ޚަބަރު

ސްޓެލްކޯއިން ރަސްދޫގައި އަޅައިދެނީ ފެންވަރު ރަނގަޅު ޒަމާނީ އިންޖީނުގެއެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސްޓެލްކޯގެ ފަރާތުން އއ. ރަސްދޫގައި އަޅާ އިންޖީނުގެއަކީ، 5 މެގަވޮޓް ކެޕޭސިޓީއެއް ގާއިމް ކުރެވޭގޮތަށް އަޅާ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު އިންޖީނުގެތަކުގެ ތެރޭގައި ހިމެނިގެންދާނެ ޒަމާނީ އިންޖީނުގެ އެއް ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.

Ads by Hajj Corporation

ސްޓެލްކޯއިން ރަސްދޫގައި ގާއިމްކުރާ އައު އިންޖީނުގޭގެ ބިންގާ މިއަދު ވަނީ އަޅާފައެވެ.

ރަސްދޫއަކީ ދިވެހި ރާއްޖޭގެ ލޯކަލް ޓުއަރިޒަމްގެ މަޝްހޫރު ނަމެއްކަން ފާހަގަ ކުރަމުން ސްޓެލްކޯއިން ބުނީ އެކި ފަންތިއާއި ގިންތީގެ ގެސްޓްހައުސްތައް ހިންގަމުން ގެންދާ ރަސްދޫއަށް އަންނަމުންދާ ތަރައްގީއާއި އެއްވަރަށް އައި ރަސްދޫގެ މަތިވަމުންދާ ކަރަންޓް ލޯޑަށް ކޭޓާ ކުރުމަށްޓަކައި އެކުންފުނިން އަބަދުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން މިވަގުތު ރަސްދޫގައި 754 ކިލޯވޮޓްގެ އިންޖީނުގެއެއް ސްޓެލްކޯއިން ހިންގަމުން އަންނަ އިރު، އެ އިންޖީނުގެއަކީ ކުރިޔަށް އޮތްތަނުގައި ރަސްދޫއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނަކަށްވާތީ، މުސްތަގުބަލުގައި ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، 5 މެގަވޮޓްގެ އާއިންޖީނުގެއެއް އެޅުމުގެ މަސައްކަތް މިހާރު މިވަނި ފެށިފައި ކަމަށް އެކުންފުނިން ބުނެއެވެ.

"މި އިންޖީނުގެ އިމާރާތް ކުރެވޭނީ ހިދުމަތަށް ބުރޫ ނާރާގޮތަށް މިހާރުގެ އިންޖީނުގެ ހުރިތަނުގައި. ރަސްދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އަކީ ޒަމާނުއްސުރެ އިންޖީނުގެތަކާ މެދު ދެކެމުން އައި ގޮތް ބަދަލު ކޮށްލާ، ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވެގެން ދާނެ. އަދި ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށް ވެގެން ދާނެ. މީގެ އިތުރުން މި އައު އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް. އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައި ދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން." ސްޓެލްކޯއިން ބުނެފައިވެއެވެ.

މީގެ އިތުރުން އޮންލައިން މޮނިޓަރިންގ އާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް ކަމަށާއި ސްޓެލްކޯގެ އުއްމީދަކީ މި އައު އިންޖީނުގެއާއެކު، ރަސްދޫއަށް ބާރު ދުވެލީގައި އަންނަމުންދާ ތަރައްގީއާއި، ލޯކަލް ޓުއަރިޒަމް ވިޔަފާރިއަށް އިތުރު ތަރައްގީއާއި، ކުރިއެރުން ލިބި، ރަނގަޅު ހިދުމަތެއް ރަސްދޫގައި ދިނުން ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!