މޯލްޑިވްސް ގޭހުގެ ޑެޕިއުޓި އެމްޑީ އިކްރާމް މަގާމުން އިސްތިއުފާ ދެއްވައިފި
އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގެ ތުހުމަތުގައި، ސަސްޕެންޑް ކޮށްފައިވާ މޯލްޑިވް ގޭހުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް އިސްތިއުފާ ދެއްވައިފި އެވެ.
އިކުރާމް ވަނީ އިސްތިއުފާގެ ސިޓީ މޯލްޑިވް ގޭހުގެ ބެލެނިވެރި ކުންފުނި ކަމަށްވާ އެސްޓީއޯ އަށް މިއަދު ހުށަހަޅުއްވާފައެވެ. އިކްރާމް އިސްތިއުފާ ދެއްވާފައިވާކަން އެސްޓީއޯ އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. މޯލްޑިވްސް ގޭހަކީ އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ ކުންފުންޏެކެވެ. އެސްޓީއޯ އިން ބުނީ އިކްރާމް އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބަކަށް ޓަކައި ކަމަށެވެ.
މޯލްޑިވް ގޭހުގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި އިކްރާމްގެ ދެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއިން ގެންދިޔައީ ބަލަމުންނެވެ. އެގޮތުން އޮކްސިޖަން ސިލިންޑަރުތަކެއް މޯލްޑިވް ގޭހަށް ސަޕްލައި ކޮށްދިން ކުންފުނީގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި މޯލްޑިވް ގޭސްގެ މުވައްޒިފުންތަކަކަށް އިކްރާމް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ދިޔައީ ބަލަމުންނެވެ.