ދީން

މައިންބަފައިން ކުރާ މިފަދަ ކަންކަމަށް އަޛާބު ދެއްވާނެކަން އެނގޭތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ގެ ދަރުހެއްގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

Ads by Sosun Fihaara

"މީގެ ދުވަސްކޮޅެއް ކުރިން އަހަންނަށް ކުޑަ ކުއްޖަކު އީމެއިލެއް ކުރިއެވެ. އޭގައި އެކުއްޖާ ބުނެފައި ވަނީ އޭނާގެ ބައްޕަ އޭނާއާ ދިމާލަށް ވަރަށް ބޭއަދަބީ ބަސްތަކުން މުޚާތަބު ކުރާ ވާހަކައާއި ހަޑިހުތުރު ވެގެން ވާހާ ނަންތަކުން ގޮވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކުއްޖާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި އޭނާގެ ބައްޕަދެކެ އޭނާ ނަފްރަތު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ތިޔަބައިމީހުންގެ ދަރިންނާ ދިމާލަށް އެފަދަ ނަން ނަމުން ނުގޮވާށެވެ. ދަރިންނަކީ މާތް ﷲ ދެއްވަވާފައިވާ އަމާނާތެކެވެ. ދަރިންނާ ދިމާލަށް ހުތުރު ބަސްތަކުން މުޚާތަބުކޮށް، ނަންނަމުން ގޮވާނަމަ އޭގެ އަޛާބު ތިޔަ މައިންބަފައިންނަށް ލިބޭނެއެވެ. އެއީ ހަމައެކަނި މި ބިންމައްޗަކު ނޫނެވެ. ދެ ދުނިޔޭގައި ވެސް މެއެވެ.

އެހެންކަމުން ދަރިންނާމެދު ހެޔޮކޮށް ޢަމަލު ކުރާށެވެ. ރީތި ނަންނަމުން ގޮވާ، ރީތިކޮށް މުޙާތަބު ކުރާށެވެ.

ހަމައެކަނި ދަރިންނާ އެކަންޏެއް ނޫނެވެ. ތިމާގެ މައިންބަފައިންނާއި، އާއިލާގެ އެހެން މީހުންނާއި، އެކުގައި މަސައްކަތްކުރާ މީހުންނާއި، އެކުވެރިންނާއި، އަވައްޓެރިންނާއި އަދި ތިމާ ނުދަންނަ މީހެއް ނަމަވެސް އެންމެންނާ ވެސް އަދަބު އިޙްތިރާމާއެކު މުޙާތަބް ކުރާށެވެ.

ބައެއް ފަހަރު ބައެއް މީހުން ކުރާ ކަންކަމުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ބަސްތައް ބުނެވޭނެ ވަގުތުވެސް އަންނާނެއެވެ. ނަމަވެސް އެފަދަ ވަގުތުތަކުގައި ވެސް އަމިއްލަ ނަފްސާއި ރުޅި ކޮންޓްރޯލުކޮށް، ބޭއަދަބީ ބަހެއް ނުބުނެ ވޭތޯ މަސައްކަތް ކުރާށެވެ.

އެފަދައިން ކެތްތެރިވެ، އެފަދަ ވަގުތުގައި ވެސް މީހުންނާއި ރީތިކޮށް މުޙާތަބު ކޮށްފިނަމަ، ﷲ ތަޢާލާ ތިޔަބައިމީހުންނަށް ދެ ދުނިޔޭގައި ވެސް ބާއްޖަވެރިކަން ދެއްވާނެތެވެ.

މިކަމާ ވިސްނަވާށެވެ. އެތައް ދަރީންނެއް އެކުދިންގެ މައިންބަފައިންގެ ސަބަބުން ހަލާކުވެފައި އެބަހުއްޓެވެ. އަދި މައިންބަފައިންނާ އުފެދިފައިވާ ދުރު މިނެއްގެ ސަބަބުން އެމީހުންނަށް ދެން އެކުދިން ރަނގަޅު ނުކުރެވި ވެސް އެބަހުއްޓެވެ.

އެހެންކަމުން ދަރިންނާމެދު ހެޔޮކޮށް ޢަމަލު ކުރާށެވެ. މާތް ﷲ އަށް ކުރާ އަޅުކަމެއްގެ ގޮތުގައި ވެސް އެކަން ކުރާށެވެ."

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!