ރޯދަ މަހަށް ޚާއްޞަކޮށް "ދެން" އިން މިއަހަރު ވެސް ކުރުވާހަކަ ލިޔުމުގެ މުބާރާތެއް!
މިއަހަރުގެ ރަމަޟާން ޚާއްޞަކޮށް ކުރުވާހަކަ ލިޔުމުގެ މުބާރާތެއް ބާއްވަން "ދެން" އިން ނިންމައިފިއެވެ.
"ދެން" ގެ ސީއީއޯ މުޙައްމަދު އަރީޙް ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި ބައިވެރިވުމުގެ ސުންގަޑިއަކީ 5 އޭޕްރީލްގެ 14:00 ކަމަށެވެ.
" އަޅުގަނޑުމެން މިދިޔަ އަހަރު ކުރުވާހަކަ ލިޔުމުގެ މުބާރާތް ފެށީ ، ފުރަތަމަ އަހަރާ ބަލާއިރު ވަރަށް ރަނގަޅު ސަޕޯޓެއް ލިބުނު ، ޖުމްލަ 17 ވާހަކަ ބައިވެރި ކުރި ، މިއަހަރު އަދި އެބަހުރި އެހެން ހަރަކާތްތައް ވެސް ، މިހާރު މި އިއުލާން ކޮށްލީ ވާހަކަ މުބާރާތް" އަރީޙް ވިދާޅުވިއެވެ.
އަރީޙް ވިދާޅުވީ ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ އެއްވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް އަދި 2 ވަނަ އަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އެންމެ ގިނައިން ކިޔާ އަދި ފޭސްބުކްގެ ޕޯސްޓަށް އެންމެ ރިއެކްޝަން ގިނަ ވާހަކައަކަށް ވެސް 1000 ރުފިޔާ ދޭނެ ކަމަށް އަރީޙް ފާހަގަ ކުރެއްވިއެވެ.
"ކޮންމެ ދުވަހަކު ވެސް އެއް ގަޑިއެއްގައި ވާހަކަތައް ގެނެސްދޭނީ ، އެވަގުތުން ފެށިގެން 72 ގަޑިއިރު ތެރޭގައި ވާހަކަ ކިޔާފައިވާ އަދަދާއި ރިއެކްޝަންތައް އަޅުގަނޑުމެން ބަލާނީ ، 72 ގަޑިއިރު ހަމަވާ ވަގުތު ވާހަކަ ކީ އަދަދާއި ރިއެކްޝަންތައް އަޅުގަނޑުމެން ރެކޯޑް ކުރާނަން ، އަދި ބައިވެރިޔާއަށް އަންގަމުން ވެސް ދާނަން" އަރީޙް ހާމަ ކުރެއްވިއެވެ.
"ދެން" އިން މި މުބާރާތަށް ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުގައި މި މުބާރާތަށް ހުށަހަޅަން ޖެހޭނީ 1000 ބަހާއި 1300 ބަހުގެ ވާހަކަތަކެވެ. މި ވާހަކަތަކަކީ ކުރިން އެއްވެސް ވަސީލަތެއްގައި ގެނެސްދީފައިވާ ވާހަކައަކަށް ނުވުމާއި ލިޔުންތެރިޔާގެ އަމިއްލަ ވާހަކައަކަށް ވުމާއި ކުރީން އެއްވެސް މުބާރާތެއްގައި ގެނެސްދީފައިވާ ވާހަކައަކަށް ނުވުމާއި ދީނީ ގޮތުންނާއި ރާއްޖޭގެ ގާނޫނުގައި މަނާކޮށްފައިވާ ކަމަކަށް އަރައިގަތުމަށް ހިތްވަރު ނުދޭ ވާހަކައަކަށް ވާން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ.
މި މުބާރާތުގައި ބައިވެރިކުރާ ވާހަކަ ފޮނުއްވާނީ ދެންގެ މެއިލް ([email protected]) އަށެވެ. އަދި މެއިލް ކުރައްވާއިރު ލިޔުންތެރިޔާގެ އައިޑީކާޑު ކޮޕީއަކާއި ގުޅޭނެ ފޯން ނަމްބަރު ވެސް ހިއްސާ ކުރެއްވުމަށް "ދެން"އިން އެދެއެވެ. މި މުބާރާތްތަކާ ގުޅޭ އިތުރު ތަފްސީލް ދެންގެ ފޭސްބުކް ޕޭޖާއި އަދި 9449669 ނަމްބަރު ފޯނުން ގުޅުއްވުމުން ވެސް ސާފުވާނެ ކަމަށް އަރީޙް ވިދާޅުވިއެވެ.