ޚަބަރު

އުފަން ދުވަހު ޔުމްނާ ހަނދުމަފުޅު ކުރެއްވީ ޅަފަތުގެ ހަނދާންތަކެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިއްޔެއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ގެ ދެ ދަރިކަނބަލުން ކަމަށްވާ ޔުމްނާ މައުމޫން އާއި ދުންޔާ މައުމޫންގެ އުފަން ދުވަހެވެ.

Ads by STELCO

އުފަންދުވަހުގެ ތަހުނިޔާ ދުންޔާއަށް އަރިސް ކުރައްވަމުން ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވަނީ ތުއްތުޕުޅުއިރު އެ ދެކަނބަލުންގެ މަންމާފުޅު ނަސްރީނާ އިބްރާހިމް، އެ ދެ ކަނބަލުން އެއްގޮތަކަށް ހެދުން އެޅުއްވިކަން ހަނދުމަ ކޮށްފައެވެ. ދުންޔާ އާއެކު ކޭކެއް ފަޅަން ހުރި ފޮޓޯއެއް ޔުމްނާ ހިއްސާ ކޮށްފައިވާއިރު، އެފޮޓޯއިން ވެސް ފެންނަނީ އެއް ވައްތަރެއްގެ ހެދުމެއް ތުރުކުރައްވައިގެން ތިއްބަވަނި ކޮށެވެ.

"އެއްމާބަނޑު ދެމީހުންގެ ޚިޔާލުތައް އަބަދު އެއްގޮތް ނުވެދާނެ. އެހެންނަމަވެސް އެއްމާބަނޑު ދެމީހެއްގެ ގުޅުން މާވަރުގަދަ ވާނެ." ޔުމްނާ ވިދާޅުވެފައިވެއެވެ.

ދުންޔާ އާއި ޔުމްނާ އަކީ ހުރިހާ ކަމެއްގައި ޚިޔާލު އެއްގޮތް ދެކަނބަލުން ނޫންކަން،  މީގެކުރިން ވަނީ ހާމަ ވެފައެވެ.

އެގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރާމެދު ހިތްހަމަ ޖެހި ވަޑައިނުގަނެގެން، ޔުމްނާ ގެންދެވީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. ދެ ކަނބަލުންގެ ބޮޑުބޭބެ ރައީސް ޔާމީންގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށް ޔުމްނާ އޭރު ގެންދެވީ ފާޅުގައި ވިދާޅުވަމުންނެވެ. އެއާ ޚިލާފަށް ދުންޔާ ހުންނެވީ ބޮޑުބޭބެއާއެކުއެވެ.

ޔުމްނާ އާއި ދުންޔާ އަކީ ވެސް ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ދެ ކަނބަލުންނެވެ. އެގޮތުން ދުންޔާ މައުމޫނަކީ ކުރީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރައްވަވާފައިވާ ބޭކަނބަލެކެވެ. އަދި ޔުމްނާ މައުމޫނަކީ މި ސަރުކާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!