ދީން

ހިތް ސާފު ކަމަކީ ސުވަރުގެއަށް ވަނުމަށް ހުޅުވޭ ދޮރެއް، ހިތް ސާފުކުރުމަށް މިފަދައިން ޢަމަލުކުރޭ!

ދެން އެމްވީ ، ދެން އޮންލައިން

ޢާއިލާއާއި އަދި އެކުވެރިންގެ ތެރޭގައި ވެސް ، ހަމަ އެހެންމެ ދުރު މީހުންނާ ދެމެދު ވެސް އެކިއެކި ޚިޔާލު ތަފާތުވުންތަކާއި ، ހިތް ނުތަނަވަސްކަން ދިމާވުމަކީ އާންމު ކަމެކެވެ. އަދި އެފަދަ ހިތް ނުތަނަވަސްކަން ސާފު ނުކުރެވި ، އެ ނުތަނަވަސްކަން ޙަސަދަވެރިކަމަށް ބަދަލުވެގެން ދެއެވެ. ނަމަވެސް ކަމުގެ ނުރައްކާތެރިކަން ދެނެގަނެ ، މީހުންނާ މެދު ހިތްސާފުކުރުމަކީ ސުވަރުގެއަށް ހުޅުވޭ ދޮރެކެވެ.

Ads by MWSC

ހަސަދަވެރިކަން އެއްފަރާތްކޮށް ، ހިތް ސާފުކުރުމާ ގުޅޭ ގޮތުން ހިނގާފައިވާ މުހިންމު އަދި އިބްރަތްތެރި ޙާދިޘާއެއް ވެއެވެ.

އެއްދުވަހަކު ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުގައި އަސްޙާބު ބޭކަލުން ތިއްބަވަނިކޮށް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. يطلع عليكم الآن رجل من أهل الجنة ”މިހާރު މިތަނަށް އެ އަންނަނީ ސުވަރުގެ ވަންތަވެރިއެކެވެ.“

އެހިނދު އެތަނަށް އައީ އަންޞާރިއްޔަ ޞަޙާބީއެކެވެ. އޭނާ ވަދެގެން އައި އިރުގައި ވެސް ހުރީ (ތުނބުޅިފުޅުން) ވުޟޫކުރުމުގެ އަސަރު މުޅިން ނުފިލައެވެ. ދެވަނަ ދުވަހު ވެސް ހަމަ އެގޮތަށް ޙަދީޘް ކުރެއްވިއެވެ. މިހެން ޙަދީޘް ކުރެއްވިތާ އިރުކޮޅެއް ނުވެ އެ ދުވަހު ވެސް ވަދެގެން އައީ ކުރީ ދުވަހު ވަދެގެން އައި ޞަޙާބީއެވެ. ތިންވަނަ ދުވަހު ވެސް ހަމަ އެގޮތަށް ޙަދީޘް ކުރެއްވިއެވެ. މިހެން ޙަދީޘް ކުރެއްވިތާ އިރުކޮޅެއްނުވެ ތިންވަނަ ދުވަހު ވެސް ވަދެގެން އައީ ކުރީ ދުވަހު ވަދެގެން އައި ޞަޙާބީއެވެ.

ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެތަނުން ވަޑައިގަތުމުން ، عبد الله بن عمرو بن العاص، އަންޞާރިއްޔަ ޞަޙާބީ ފަހަތްޕުޅުން ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ”ތިމަންނަޔާ، ތިމަންގެ ބައްޕާފުޅާއި މައްސަލައެއް ޖެހި، ބައްޕާފުޅުގެ އަރިހަށް ތިން ދުވަސް ވަންދެން ނުވަނުމަށް ހުވާކޮށްފީމެވެ. މި މުއްދަތުގެ ތެރޭގައި ތިމަންކަލޭގެފާނަށް ހިޔާވަހިކަން ދެއްވައިފާނަންތޯއެވެ؟“ އަންޞާރިއްޔަ ޞަޙާބީ އެކަމަށް އެއްބަސްވެލެއްވުމުން عبد الله بن عمرو بن العاص ތިން ރޭ އަންޞާރިއްޔަ ޞަޙާބީ ގެ ގެކޮޅުގައި ހޭދަކުރެއްވިއެވެ.

عبد الله بن عمرو بن العاص ވިދާޅުވިއެވެ. އަންޞާރިއްޔަ ޞަޙާބީ ފުރަތަމަ ރޭ ވެސް މާ ގިނަ ހެޔޮ ޢަމަލުތައް ކުރާތީ ނުފެނެއެވެ. ދަމުނަމާދު ކުރާތީ ނުފެނެއެވެ. ދެވަނަ ރޭ ވެސް ހަމަ އެހެންނެވެ. ތިންވަނަ ރޭވެސް ހަމަ އެހެންނެވެ. ދެން عبد الله بن عمرو بن العاص މި ޞަޙާބީއަށް ދެންނެވިއެވެ. ”ތިމަންކަލޭގެފާނަކާ، ތިމަންކަލޭގެފާނުގެ ބައްޕާފުޅަކާ އެއްވެސް މައްސަލައެއް ނުޖެހެއެވެ. މިގޮތަށް ތިމަންކަލޭގެފާނު ކަންތައް ކުރަން މިޖެހުނު ގޮތަކީ ޖެހިޖެހިގެން ތިން ދުވަހު ޞަޙާބީން ތިއްބެވި މަޖިލީހެއްގައި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. يطلع عليكم الآن رجل من أهل الجنة ”މިހާރު މިތަނަށް އެއަންނަނީ ސުވަރުގެ ވަންތަވެރިއެކެވެ.“

މި ތިން ދުވަހުވެސް އެ ވަގުތު މަޖިލީހަށް ހާޒިރުވީ ކަލޭގެފާނެވެ. ދެން ކަލޭގެފާނު ކުރިއަރައި ދިޔަ ޢަމަލަކީ ކޮބައިތޯ ބެއްލެވުމަށް ތިމަން ކަލޭގެފާނު ބޭނުންފުޅުވިއެވެ. އެހެން ނަމަވެސް މި ދިޔަ ދުވަސް ތަކުގައި ކަލޭގެފާނުގެ ކިބައިން އެހެން ޞަޙާބީންނަށް ވުރެ ކަލޭގެފާނަށް ކުރިއަރައި ދެވޭ ފަދަ ހެޔޮ ޢަމަލެއް ކަލޭގެފާނު ކުރައްވާތީ ތިމަން ކަލޭގެފާނު ނުދެކެމެވެ. އެހެން ޞަޙާބީންނަށް ވުރެ ކަލޭގެފާނަށް ކުރިއަރައި ދެވޭ ފަދަ ހެޔޮ ޢަމަލެއް ކުރައްވާ ނަމަ އެޢަމަލެއް ވިދާޅުވެ ދެއްވަންވީ ނޫންތޯއެވެ. އަންޞާރިއްޔަ ޞަޙާބީ ވިދާޅުވިއެވެ. ތިމަން ކަލޭގެފާނުގެ ޢަމަލުތައް ކަލޭގެފާނަށް މިދިޔަ ދުވަސްތަކުގައި ތިޔަ ފެނިވަޑައިގަތީއެވެ. އޭގެ އިތުރު ޢަމަލެއް ނުކުރައްވަމެވެ. މިހެން ވިދާޅުވުމުން عبد الله بن عمرو بن العاص މޮޅިވެރިކަމާ އެކު އެނބުރި ދިޔުމަށް ހިނގައިގަތެވެ. ދެން އަންޞާރިއްޔަ ޞަޙާބީ އެ ކަލޭގެފާނަށް ގޮވައިލެއްވިއެވެ. ތިމަންކަލޭގެފާނުގެ ޢަމަލުތައް ވާނީ ކަލޭގެފާނަށް ފެނިވަޑައިގެންފައެވެ. އޭގެ އިތުރަށް، ތިމަންނާގެ ހިތުގައި އެއްވެސް މީހަކަށް ޙަސަދަވެރިކަމެއް ނުބާއްވަމެވެ. عبد الله بن عمرو بن العاص ވިދާޅުވިއެވެ. ”ތިޔަ ކުރިއަރާ ދިޔަ ހެޔޮ ޢަމަލަކީ ތިޔައީއެވެ.“

މިފަދަ ހެޔޮ ކަމަކީ އަޅުގަނޑުމެންނަށް ވެސް ޙާޞިލް ކުރެވެން އޮތް ހެޔޮ ކަމެކެވެ. ކުރާން އޮތް ކަމަކީ އެ މަގަށް މަސައްކަތް ކުރުމެވެ. އަނެކާއާ ދެމެދު ހަސަދަވެރިކަން ނުބާއްވައި ، ހިތް ސާފުކުރުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. އެގޮތުން އެކަން ޙާޞިލްކުރުމަށް ﷲގެ ޙަޟްރަތުގައި ދެންނެވުމީި މިކަން ކާމިޔާބުވާން އޮތް އެންމެ ވަރުގަދަ ވަޞީލަތެވެ. އެފަދަ ދުޢާތަކުގައި ތިމާގެ މައްޗަށް ހަޑިހުތުރު ބަސްބުނެ ، ދޮގު އިލްޒާމް އަޅުވައިފައިވާ ފަރާތްތަކަށް ތިމާ މަޢާފްކޮށް ، އަދި ތިމާ އެމީހަކާ ނުވަތަ އެ ބަޔަކާ މެދު ނޭދެވޭ ވާހަކަ ދައްކާފައިވާ މީހުންނަށް ފާފަ ފުއްސަވައި މަޢާފް ކޮށްދެއްވުން އެދި އިޚްލާޞްތެރިކަމާ އެކު ދެންނެވުމަކީ ހިތް ސާފުވެގެން ހިނގައިދާނެ ގޮތެކެވެ.

މަސްދަރު: ޝައިޚް ޢަބުދުއްސައްތާރު ޢަބުދުއްރަޙްމާންގެ ދަރުހެއް

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!