ދީން

ފާފަ ކުރެވޭނަމަ ކީރިތި ޤުރްއާން ހިތުދަސްކުރަން އުނދަގޫވާނެ: މުފްތީ މެންކް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ އަޅަގަނޑުމެން ކޮންމެ މުސްލިމަކުމެ ކުރަން ވަރަށް ބޭނުންވާ، އަދި މާތް ﷲ ގެ އިރާދަފުޅުން އެކަން ކުރެވިއްޖެނަމަ، ނުހަނު ޤަދަރާއި ޝަރަފު ވެސް ލިބިދޭ ކަމެކެވެ.

Ads by Hajj Corporation

ނަމަވެސް އަަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން، ކީރިތި ޤުރްއާން ހިތު ދަސްކުރަން ކިތަންމެ ބޭނުންވި ކަމުގައިވިޔަސް އަދި އެކަމަށް ހިތުލައިގެން ހުރި ކަމުގައި ވިޔަސް، އެކަން ވެފައިވަނީ ކުރަން ދަތި ކަމަކަށެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ވަނީ އެކަމާ ގުޅޭގޮތުން އެމަނިކުފާނުގެ ދަރުހެއްގައި އަލިއަޅުވާލައްވާފައެވެ.

"ބައެއް މީހުން ކުރާ އެއް ޝަކުވާއަކީ ކީރިތި ޤުރްއާން ކިޔެވި ނަމަވެސް ހިތުދަސްކުރަން އުނދަގޫވުމެވެ. އެކަން އެގޮތަށް މެދުވެރި ވަނީ ފާފަކުރެވޭތީއެވެ.

މާތް ﷲ ވަޙީކުރައްވަވާފައި ވަނީ:

﴿282﴾ يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَاكْتُبُوهُ ۚ وَلْيَكْتُب بَّيْنَكُمْ كَاتِبٌ بِالْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَن يَكْتُبَ كَمَا عَلَّمَهُ اللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ الَّذِي عَلَيْهِ الْحَقُّ وَلْيَتَّقِ اللَّهَ رَبَّهُ وَلَا يَبْخَسْ مِنْهُ شَيْئًا ۚ فَإِن كَانَ الَّذِي عَلَيْهِ الْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَن يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ ۚ وَاسْتَشْهِدُوا شَهِيدَيْنِ مِن رِّجَالِكُمْ ۖ فَإِن لَّمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّن تَرْضَوْنَ مِنَ الشُّهَدَاءِ أَن تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَىٰ ۚ وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا ۚ وَلَا تَسْأَمُوا أَن تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰ أَجَلِهِ ۚ ذَٰلِكُمْ أَقْسَطُ عِندَ اللَّهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَىٰ أَلَّا تَرْتَابُوا ۖ إِلَّا أَن تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوا إِذَا تَبَايَعْتُمْ ۚ وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ ۚ وَإِن تَفْعَلُوا فَإِنَّهُ فُسُوقٌ بِكُمْ ۗ وَاتَّقُوا اللَّهَ ۖ وَيُعَلِّمُكُمُ اللَّهُ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ مدة އަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ معاملة އެއް ކޮށްފިނަމަ، ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ! އަދި، ތިޔަބައިމީހުންގެ މެދުގައި ލިޔާ މީހަކު عدل ވެރި ކަމާއެކު (އުނި އިތުރު ކުރުމެއް ނެތި، އެއުރެން އެއްބަސްވީގޮތަށް، އެ ދަރަނީގެ ލިޔުން) ލިޔާހުށި ކަމެވެ! ލިޔާ މީހަކު (ކިބައިން ލިޔެދިނުމަށް އެދިއްޖެނަމަ) އޭނާއަށް، اللَّه ލިޔަން އުނގަންނައިދެއްވި ފަދައިން ލިޔެދިނުމުން، އޭނާ منع ވެ ނުގަންނަހުށި ކަމެވެ! ފަހެ، އޭނާ ލިޔާހުށި ކަމެވެ! އަދި، އެމީހެއްގެ މައްޗަށް حق އޮތް މީހާ (އެބަހީ: ދަރަނިވެރިޔާ ލިޔަންވީ އެއްޗެއް ލިޔާ މީހާއަށް) ކިޔައިދޭހުށިކަމެވެ! އަދި، އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ اللَّه އަށް، އޭނާ تقوى ވެރި ވާހުށިކަމެވެ! އަދި، އެއިން އެއްވެސް އެއްޗެއް އުނި ނުކުރާ ހުށިކަމެވެ! ފަހެ، އެމީހެއްގެ މައްޗަށް حق އޮތް މީހާއީ (އެބަހީ: ދަރަނިވެރިޔާއީ) ދޯދިޔާ މީހަކު ކަމުގައިވާނަމަ (އެބަހީ: ވިޔާނުދާ خرد ކޮށް إسراف ކޮށްއުޅޭ، އުޅުންގޯސް މީހަކު ކަމުގައިވާނަމަ) ނުވަތަ (ދަރަނިވެރިޔާއީ) ނިކަމެއްޗެއް ކަމުގައިވާނަމަ، (އެބަހީ: ކުޑަކުއްޖަކު، ނުވަތަ މޮޔައަކުފަދަ މީހަކު ކަމުގައިވާނަމަ) ނުވަތަ (ދަރަނިވެރިޔާއީ) އޭނާ އަމިއްލައަށް ކިޔައިދޭން ކުޅަދާނަކަން ލިބިގެންނުވާ މީހަކު ކަމުގައިވާނަމަ، ފަހެ، عدل ވެރިކަމާއެކު އޭނާގެ ولى ވެރިޔާ (އެ ދަރަނި ލިޔުމަށް) ކިޔައިދޭ ހުށިކަމެވެ! އަދި، (މިފަދަ ކަންކަމުގައި) ތިޔަބައިމީހުންގެ ފިރިހެނުންގެ ތެރެއިން ދެހެކިން ތިޔަބައިމީހުން ހެކިކުރާށެވެ! އެ ދެ ހެކިންނަކީ، ދެފިރިހެނުން ކަމުގައި ނުވިނަމަ ފަހެ، ހެކިންކުރެ ތިޔަބައިމީހުން ރުހޭ މީހުންގެ ތެރެއިން (އެބަހީ: عدل ވެރި مسلم ންގެ ތެރެއިން) ފިރިހެނަކާއި ދެ އަންހެނުންނެވެ. (އެއީ) އެ ދެ އަންހެނުންކުރެ އެކަކަށް (ހަނދާންނެތިވެ) މަގުއޮޅިދާނެ ކަމަށްޓަކައެވެ. ދެން، އެހިނދު އެ ދެ އަންހެނުންކުރެ އެކަކަށް، އަނެކަކު (އެކަން) ހަނދާންކޮށް ދިނުމަށްޓަކައެވެ. އަދި، ހެކިންނަށް ގޮވައިލައިފި ހިނދަކު އެއުރެން (އެކަމުން) މަނާވެ ނުގަންނަހުށިކަމެވެ! އަދި (އެ ދަރަނި) ކުޑަކަމުގައިވިޔަސް، ނުވަތަ ބޮޑު ކަމުގައިވިޔަސް އެ ދަރަނީގެ مدة އާ ހަމަޔަށް ލިޔުމަށް، ތިޔަބައިމީހުން ފޫހިނުވާށެވެ! އެގޮތަށް ލިޔުން، اللَّه ގެ حضرة ގައި عدل ވެރިކަން ބޮޑެވެ. އަދި، ހެކި ދިނުމަށް ސީދާކަން ބޮޑެވެ. އަދި، ތިޔަބައިމީހުންނަށް شك ނުވުން ގާތްކަން ބޮޑުވެސްމެއެވެ. ތިޔަބައިމީހުންގެ މެދުގައި، ވަގުތުން ހިންގާ ވިޔަފާރިއެއް ކަމުގައި ވުމުން މެނުވީއެވެ. ފަހެ، ތިޔަބައިމީހުން އެ ވިޔަފާރި ނުލިޔުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި، ތިޔަބައިމީހުން ވިޔަފާރިއެއް ކޮށްފިނަމަ، ތިޔަބައިމީހުން ހެކިކުރާށެވެ! އަދި، ލިޔާ މީހާއާއި ހެކިދޭ މީހާ (ދަރަނިވެރިޔާއަށާއި ދަރަނިދޭ މީހާއަށް) ގެއްލުންނުދޭހުށި ކަމެވެ! (ނުވަތަ، އެ ދެ މީހުންނަށްވެސް ގެއްލުމެއް ލިބިގެން ނުވާހުށްޓެވެ.) ތިޔަބައިމީހުން (ނަށް ނަހީކުރެއްވި ކަންތައް) ކުރާނަމަ، ފަހެ، ހަމަކަށަވަރުން، އެއީ، ތިޔަބައިމީހުންގެ ކިބައިގައިވާ (ނުކިޔަމަންތެރި) فاسق ކަމެކެވެ. ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ. اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
[ އަލް ބަޤަރާ 282 ވަނަ އާޔަތް ]

ޤުރްއާން ހިތުދަސް ކުރަން ބޭނުންވެ، އެކަން ނުކުރެވުމާއި ގުޅޭގޮތުން ހާދިސާއެއް ކިޔައި ދެއްވަން ހެއްޔެވެ؟

އިމާމް ޝާފީއަކީ ހިތުދަސް ކުރައްވަން ވަރަށް ކުޅަދާނަފުޅު، ވަރަށް ތޫނުފިލި ޢިލްމުވެރިއެކެވެ. އެހެންކަމާއެކު ވެސް ޤުރްއާން ހިތުދަސް ކުރައްވަން އުނދަގޫފުޅު ވެގެން އުސްތާޛެއް ކަމުގައިވާ ވަކީ އިބުނު ރައްޖާޙް ގާތު ޝަކުވާ ކުރެއްވުމުން، އިމާމް ޝާފީއަށް، ވަކީ އިބުނު ރައްޖާޙް ވިދާޅުވިއެވެ.

'ޢިލްމަކީ ﷲ ތަޢާލާ ދެއްވަވާ ނޫރެކެވެ. އެ ނޫރު ލިބުމަށް އެދޭ މީހާ ފާފަ ނުކުރާށެވެ! ފާފައަކާ ކައިރި ވެސް ނުވާށެވެ!'

ނިކަން ވިސްނައިލަބަލާށެވެ! މިއީ ޝާފިޢީ މަޛްހަބުގެ އިމާމް، އިމާމް ޝާފީއަށް އެކަލޭގެފާނުގެ އުސްތާޛަކު ދެއްވި ނަޞޭޙަތްޕުޅެވެ. އަހަރެމެންގެ ޙާލަކީ ކޮބައި ހެއްޔެވެ؟

މީސްތަކުންނޭވެ! މިހާރަކަށް އައިސް އުނގެނެން އެންމެ ބޮޑަށް އުނދަގޫވާ ސަބަބަކީ ބޭކާރު ވިސްނުންތަކުން ސިކުނޑި ފުރާލާފައިވުމެވެ. ޙަދީޘްފުޅުގައި އޮތީ އެމީހަކާ ނުބެހޭ ކަންކަމާއި ނުބެހި ދޫކޮށްލުމެވެ. ނަމަވެސް މިހާރު ކޮންމެ މީހެއްގެ ސިކުނޑީގައި ވެސް އެންމެ ބޮޑަށް ގިނަ ވެފައި ހުންނަނީ އެހެން މީހުންގެ މައްސަލަތަކެވެ. އެހެން މީހުން ކުރާ ކަންކަމެވެ.

މުޅި ދުވާލު ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތައް ބޭކާރު ކޮށްލަނީ އެހެން މީހުން ކުރާ ކަންކަމަށް ވާހަކަ ދެއްކުމުގައެވެ. އެކަމުގެ ސަބަބުން ފަތިސްނަމާދަށް އަރާއިރު އެއީ ދެ ރަކްޢަތް ނަމާދެއްކަން ހަނދާން ނުހުންނަ މީހުންވެސް އެބައުޅެއެވެ. މިހާލަތަށް ކަންކަން ދިއުމުން ދެން ސިކުނޑިއަށް އެއްޗެއް އަޅާނީ ކޮން ޖާގައަކަށް ހެއްޔެވެ؟

ވީމާ ޤުރްއާން ނަމަވެސް އެހެން ޢިލްމެއް ނަމަވެސް އުނގެނެން ބޭނުންވާ މީހާ، ޚާއްޞަކޮށް ހިތުދަސްކުރަން ބޭނުންވާ މީހާ މިބަނާންކުރި ކަންކަމަށް ސަމާލުކަން ދޭށެވެ. ފުރަތަމަ ކަމަކީ ފާފަ އަކާއި ކައިރި ވެސް ނުވުމެވެ. ތަޤްވާވެރި ވުމެވެ. ދެވަނަ ކަމަކީ ބޭކާރު ވިސްނުންތައް ސިކުނޑީގައި ނުބެހެއްޓުމެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!