ދެވަނަ ދަރި ލިބުމަށްފަހު ކަރީނާ އެނބުރި ކަސްރަތަށް

ބޮލީވުޑްގެ މަޝްހޫރު ދެ އެކްޓަރުން ކަމުގައިވާ ކަރީނާ ކަޕޫރް ޚާން އާއި އޭނަގެ ފިރިމީހާ ސައިފް ޢަލީ ޚާން އަށް ދެވަނަ ދަރިއަކު ލިބުނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ.
ދެވަނައަށް ވެސް ލިބުނީ ފިރިހެން ދަރިއެއްކަން ހާމަ ކޮށްފައިވީ ނަމަވެސް، އެކުއްޖާއަށް ކިޔާ ނަމެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ. އަދި ދެވަނަ ދަރިފުޅުގެ މޫނުވެސް އަދި އާންމުންނަށް ދައްކާލާފައެއް ނުވެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ސައިފް ކުރިން ބުނެފައި ވަނީ، ދެވަނަ ދަރިފުޅު އާންމުންނަށް ހާމަ ކުރާނީ އެ ދެމަފިރިން އެއްކޮށް ކަމަށާއި، އެކަން ކުރާނީ ކަރީނާގެ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ވަރަށް ޚާއްސަ ގޮތަކަށް ކަމަށެވެ.
ފުރަތަމަ ދަރިފުޅު ތައިމޫރް ޢަލީ ޚާން ލިބިގެން ކަރީނާ އެންމެ ފުރަތަމަ ކުރިން ކަންކަމުގެ ތެރޭގައި ކަސްރަތު ކުރުން ހިމެނެއެވެ. ދެވަނަ ދަރިފުޅު ލިބިގެން ވެސް މަހެއް ވާން ގާތްވުމުން ކަރީނާ މިހާރު ވަނީ އެމަސައްކަތް ފަށާފައެވެ.

އެގޮތުން ކަރީނާ އިއްޔެ އޭނަގެ އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައިވަނީ އޭނާ ދުވަން ފަށައިފި ކަމަށާއި އިއްޔެ އަކީ ފުރަތަމަ ދުވަސް ކަމަށެވެ.
ބަލިވެއިން ދުވަސްވަރު ހަށިގަނޑަށް ބޮޑު ބަދަލެއް އައި ކަމާއި، އެދުވަސްވަރަކީ އޭނާ އެންމެ ހަމަޖެހިގެން ކައިބޮއެ އުޅުނު ދުވަސްވަރުކަމަށް ކަރީނާގެ ކުރީގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.