ރިޕޯޓް

ބާރަށް ދުއްވުމަކީ "ކޫލް" ކަމެއް ނޫން، ދުއްވާ އެއްޗަކަށް އެރުނަސް އަދި ދުނިޔެ ރަން ވާކަށް ނުވޭ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މި ވާހަކަ ދައްކާ ދައްކާ ވަރުބަލި ވެއްޖެއެވެ. އެހެނަސް އަޑުއިވޭ މީހަކު ނުވަތަ އަޑުއަހަން ބޭނުންވާ މީހަކު އުޅޭ ހެންނެއް އަހަންނަކަށް ހިޔެއް ނުވެއެވެ. ދައްކަން މިއުޅޭ ވާހަކަ އަކީ ކޮންމެ މީހަކަށް ވެސް ސައިކަލަކަށް ނުވަތަ ކާރަކަށް ނުވަތަ އެހެން ވެސް ދުއްވާ އެއްޗަކަށް އެރިއްޖެ ނަމަ ދުނިޔެ ރަން ވާ ވާހަކައެވެ. ތިމާއަށް ވުރެ މޮޅު މީހެކޭ ހިތަށް އަރާ ވާހަކައެވެ.

Ads by STELCO

ބާރަށް ދުއްވުމުގެ ސަބަބުން އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ވެސް ކިތައް ކިތައް ހިތާމަވެރި ހާދިސާ ހިނގައިފި ހެއްޔެވެ؟ އެކަމުގެ ސަބަބުން ކިތައް ފުރާނަ އަހަރެމެންގެ ލޯ ކުރިމަތީގައި ގެއްލިގެން ހިނގައްޖެ ހެއްޔެވެ؟ އެކަމުގެ ސަބަބުން ކިތައް ކުދިން ޔަތީމު ވެއްޖެ ހެއްޔެވެ؟ އެކަމުގެ ސަބަބުން ކިތައް އާއިލާ ހިތާމައިގެ ކަނޑުގައި ފަތަން ޖެހިއްޖެ ހެއްޔެވެ؟

ބާރަށް ދުއްވުމަކީ ކޫލް ކަމެއް ކަމުގައި ނުދެކޭށެވެ. އެއީ މާ މޮޅު ކަމެއް ކަމަށް ހީ ނުކުރާށެވެ. އަދި އެކަމުގެ ސަބަބުން ތިމާގެ އަގު އެހެން މީހުންގެ ކުރިމަތީގައި އަރާ ކަމުގައި ހީ ނުކުރާށެވެ. ދިވެހިރާއްޖޭގައި ޓްރެފިކް ގާނޫނުގައި ދުއްވަން ޖެހޭ ވަކި މިންވަރެއް ކަނޑައަޅައިފައި އޮންނަނީ އަހަރެމެންނަށް ޖެއްސުން ކުރާކަށް ނޫނެވެ. އެއީ އެންމެންގެ ރައްކާތެރި ކަމަކަށް ހެދިފައިވާ އުސޫލް ތަކާއި ގަވާއިދު ތަކެވެ.

އަހަރެމެން އެންމެންނަކީ އެ ގަވައިދުތަކާއި އުސޫލްތަކަށް އަމަލު ކުރާ ބަޔަަކަށް ވެއްޖެ ނަމަ ހަމަ ޔަގީނުން ވެސް މިތަނުގައި އެކްސިޑެންޓުތައް މަދު ކުރެވޭނެ ކަން ޔަގީނެވެ. އެކްސިޑެންޓުތަކުގެ ސަބަބުން އަނިޔާވާ މީހުންނާއި މަރުވާ މީހުންގެ ނިސްބަތް މަދު ކުރެވިދާނެ ކަން ގައިމެވެ. އޭރުން ކޮންމެ މީހަކަށް ވެސް ބިރެއް ނެތި މަގުމައްޗަށް ނުކުމެ ދުއްވާލަން އުޅެވޭނެއެވެ.

މިހެން މިބުނަނީ މިހާރު އަމިއްލަ ދަރިފުޅު ގޮވައިގެން މަގުމައްޗަށް ނުކުންނަން ވެސް ބައެއް މީހުން ޖެހިލުން ވާތީއެވެ. އެމީހުން ބާރަށް ދުއްވާތީއެއް ނޫނެވެ. މަގުމަތީގައި އުޅޭ ވިޔާނުދާ، ފީކަޅާ ބައެއް މީހުން އަނެކުންގެ ރައްކާތެރިކަމަށް ވެސް ނުބަލާތީއެވެ. ކުޑަކުއްޖެއް، ދުވަސްވީ މީހެއް މާބަނޑު މީހެެއް ނުބަލާތީއެެވެ.

ބްރޯއެވެ. ބާރަށް ދުއްވުމަކީ މާ ކޫލް ކަމެއް ކަމުގައި ނުވަތަ މާ މޮޅު ކަމެއް ކަމުގައި ތިބާ ހީކުރިޔަސް އެއީ މާ މޮޅު ކަމެއް ނޫނެވެ. މާ ކޫލް ކަމެއް ވެސް ނުމެ ނޫން މެއެވެ. އެކަމުގެ ސަބަބުން ތިބާގެ ފުރާނައަށް ނުވަތަ ތިބާގެ އަޚާގެ ފުރާނައަށް ނުރައްކާ ވާ ނަމަ އެކަމަކީ ކޫލް ކަމެއް ކަމުގައި ވާނީ ކިހިނަކުންތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ. މަގުމަތީގައި ތިބާގެ ފަރިތަކަމަށްވުރެ އެހެން މީހުންގެ ރައްކާތެރިކަން އިސްކުރަން ދަސްކުރާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!