ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް މީހަކު ހޯދަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިންފޮމޭޝަން ކޮމިޝަނާގެ މަގާމުގައި ހުންނެވި ހުސައިން ފިޔާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

Ads by STELCO

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންފޮމޭޝަން ކޮމިޝަނާގެ މަގާމަށް އެދި ހުށަހަޅާ ފޯމު، މި މަހުގެ 30 ވަނަ ދުވަހާއި 31 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 1:30އަށް ހުށަހެޅޭނެ ކަމަށެވެ.

ފޯމު ހުށަހަޅަން ޖެހޭނީ ރައީސް އޮފީހަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުންނާއި ރައީސް އޮފީހުގެ ވެބްސައިޓު، www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ހާދިމެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހުސެއިން ފިޔާޒް މޫސާ، އިންފޮމޭޝަން ކޮމިޝަނަރު ކަމުން އިސްތިއުފާ ދެއްވީ ނޫހެއް ހިންގެވުމަށެވެ. އޭނާއަކީ މީގެ ކުރިންވެސް ގިނަ އަހަރުތަކެއް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި މީހެކެވެ.

ފިޔާޒު، އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ އޮކްޓޯބަރު 31، 2019ގައެވެ.

ނޫސްވެރިކަމުގެ ހަޔާތް ފިޔާޒް އެންމެ ފުރަތަމަ ފެއްޓެވީ 2000 ވަނަ އަހަރު "މިއަދު ނޫހުން" ނެވެ. އޭގެ ފަހުން އޭނާ އާފަތިސް ނޫހާއި "ހަވީރު" ގައި ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!