ޚަބަރު

އަލީ ވަޙީދުގެ ޕާސްޕޯޓު މައްސަލަ ހައިކޯޓުން ބޭރު ކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިންސީ ގޯނާގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުން މައްސަލަ ބޭރުު ކޮށްލައިފިއެވެ.

ހައިކޯޓުން ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ފަރާތުން އިސްތިއުނާފު ކުރި މިމައްސަލަ ބޭރުކޮށްލީ އަމުރު ދޫކުރި ކަމަށް މައުލޫމާތު ލިބުނު ވަގުތަށް ވުރެ 48 ގަޑިއިރު ފަހުން ހުށަހެޅުމުން ކަމަށެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ އެމިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެވެ.

އެގޮތުން މި ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ތަކަކީ:

▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ.

▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ.

▪︎ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ.

▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ.

▪︎ ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ.

▪︎ ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 412 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާ، އެވެ.

އެމިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އަލީ ވަހީދުގެ ޕާސްޕޯޓު މީގެ ކުރިން އޮތީ ހިފަހައްޓާފައެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ދޫކޮށްލަން އެއްބަސްވީ، ޕީޖީ އޮފީހުން ބުނާ ގޮތުގައި، ޑޮކްޓަރުގެ ބަހަށެވެ.

ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޒިންމާ އުފުލާނެ ފަރާތެއް ހުށަހެޅުމުން ކަމަށެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްސަދު އަލީ (އަޑުބަރޭ)އެވެ.

ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ކުރި އަމުރު ބާތިލް ކުރުމާ އެކު އަލީ ވަހީދު ވަނީ އިނގިރޭސި ވިލާތުގެ ލަންޑަނަށް ވަޑައިގެންފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!