މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުދިންތަކެއް ބަލިވެއިން މައްސަލައެއް ބަލަނީ

މެދުރާއްޖެތެރޭ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުދިންތަކެއް ބަލިވެއިން މައްސަލައެއް ފެންމަތިވެ، ބަލަން ފަށައިފިއެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި މެދުރާއްޖެތެރޭގެ ރަށަކުން އުމުރުން 18 އަހަރު ނުފުރޭ ދެ ކުއްޖަކު ބަލިވެއިން މައްސަލައެއް މިހާރު ޖެންޑާ މިނިސްޓްރީން ދަނީ ބަލަމުންނެވެ. އަދި އެފަދަ މައްސަލައެއް ބަލަމުންދާކަން އެމިނިސްޓްރީން ވަނީ "ދެން" އަށް ޔަގީން ކޮށްދެއްވާފައެވެ.
ޖެންޑާއިން ބުނީ މެދުރާއްޖެތެރޭ ރަށަކުން އެފަދަ މައްސަލައެއް އެމިނިސްޓްރީ އަަށް ހުށަހަޅާފައިވާ ކަމަށެވެ.
"މިމައްސަލައިގައި ހިމެނޭ ކުޑަކުދިންގެ ރައްކާތެރިކަން މި މިނިސްޓްރީން ކަށަވަރުކޮށް، މިމައްސަލައިގައި ކަމާ ބެހޭ އިދާރާތަކާއެކު މި މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން" ޖެންޑާއިން ބުންޏެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވެފައިވާ ރަށުގައި މަސްތުވާތަކެތީގެ އެކިއެކި މައްސަލަތައް ވެސް ކުރިމަތިވަމުން ދެއެވެ.
މިމައްސަލައާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ ސެންޓްރަލް ޕޮލިސް ޑިވިޝަން (ދ، ފ، މ) ގައި ހިމެނޭ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ދެ ކުއްޖަކު ބަލިވެއިން ދެ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
"މީގެ ތެރެއިން އެއް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 31 ޑިސެމްބަރ 2020 ވަނަ ދުވަހު. މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވޭ. ދެވަނަ މައްސަލަ ހުށަހަޅާފައިވަނީ 19 ޖެނުއަރީ 2021 ވަނަ ދުވަހު. މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 18 ފެބްރުއަރީ 2021 ވަނަ ދުވަހު، އުމުރުން 22 އަަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފަ" ފުލުހުން ވިދާޅުވިއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ސީރިއަސްކޮށް ބަލަމުންދާ މައްސަލަތައް ކަމަށްވާތީ، މިމައްސަލައިގައި ވެސް ހިމެނޭ އެއްވެސް ކުއްޖެއްގެ މައުލޫމާތެއް ނުވަތަ ވަނަވަރެއް "ދެން" ގެ ފަރާތުން ނުހިމަނަން ވަނީ ނިންމާފައެވެ.





.jpeg?prefix=media)
ކޮމެންޓް