ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ޕީސީއާރް ޓެސްޓުގެ އަގުހެޔޮ ކޮށްފި

ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ޕީސީއާރު ޓެސްޓު ހަދައިދޭ އަގު ހެޔޮ ކޮށްފިއެވެ.
އެގޮތުން މާދަމާ އިން ފެށިގެން ދިވެހީންނަށާއި ވޯކް ޕާމިޓް ހޯލްޑަރުންނަށް ޕީސީއާރު ޓެސްޓު ހަދައިދޭނީ 699 ރުފިޔާ އަށް ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެއެވެ. އަދި ޓޫރިސްޓުންނަށް ޓެސްޓު ހަދައިދޭނީ 45 ޑޮލަރު (694 ރުފިޔާ) އަށް ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކޮވިޑަށް ޓެސްޓު ހަދައިދޭ އަގުތަކަށް ބަދަލު ގެނެސް އަގު ހެޔޮ ކުރީ ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފައި ވެއެވެ.
މީގެއިތުރުން ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރާނީ އެތަނަށް ދާ ބަލި މީހުންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުމަށް ކަމަށާއި ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.
ދަތުރު ކުރައްވާ ބޭފުޅުން އެއް ރަށުން އަނެއް ރަށަށް ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމުގެ ކުރިން ހަދާ ޕީސީއާރް ޓެސްޓުގެ އަގުބޮޑުކަމަށް ބުނެ މީގެ ކުރިން އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.