ރިޕޯޓް

"ކްރިސްޓިއަން އެދުރުންނަށް" ޚާއްސަ ބޮޑު ޗުއްޓީ ބަދަލުކޮށް ދިވެހީންނަށް ޚާއްސަކަން

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ސުރުޚީގައިވާ ގޮތުން ކުޑަކޮށް އޮޅުން އަރާފާނެއެވެ. އެހެންކަމުން ކުޑަކޮށް ތިލަކޮށްލާނަމެވެ. މިދައްކަނީ ނޮވެންބަރ/ޑިސެންބަރު ބޮޑު ޗުއްޓީގެ ވާހަކައެވެ. ދިވެހިންގެ ބޮޑު ޗުއްޓީގެ ވާހަކައެވެ.

Ads by STELCO

ކޮންމެ އަހަރެއްގެ ތައުލީމީ އަހަރު، ޖެނުއަރީ ނުވަތަ ފެބްރުއަރީގައި ފަށައި، ބޮޑު ޗުއްޓީ ނޮވެމްބަރު/ޑިސެމްބަރު ގައި ދިނުމަކީ ދިވެހިންގެ ޘަޤާފަތަކަށް މިވަނީ ވެފައެވެ. މިކަން މިހާރު މިގޮތަށް ކުރިޔަށް ދާތާ ބައި ގަރުނަށްވުރެ ގިނަ ވެދާނެއެވެ. ނަމަވެސް ކޮންމެ ޘަޤާފަތަކީ ރަނގަޅު ޘަޤާފަތަކަށްވުން ލާޒިމެއް ނޫންތާއެވެ. އަދި އެއީ ބަދަލު ނުކުރެވޭނޭ ކަމެއް ނުމެ ނޫންމެއެވެ.

ފެށިގެން އައީ ކްރިސްޓިއަން އެދުރުންނަށް ލުޔެއް ދޭން!

ބޮޑު ޗުއްޓީ ބަދަލު ކުރުމާ ގުޅޭ ގޮތުން އަޅުގަނޑުގެ މަދަރުސީ ހަޔާތުގައި ވަރަށް ގިނަ ކަންކަން ކުރީމެވެ. މިގޮތުން ސްކޫލުގެ ދަރިވަރުންނާ އޭރުގެ ތަޢުލީމީ ވަޒީރު ބައްދަލު ކުރި ކޮންމެ ފަހަރަކު މިވާހަކަ ދެއްކީމެވެ. ނޫސްތަކުގައި މިވާހަކަ ލިޔެ، ރިޕޯޓްތައް ހެދީމެވެ. މީގެ ތެރެއިން ރިޕޯޓެއް ހަދަން އުޅުމުގެ ތެރޭގައި ވަރަށް ތަފާތު ވާހަކައެއް އޭރު އަޑުއިވުނެވެ. އެއީ ބޮޑު ޗުއްޓީ ފުރަތަމަ އުފެދިގެން އައި ގޮތެވެ.

އޭރު ތަޢުލީމީ ވުޒާރާގައި އިސްކޮށް ހަރާކާތްތެރިވި ބޭފުޅަކު ކިޔައިދިން ގޮތުގައި ފުރަތަމަ ފަހަރަށް ބޮޑު ޗުއްޓީއެއް ހަމަޖެއްސީ ރައީސް ނާސިރުގެ ދުވަސްވަރުގައެވެ. އޭރު ރާއްޖެއަށް އައި ޓޫރިޒަމްގެ ބާންޏާއެކު، އިނގިރޭސިބަސް ދަސްކުރަން ރާއްޖޭގެ ސަރުކާރުން ބޭރުގެ ވަފުދެއް ގެނައެވެ، އަދި ސްކޫލުތަކުގައި އެ ޓީޗަރުން ކިޔަވައިދޭން ފެށިއެވެ. ރާއްޖެއަށް ގެނައި ޓީޗަރުންގެ ތެރޭގައި ގިނައިން ހިމެނެނީ ސިލޯނުގެ ކްރިސްޓިއަން ދީނުގެ މީހުންނެވެ. ބޮޑު ޗުއްޓީ ، ނޮވެންބަރ/ޑިސެންބަރ ގައި ދޭން ފެށުނީ، އެމީހުންގެ އެންމެ ބޮޑު ޢީދު، ކްރިސްމަސް،އަށް އެ އެދުރުން އަނބުރާ ޤައުމަށް ދާން ބޭނުންވާތީ ކަމަށް ވެއެވެ. އެދުވަސްވަރަކީ އެދުރުން މާ ގިނަ ދުވަސް ވަރަކަށް ނުވުމާއެކު، އެފަރާތަކުގެ އެދުމަށް އައު އަހަރާއި ކްރިސްމަސް ފާހަގަ ކުރަން ފުރުސަތު ދިނުމަށް އޭރު ސަރުކާރުން ބޮޑު ޗުއްޓީ ނޮވެންބަރ/ޑިސެންބަރަށް ބަދަލު ކުރި ކަމަށް ވެއެވެ.

ދިވެހިންނަށް ޗުއްޓީ ބޮޑެއް ނޫން!

3 ޓާމަށް ކިޔަވައިދިންއިރު އަދި 2 ޓާމަށް ކިޔަވައިދިނުން ބަދަލު ކުރުމަށް ފަހުގައި ވެސް، ބޮޑު ޗުއްޓީ އޮތީ ބަދަލު ނުވެއެވެ. ތަޢުލީމީ ކަރިކިއުލަމް ކިތަންމެ ބަދަލު ވިޔަސް، ޗުއްޓީ ބަދަލެއް ނުވެއެވެ. ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިއަދު ބޮޑު ޗުއްޓީ ވަނީ ވަދެފައެވެ.

ބޮޑު ޗުއްޓީގައި ބައެއް ފަރާތްތަކުން ބޭރަށް ގޮސް މަޖާ ކޮށްލާ، ޢާއިލާއާއެކު ވަގުތު ހޭދަ ކުރި ނަމަވެސް ބޮޑު ޗުއްޓީގެ ޙަޤީޤީ ފޮނިކަން ނުލިބޭ އެތައް ދިވެހިންނެއް ރާއްޖޭގައި ތިބެއެވެ. މިދައްކަނީ ރިސޯޓް މުވައްޒިފުންގެ ވާހަކައެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ރަން ދުވަސްވަރަކީ ޑިސެމްބަރާއި ޖެނުއަރީ އެވެ. ހާއްސަކޮށް ކްރިސްމަސް އާއި އާ އަހަރެވެ. މިހެންކަމުން ޗުއްޓީ ކިތަންމެ ބޮޑަސް ރިސޯޓްތަކުން ޑިސެންބަރު މަހު އެތަނުގައި މަސައްކަތް ކުރާ މުވައްޒިފުންނަކަށް ޗުއްޓީއެއް ނުދެއެވެ. އާއިލާއާއެކު ޗުއްޓީ ހޭދަ ކުރަން މިފަދަ ޢާއިލާތަކަށް ފުރުސަތެއް ނެތެވެ.

ބޮޑު ޗުއްޓީގެ ޝަކުވާތައް މިފަހުން މީސްމީޑިއާގައި ވަރަށް ގަދައަށް ދެކެވުނެވެ. އެކި ސަރުކާރުތަކުގެ ސިޔާސަތުގައި، ދިރާސީ އަހަރު ފެށުމާއި ނިންމުން ބަދަލު ކުރުމުގެ މަޝްވަރާތައް އޮތެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހުރެ ބަދަލެއް ގެނެވޭ ވަރަށް ކަންކަން ނިމިގެން ނުދިޔަ އެވެ. ނަމަވެސް މިއަދު ގިނަ ބައެއްގެ އުންމީދު މިވަނީ ޙަޤީޤަތަކަށް ވެފައެވެ.

ތާރީޚީ ބަދަލެއް!

ހަމަގައިމު ވެސް ތާރީޚީ ބަދަލެކެވެ. ވަރަށް ގިނަ ބައެއްގެ އުންމީދުތަކުގައި ކުލަ ޖެހުނު ކަމެކެވެ. އާއިލީ ގުޅުން ބަދަހި ކުރާނެ ވަގުތު ލިބުނު ކަމެކެވެ. ނަމަވެސް މިއަދު އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި ގޮތަށް، "ދިރާސީ އާ އަހަރު ފެށުން ބަދަލު ކުރުމަކުން ތައުލީމީ ދާއިރާއަށް ވަކި ގެއްލުމެއް ނުވާނެ. އެ ހަމަ ދާނެ އެ އޮންނަ އުސޫލަކުން. ކިޔަވައިދިނުމުގެ ދުވަސްތައް ވެސް ހަމަކުރާނެ." އެވެ. މިކަމުގައި ގެއްލުމެއް ނެތެވެ. އޮތީ ފައިދާއެވެ. ދިވެހިން މެއި/ޖޫން ބޮޑު ޗުއްޓީއަށް ހޭނެން މާ ގިނަ ދުވަހެއް ނުނަގާނެއެވެ.

  1. ޑޮޓް

    ވާހަކަ ވަރަށް ރަނގަޅު، މަވެސް މިއީ މި ތަޖުރިބާ ކުރި މީހެއް.

  2. އިބްރާހީމް

    މިއީ ކުރަންވެފަ އޮތް ކަމެއް ވަރަށް ކުރިން. ސަޅި ލިޔުމެއް

  3. އަލީ

    ތި ބޮޑު ޗުއްޓީ ވަންނަނީ ޖޫން ޖުލައިގެ ވިއްސާރަޔައް ، ފެން ޗުއްޓި