ރިޕޯޓް

ކަފިހި ހުރަހަށް މަޑުކުރިޔަސް ތިޔަ ދާން ބޭނުންވާ ތަނަކަށް ދެވޭނެއެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ ފަދައިން މާލޭގެ މަގުތަކަކީ އަބަދުވެސް ތޮއްޖެހިފައި އޮންނަ މަގުތަކެކެވެ. އެތައްބަޔަކު ދިރިއުޅޭ މި ފުރަމާލޭގައި އެކިއެކި ބޭނުންތަކަށް މީހުން މަގުމައްޗަށް ނިކުމެ ނޫޅޭ ވަގުތެއް ވަރަށް މަދުވާނެއެވެ. އަދި އެ ނިކުމެ އުޅޭ ކޮންމެ މީހަކީ ސައިކަލެއް ނުވަތަ ކާރެއްގެ ވެރިޔަކަށް ވެސް ނުވެދާނެއެވެ.

Ads by Sosun Fihaara

ދައްކާލަން މިއުޅެނީ އަޅުގަނޑުމެންގެ މުޖުތަމައު ތެރެއިން ފެންނަ ވަރަށް ނުރަނގަޅު އާދައެއްގެ ވާހަކައެވެ. ކަފިހި ހުރަސް ކައިރީގައި މީހަކު މަގު ހުރަސް ކުރުމަށް މަޑުކޮށްގެން ހުރި ނަމަވެސް ހަމަ ބަލައި ވެސް ނުލައި ދާ ވާހަކައެވެ. މިގޮތަށް ބަލައިނުލާ ދިއުމުގެ ސަބަބުން ހިތާމަވެރި އެކްސިޑެންޓް ތައް ވެސް ހިނގާފައިވާކަން ފާހަގަ ކުރެވެއެވެ.

އެގޮތުން މީގެ ކުރިން ސެނަހިޔާ ކައިރީގައިވާ ކަފިހި ހުރަހަކުން އަންހެނެއްގެ ގައިގައި ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވެސް ވަނީ ހިނގާފައެވެ. އެ އަންހެން މީހާގެ ހާލު ސީރިއަސްވި ކަމަށް ވެސް ހަބަރު ތަކުން ރިޕޯޓް ކުރިއެވެ.

އަޅުގަނޑުގެ ހިތަށް އަރައެވެ. ކަފިހި ހުރަހަށް 15 ވަރަކަށް ސިކުންތު މަޑު ކޮށްލުމުން ދާން ބޭނުންވާ ތަނަކަށް ނުދެވެނީ ބާވައެވެ. ނޫނެކެވެ. ވާ ގޮތަކީ އެއެއް ނޫނެވެ. ކޮންމެ މީހަކުވެސް ގެއިން ނިކުމެގެން ސައިކަލަށް އަރައި ނައްޓާލަނީ ގަޑި ޖެހެން 5 މިނެޓަށް ވީމައެވެ. އެއްބަޔަކު އޮފީހަށެވެ. އަނެއް ބަޔަކު ޖިމަށެވެ. އަދި މި ނޫނަސް އެކިއެކި ބޭނުމުގައި އެކި ތަންތަނަށް ދާ މީހުންނެވެ. އެހެން ކަމުން ކަފިހި ހުރަސް މަތީގައި މީހަކު ހުއްޓަސް ހަމަ މަޑު ނުކުރެވެނީ އެވެ.

ނަމަވެސް ދަންނަވަންތޯއެވެ. ތިބާ އަށް ލަސް ވެގެން ތިޔަ ދާ ފަދައިން ހިނގާފައި އެދާ މީހާ އަކީ ވެސް ހަމަ ލަސްވެގެން ދާ މީހަކު ކަމުގައި ވެދާނެ ނޫން ހެއްޔެވެ. ކަފިހި ހުރަހަކީ ހިނގާ މީހުން ހުރަސް ކުރަން ހަދާފައިވާ ތަނަކަށް ވީ ހިނދު ދުއްވާފައި ދާ މީހުން ވެސް އެ މީހުންނަށް އިހްތިރާމް ކުރަންވާނެ ނޫންތޯއެވެ.

ދެން އޮތީ އެހެން ވާހަކައެކެވެ. ކަފިހި ހުރަހަށް މަޑުކުރުމުން ވެސް މަޑުމަޑުން މަގު ހުރަސް ކުރާ ވާހަކައެވެ. އަޅުގަނޑުވެސް އެއްބަހެވެ. ސިއްހަތު ސަލާމަތުން ހުރި މީހަކު ނަމަ ބާރަށް ހިނގާފައި ކަފިހި ހުރަހުން ދާންވާނެއެވެ. ސަބަބަކީ ދުއްވާ މީހުން ހިނގާ މީހުންނަށް ބަލަން ޖެހޭ ބީދައިން ހިނގާފައި އުޅޭ މީހުން ވެސް ދުއްވާފައި އުޅޭ މީހުންނަށް ބަލަން ވާނެއެވެ. ނަމަވެސް އުމުރުން ދުވަސް ވުމުގެ ސަބަބުން ނުވަތަ ފަޔަށް ނުވަތަ އެހެންވެސް ތާކަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން މަޑުން ހިނގޭ މީހަކު ވެސް އުޅެދާނެ ކަން ވިސްނެންވާނެ ނޫންތޯއެވެ. ހަމަ އެވަރު ވަގުތު ކޮޅަކަށް ވެސް ކެތްކޮށްލުމަކީ އެހާބޮޑު ކަމަކަށް ވަނީ ތޯއެވެ؟

ކަފިހި ހުރަހަށް އެރުމުން ވެސް ދުއްވާފައި ދާ މީހުން މަޑުނުކުރާތީ ގިނަ ބަޔަކު މިހާރު ކަފިހި ހުރަހަށް އެރުމަށް ޖެހިލުންވެއެވެ. ވާނީ ވެސް އެހެންނެވެ. ކަފިހި ހުރަހުގެ މަތީގައި ހުއްޓާވެސް ކިރިޔާ ގައިގައި ޖެހޭ ނުޖެހޭ ވަރަށް ކައިރިން ވެސް ގޮސްފާނެއެވެ. އެހެން ކަމުން ދެވަނަ ފަހަރު ކަފިހި ހުރަހަށް އަރާ ފަހަރަކުން އަމިއްލަ ސަލާމަތާ މެދު ކޮންމެ މީހަކު ވެސް ވިސްނާނެކަން ޔަގީނެވެ.

ކަފިހި ހުރަސް ކައިރީގައި ތުއްތު ކުއްޖަކު ގޮވައިގެން މީހަކު ހުރި ނަމަވެސް މަޑުނުކޮށް ދާ މީހުން ދަނީއެވެ. މާބަނޑު އަންހެނަކު ހުރި ނަމަވެސް ދާ މީހަކު ހަމަ ދަނީއެވެ. އުމުރުން ދުވަސްވެ ގައިބަރު ދެރަ ވެފައިވާ މީހަކު ހުއްޓަސް ހަމަ ދަނީއެވެ. އެ ފަދަ މީހުންނަކަށް މަޑު ނުކުރަނީސް ގަދަ ހަދާލައިފައި ދާކަށް ވެސް ނުކެރޭނެއެވެ. އެހެން ކަމުން ދުއްވާ އެއްޗެހި މަޑު ނުކޮށްގެން އެތައް އިރަކު އިންތިޒާރުގައި ހުންނަން ޖެހޭ ހާލަތްތައް ވެސް އެފަދަ މީހުންނަށް ކުރިމަތިވެއެވެ

ކަފިހި ހުރަސްތަކުގެ ކައިރީގައި ބައެއް ފަހަރަށް ޓްރެފިކް ފުލުހުން ތިބޭ މަންޒަރު ފެނެއެވެ. ފުލުހުން ތިބޭ ވަގުތު ތަކުގައި އެ ބޭފުޅުން ކަފިހި ހުރަހަށް މީހަކު އެރުމުން ދުއްވާފައި ދާ މީހުން މަޑު ކުރުވައެވެ. ނަމަވެސް ކޮންމެ ވަގުތަކު ހުރިހާ ކަފިހި ހުރަހެއް ކައިރީގައި ޑިއުޓީގައި ފުލުހަކު ބެހެއްޓުމަކީ ވެސް ކުޅަދާނަ ކަމެއް ނޫނެވެ. އަދި ހަމަ އެހެންމެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތަން ޖެހެނީ ކޮންމެހެން ފުލުހަކު އެތަނުގައި ހުރީމައެއް ވެސް ނޫނެވެ.

އަޅުގަނޑުމެން އެންމެންވެސް އެކަކު އަނެކަކުގެ ސަލާމަތަށް ވިސްނަން ޖެހޭކަމުގައި ދެކެމެވެ. އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމައުއަކީ ހުރިހާ ފަރުދުންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށް ޓަކައި މިފަދަ ކުދިކުދި ކަންތައްތަކަށް ވެސް ރައްކާތެރިވާން އެބަ ޖެހެއެވެ. އެކަކު އަނެކަކަށް އިހްތިރާމް ކުރާ ބަޔަކަށް އަޅުގަނޑުމެން އެންމެން ވެސް ވާން އެބަ ޖެހެއެވެ.

ކަފިހި ހުރަހަށް މަގު ހުރަސް ކުރުމަށް މީހަކު އެރުމުން މަޑުކޮށްލުމަކީ އެމީހަކުވެސް ހިތްހަމަ ޖެހޭނޭ ކަމެކެވެ. އަދި އެއީ ރިވެތި އާދައެކެވެ. ކަފިހި ހުރަހަށް މަޑުކޮށްފައި ދިޔަ ނަމަވެސް ދާން ބޭނުންވާ ތާކަށް ދެވޭނެ ކަން ޔަގީނެވެ.

Ads by Allied Insurance
  1. އަލީ

    މަޑެއް ނުކުރެވޭނެ ސައިކަލުގަނޑަކަށް އެރުނީމަހީވާކަހަލަ 100000