މިސްރުގައި އަލިފާނުގެ ހާދިސާއެއް، 20 މީހަކު މަރުވެ 24 މީހަކު ޒަހަމް ވެއްޖެ

މިއަދުގެ ވަގުތެއްގައި މިސްރުގެ ވެރިރަށް ކައިރޯގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއެއްގައި 20 މީހަކު މަރުވެ 24 މީހަކު ޒަހަމް ވެއްޖެއެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އިމާރާތެއްގެ ހަތަރުވަނަ ބުރީގައި ރޯވުމާ ގުޅިގެންނެވެ. އެއީ އަންނައުނު އުފައްދާ ފެކްޓްރީއެއް ކަމަށް މީޑިޔާތަކުން ރިޕޯޓު ކުރެއެވެ. އަދި އެ ހާދިސާ ހިނގިކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައީ ހާދިސާ ހިނގިތާ އިރުގަނޑެއް ފަހުން ކަމަށްވެސް މީޑިޔާތަކުން ރިޕޯޓުތަކުން ބުނެއެވެ.
ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން އައީ އެ ސަރަހައްދު ކަޅު ދުމުން ފުރުމުން ކަމަށް މީޑިޔާތަކުން ރިޕޯޓް ކުރެއެވެ. އަދި އެވަގުތުން ފަށައިގެން 15 ފަޔަރ ޓްރަކް އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށާއި އަދި އަނިޔާވި މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމަށް އެމްބިއުލާންސްތައް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް ވެސް މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.
މިކަން ހިނގައިދިޔަ ގޮތް ބެލުމަށްޓަކައި މިސްރުގެ ސްޓޭޓް ޕްރޮސެކިއުޓަރ ވަނީ ޓީމެއް އެކުލަވާލައިފައެވެ. އަދި މި މައްސަލަ އެ ޓީމުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.