަނީ ބުނެފައެވެ.

ޕަރްމާރު ބުނީ ޕޫލުގައި ދެ މީހުން ތިބުމަށްފަހު 3:30 ހާއިރު އޭނާގެ އަންހެނުން ދިޔައީ މޫދުގައި ފަތާލަން ކަމަށް ބުނެއެވެ. އަދި އޭގެފަހުން ޕަރްމާރް އަށްވެސް ކުޑަކޮށް ނިދުނީ ކަމަށާއި 6:30 ހާއިރު ހޭލެވުނުއިރު ވެސް ގިއެދްރޭ އެނބުރި އައިސްފައި ނުވާތީ އެކަން އެރިސޯޓުގެ މެނޭޖްމަންޓަށް އެންގިކަމަށް ބުނެފައިވެއެވެ.

ޕަރްމާރު އިތުރަށް ބުނީ އަންހެނުން ގެއްލުނުތާ 9 ދުވަސްވެފައިވާއިރު ރާއްޖޭގެ އިދާރާތަކަށް އެއްވެސް ޖަވާބެއް ދެވިފައިނުވާ ކަމަށާއި މިހާރު އޭނާގެ އަންހެނުން ހޯދުމުގެ މަސައްކަތް ވެސް ހުއްޓާލާފައިވާ ކަމަށެވެ.

އަދި އޭނާގެ އަންހެނުން ގެނބުނީ ކަމެއް ބަޔަކު ކިޑްނެޕް ކުރީ ކަމެއް ވެސް އޭނާއަށް ނޭނގޭ ކަމަށް ޕަރްމާރް ބުނެފައި ވެއެވެ.

މި ދެމަފިރިން ޗުއްޓީ ހޭދަކުރަމުން އައީ ރ. އަތޮޅުގައި ތަރައްޤީ ކޮށްފައިވާ އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުގައެވެ.

ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ވަނީ ހަފްތާއެއްހާ ދުވަހު ކޮށްފައެވެ. އެގޮތުން ކަނޑުމަގުންނާއި ޑައިވްކުރުމުގެ އިތުރުން ވައިގެ މަގުން ޑޯނިއާ ބޭނުން ކޮށްގެން ވެސް އެ މަސައްކަތް ކޮށްފައި ވެއެވެ.

ގިއެދްރޭ ރަހީނު ކުރީ ކަމަށް ބެލެވޭ ކަމަށާއި އޭނާ ހޯދައިދޭ މީހަކަށް 1 ލައްކަ ޑޮލަރު ނުވަތަ 15 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޭން އާއިލާ އިން ވަނީ ހުށަހަޅާފައެވެ.

މިމައްސަލަ މިހާރު ރާއްޖޭގެ ފުލުހުން ވެސް ތަހުގީގު ކުރަން ވަނީ ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!