ޚަބަރު

ތިބާގެ މުދަލާއި، ވަޤުތާއި، ޙަޔާތުގެ އެންމެހާ ކަމެއްގައި ބަރާކާތް ލެއްވުން އެދޭނަމަ، ގިނަގިނައިން ޤުރުއާނުގެ އަހުލުވެރިޔަކަށް ވާށެވެ.

އައްޝައިޚް މުޙައްމަދު މަޢޫން ޝަރީފް ، ދެން އޮންލައިން

މާތް ﷲ ކީރިތި ޤުރުއާން ލައްވަވާފައި ވަނީ ހިތްތަކުގެ ފަރުވާއެއް ކަމުގައްޔާއި، އަދި މުއުމިނުންނަށް ހުރި ހިދާޔަތަކާއި ރަޙްމަތެއް ކަމުގައެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ.

Ads by STELCO

(و هذا كتاب أنزلناه مبارك فاتبعوه و اتقوا لعلكم ترحمون.) [الأنعام 155]
މާނައީ: "އަދި މިފޮތަކީ ތިމަން ރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. ފަހެ ތިޔަބައިމީހުން އެއަށް ތަބާވާށެވެ. އަދި ބިރުވެތިވާށެވެ. ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވޭތޯއެވެ."

އަދިވެސް ވަޙީ ކުރައްވައިފައި ވެއެވެ.

ޞާދު ސޫރަތުގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައި ފައިވެއެވެ.
كتاب أنزلناه إليك مبارك ليدبروا ءاياته و ليتذكر أولوا الألباب.
މާނައީ:"މިއީ ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. އެއީ އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާއިމެދު ވިސްނާ ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން އެއިން ނަސޭޙަތްލިބިގަތުމަށެވެ."

މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އަލްބަރާއު ބުނު ޢާޒިބު ގެ ކިބައިން ރިވާވެގެންވެއެވެ. އެއްފަހަރަކު މީހަކު ކަހުފު ސޫރަތް ކިޔަވަމުން ގެންދިޔައެވެ. އޭރު އޭނާގެ ގާތުގައި ދެ ވާފަށުން އައްސައިފައިއޮތް އަހެއް އޮތެވެ.

ފަހެ، ވިލާގަނޑެއް އައިސް އޭނާ ވަށައިލިއެވެ. އަދި އެ ވިލާގަނޑު އޭނާއާ ކައިރިވާން ފެށިއެވެ. އަދި އޭނާގެ އަސް އެ ވިލާގަނޑު ދެކެފައި ތެޅިފޮޅޭން ފެށިއެވެ. ފަހެ، ފަތިސްވުމުން އޭނާ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހަށް އައިސް އެކަލޭގެފާނަށް އެވާހަކަ ދެންނެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. {އެއީ ކީރިތި ޤުރުއާން ކިޔެވުމުން ބާއްވައިލެއްވުނު ސަކީނަތެވެ.}

ޤުރުއާނުގެ އަހުލުވެރިޔާ ގިނަގިނައިން ޛިކުރުކުރާމީހުންގެ ތެރޭގައި ލެއްވޭނެއެވެ. ޤިޔާމަތްދުވަހުން ޤުރުއާން އެފަދަ މީހަކަށް ޝަފާޢަތްތެރިވާނެއެވެ. ޤުރުއާނުގެ އެކުވެރިންނަށް ސުވަރުގޭގެ މަތީ ދަރަޖަތަކަށް ވާޞިލުވެވޭނެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
{اقرءوا البقرة، فإن أخذها بركة، و تركها حسرة، ولا يستطيعها البطلة} _رواه أحمد
މާނައީ:"ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ، ހަމަކަށަވަރުން އެ ސޫރަތް ކިޔެވުމަކީ ބަރަކާތެކެވެ. އަދި ނުކިޔަވާ ދޫކޮށްލުމަކީ ގެއްލުމެކެވެ. އަދި ސިޙުރުވެރިންނަށް އެ ސޫރަތް ކިޔަވާ މީހެއްގެ މައްޗަށް ގަދަނުވެވޭ ހުއްޓެވެ." ރިވާކުރެއްވީ އިމާމް އަޙްމަދު.

ޞައްޙަ ޙަދީޘް ތަކުން ސާބިތުވާގޮތުގައި ޤުރުއާން ކިޔަވާއިރު ކިޔެވޭ ކޮންމެ އަކުރަކަށް ދިހަ ޘަވާބު ލިބެއެވެ. މީގެ އިތުރުން ޤުރުއާން ކިޔަވާ އެ ފޮތަށް ޢަމަލުކުރާ މީހުންނަކީ މާތް ﷲ ގެ އަހުލުން ކަމުގައިވެސް ނަބަވީ އިރުޝާދުތަކުގައި އައިސްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!