އިބްރަތްތެރި ވާހަކައެއް: "ސުވަރުގޭގައި މަންމަ ލެޕްޓޮޕް ނުގެންގުޅޭނަންދޯ؟"
މިއީ ކޮންމެ މަޔަކު އަދި ބަފަޔަކު ވެސް ވިސްނާލުން ރަނގަޅު ވާހަކައެކެވެ. ދަރިންނަށް ސަމާލުކަން ދިނުމުގެ މުހިންމުކަން މިވާހަކައިން ހާމަވެގެން ދެއެވެ.
ދެ ދަރިންގެ ކަންކަން އެކަނިމާއެކަނި ބަލަހައްޓަމުން ދިޔަ މައެކެވެ. ދޮށީ ކުއްޖާގެ އުމުރުން ހަތް އަހަރެވެ. އަދި ހަގު ކުއްޖާއަށް ފަސް އަހަރެވެ.
އޭނާގެ ދަރިންގެ ކަންކަން ބެލެހެއްޓުމަށް އޭނާ ދިޔައީ އާމްދަނީ ހޯދަން މަސައްކަތް ކުރަމުންނެވެ. އޭނާއަކީ ރިޕޯޓަރެކެވެ.
ދުވަސް ފެށޭނީ ސައިގެ ކަންކަން ހަމަޖައްސާ ކުދިންނަށް ކާން ދިނުމަށްފަހު އޭނާވެސް ކައިގެން މަސައްކަތަށް ފެށުމުގައެވެ. ކޮވިޑްގެ ދުވަސްވަރު ކަމުން އޭނާ މިދުވަސްކޮޅު މަސައްކަތް ކުރީވެސް ގޭގައެވެ.
ކޮންމެ ދުވަހަކުވެސް ވަޒީފާގެ ކަންކަން ފެށުމަށްފަހު އޭނާ ގެއްލެއެވެ. އޭނާގެ ކައިރީގައި ދަރިން ކިތަންމެ ވަރަކަށް އުޅުނު ނަމަވެސް އެކުދިންނަކަށް އޭނާއަށް ސަމާލުކަމެއް ގިނަފަހަރަށް ނުދެވެއެވެ. އެކުދިން އަމިއްލައަށް ތަށްޓަށް ކާއެއްޗެހި އަޅައިގެން ކައެވެ. ކާއެއްޗެއް އަމިއްލައަށް ނެގޭ ހިސާބެއްގައި ނެތް ނަމަ ފްރިޖުން ކޮންމެވެސް އެއްޗެއް ހޯދައިގެން ކާލައެވެ. މަންމައަށް ގޮވަނީ އެހެންވެސް ކާނެ އެއްޗެއް ނެތްނަމައެވެ. އެއިރުންވެސް ތިޔަ ގޮވީ ވަރަށް ބިޒީ ގަޑިއެއްގައި ކަމަށް ބުނެ ޝަކުވާ ކުރާފަދަ ރާގަކަށް ވާހަކަ ދައްކަމުން އޭނާ ދަރިންނަށް ކާންދެއެވެ.
އެކުދިން ފެންވަރާ ރީތިވަނީ ވެސް އަމިއްލައަކަށެވެ. ކުޅެން އުޅެމުން މަންމަ ގާތު އެކުދިންނާއެކު ކުޅެލަން އައުމަށް އެދޭ ކޮންމެ ފަހަރަކު ވެސް ޖަވާބަކަށް ވަނީ "ބިޒީ" އެވެ.
މަންމަ ދެކެ ލޯބިން ބައެއް ފަހަރު ރީތި ކުރެހުންތައް ކުރަހާލާފައި ނުހަނު ފޮނި އުންމީދުގައި ހިނިތުންވުމަކާއެކު ގޮސް މަންމައަށް އެކުރެހުން ދައްކާލައެވެ. އަދި ރީތިތޯ ވެސް އަހައެވެ. ނަމަވެސް އެކަރުދާސް ގަނޑާއި ދިމާލަށް ކުޑަކޮށް ނަޒަރު ހިންގާލާފައި އާނ ރީއްޗޭ ބުނުމަށްފަހު މަންމައަށް އިނދެވެނީ ލެޕްޓޮޕަށް އޭނާގެ މަސައްކަތަށް ގެއްލިފައެވެ. އެއިރު އެކުޑަ ދެ ދަރިންގެ ހިތްތަށް ހިތާމައިން ފުރެއެވެ.
އެއްރެއަކު އެމަންމައަށް ލެޕްޓޮޕް ބަހައްޓާފައި ދޮށީ ދަރިފުޅާއެކު ވަގުތުކޮޅެއް ހޭދަކުރަން މަޖުބޫރުވިއެވެ. ދޮށީ ދަރިފުޅު މާބޮޑަށް ބަލިވުމުންނެވެ. ނަމަވެސް އެއިރުވެސް މަންމަގެ ސިކުނޑީގައި ވަނީ ދެން އެއްޗެއް ލިޔެލަން ދެވޭނެ އިރަކާއިމެދުގައެވެ.
މަންމަ ކައިރީގައި އިނީމަ ދޮށީ ދަރިފުޅު އުފަލުން ވާހަކަ ދައްކަން ފެށިއެވެ. އެކުއްޖާ ބުންޏެވެ.
"މަންމާއެވެ. އަޅުގަނޑު މިހާ ބަލިމިވަނީ މަރުވާންހެއްޔެވެ؟"
މަންމަގެ ހިތް ހީވީ ފަޅައިގެން ދިޔަހެންނެވެ. ނޫނެކޭ ދަރިފުޅާއެވެ. އެގޮތަށް ނުވިސްނާށޭ މަންމަ ވަރަށް ދެރަވާނޭ އެމަންމައަށް ބުނެވުނެވެ.
މަންމަވާލޯބި އިހުސާސް ކުރެވުމުން އެކުއްޖާ ހިނިތުންވެލާފައި އިތުރަށް ބުންޏެވެ.
"އިން ޝާ ﷲ އަޅުގަނޑު މަރުވީމަ ދާނީ ސުވަރުގެއަށެވެ. އެތަނަށް ގޮސްފައި ކޮއްކޮއާއި މަންމަ އަޅުގަނޑު ކައިރިއަށް ގެންނަން ދުޢާ ކުރާނަމެވެ." ދަރިފުޅުގެ ބަސްތަކުން މަންމަ އުފާވެސް ވިއެވެ. ނަމަވެސް ދެން ބުނި ބަސްތަކުން މަންމަ ވަރަށް ހައިރާންވިއެވެ.
"އެކަމަކު ސުވަރުގޭގައި މަންމަ ލެޕްޓޮޕެއް ނުގެންގުޅޭނަން ދޯ؟" ދަރިފުޅުގެ އެސުވާލުން މަންމަ ހައިރާންވެ، އެހެން އެހީ ކީއްވެތޯ އެއްސެވެ. ޖަވާބުގައި ދަރިފުޅު ބުނީ
"އޭރުން ސުވަރުގޭގައި ވެސް މަންމަ ބިޒީ ވާނެ ނޫންހެއްޔެވެ؟ އަޅުގަނޑު ބޭނުމީ ސުވަރުގޭގައި މަންމަ އަަޅުގަނޑުމެންނާއިއެކީ އެކަނި އުޅޭށެވެ."
ދަރިފުޅުގެ އެބަސްތަކުން އެމައިމީހާއަށް ހެޔޮ ވިސްނުނެވެ. ވަގުތު ދޭންވާނީ ހަމައެކަނި ވަޒީފާއަށް ނޫންކަމާއި ދަރިންނަށް ވަގުތާއި ސަމާލުކަން ދިނުމަކީ އެކުދިންނަށް ވަރަށް މުހިންމުކަމެއްކަން އޭނާއަށް ވިސްނި، އެކަންތައްތައް ރަނގަޅު ކުރަން އަޒުމް ކަނޑައެޅިއެވެ.
މިވާހަކައިގައި މަޔަކު މިހެން އުޅުނަސް، މިހެން އުޅޭ ބަފައިން ވެސް މަދެއް ނޫނެވެ. ވިސްނާލާށެވެ.