ދައުލަތުގެ އޮފީހެއްގެ އެކްސެސް ކަމާނުބެހޭ އާންމުފަރުދަކަށް!

ސަރުކާރުގެ އޮފީހެއްގެ އެކްސެސް އެ އޮފީހާ ނުބެހޭ، އަދި އެއްވެސް ހައިސިއްޔަތެއް ނެތް މީހަކަށް ދީފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުގައި އާންމު މީހަކަށް ތަނުގެ އެކްސެސް ދީފައި ވަނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އެގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ، ވެހިކަލް ރަޖިސްޓްރީ ކުރާ ވިއުގަ "މެޓްރިކްސް" ސިސްޓަމްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރި ކުންފުނީގެ ވެރިފަރާތް، އެ ކުންފުންޏާ މަސައްކަތް ހަވާލު ކުރުމުގެ ކުރިން އަދި ފަހުން ވެސް އައިޓީގެ ހުރިހާ އެކްސެސް އެއް ދީފައިވާ ކަމަށް މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މިކަމުގެ މައުލޫމާތު ދެމުން އޮފިޝަލަކު ބުނީ، ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާގެ ކޮއްކޮ ހުސައިން ޒަރީރުގެ ގާތް އެކުވެރިއެއްގެ ކުންފުންޏަށް އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ، 15 ނޮވެމްބަރު 2020 އިން ފެށިގެން 17 ޑިސެމްބަރު 2020 ގެ ނިޔަލަށެވެ.
"މަސައްކަތް ހަވާލު ކުރުމުގެ ކުރިން ވެސް އަދި މަސައްކަތުގެ މުއްދަތު ހަމަވިފަހުން ވެސް އޭނާއަށް އޮންނަނީ މި ހުރިހާ އެކްސެސްއެއް ދީފަ"އެގޮތުން މިދިޔަ ފެބްރުއަރީ މަހުގައި ވެސް އޭނާއަށް އެކަމުގެ އެކްސެސް ދީފައިވާ ކަމަށް ވެސް އެ އިދާރާގެ އޮފިޝަލު ކިޔައިދިނެވެ. އަދި މި މަސައްކަތް ކޮށްފައި ވަނީ ރަސްމީ ގަޑީގަޔާއި ރަސްމީގަޑިން ބޭރުގައި ކަމަށާއި، ނަހުލާގެ ކޮއްކޮގެ އެކުވެރިޔާ އުޅޭ މަންޒަރު ކެމެރާ ފުޓޭޖްތަކުން ފެންނަން ހުންނާނެ ކަމަށް ވެސް މުވައްޒަފު ކިޔައި ދިނެވެ. އަދި އޭގެ އިތުރުން ސަރުކާރުގެ އޮފީސްތައް ހުޅުވާ ލެއްޕުމާ ބެހޭ ގަވާއިދާ މުޅިން ޚިލާފަށް އިދާރާއަށް ވަދެ ނިކުތުމުގެ އިޚްތިޔާރު ވެސް އޭނާއަށް ދީފައިވާ ކަމަށާއި، އޭނާ ބޭނުން ގަޑިއެއްގައި އެ އިދާރާއަށް ވަދެވޭކަމަށް ވެސް މުވައްޒަފު ކިޔައިދިނެވެ. އަދި ރޭގަނޑު ދަންވަރުގެ ވަގުތު ތަކުގައި ވެސް އޮފީހުގައި އޭނާ ހަރަކާތްތެރިވާ ކަމަށް ވެސް ވެއެވެ. މުޅި ދައުލަތާ ގުޅުން ހުރި މިފަދަ ބޮޑު މަސައްކަތެއް ހަވާލު ކޮށްފައި ވަނީ އެއްވެސް އިއުލާނު ކުރުމެއް ނެތި ކަމަށް ވެސް "ދެން" އަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މި މަސައްކަތް ކުރުމަށް އިއުލާނު ނުކޮށް ކުޑަ އަގެއް ހަމަޖައްސައިގެން ވަކި ބަޔަކާ ހަވާލު ކުރުމުން އައިޓީ މަސައްކަތް ކުރާ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވެސް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް އުޅޭ ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.






ކޮމެންޓް