ކޮވިޑް-19: ދެއްވަދޫ މޮނީޓަރިންގެ ހާލަތުން ނަގައިފި

ކޮވިޑް-19އާ ގުޅިގެން ގއ. ދެއްވަދޫ ގައި އިއުލާނު ކުރި މޮނީޓަރިންގެ ހާލަތު ރޭ އުވާލައިފިއެވެ.
ދެއްވަދޫ މޮނީޓަރިންގެ ހާލަތަށް ލާފައި ވަނީ މި ހިނގާ މާރޗް މަހުގެ ދެވަނަ ދުވަހުގައެވެ. އެރަށް މޮނީޓަރިންގަށްލީ ހޯމް ކަރަންޓީނަށް ދިޔަ ބަޔަކު ކޮވިޑް-19 އަށް ފައްސި ވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ހޯމް ކަރަންޓީނަށް ދިޔަ ދެމީހުންނާ ދިމާވި ދެމީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުން ނަތީޖާ ވަނީ ނައްސި ވެފައެވެ. އަދި، އެ ރަށުން ނެގި 100 ރެންޑަމް ސާމްޕަލްވެސް ވަނީ ނައްސި ވެފައެވެ.
ދެއްވަދޫން ކޮވިޑް-19 އަށް ފައްސި ކޭސްތައް ފެނުމާ ގުޅިގެން އެ ރަށް މީގެ ކުރިން ވެސް މޮނިޓަރިންގ ހާލަތަށް ލާފައިވެއެވެ.