ﷲއަށް ޓަކައި ރޯދައެއް ހިފައިފިނަމަ 70 އަހަރުގެ ރާސްތާއަށް ނަރަކައާއިި ދުރުވެގެންދެއެވެ. ޙައްޖުމަހު ރޯދަ ހިފުމަށް ތައްޔާރުވަމާ!

ރޯދަ ހިފުމަކީ ޚާއްޞަ އަޅުކަމެކެވެ. އެންމެހައި ނުބައިކަންކަމަކުން ދުރުވެ ، ނުކައި ނުބޮއި ހުންނަ ހުރުން ﷲ ތަޢާލާ ވަނީ ޚާއްޞަ ކުރައްވާފައެވެ. އެގޮތުން ރޯދަވެރިންނަށްޓަކައި ސުވަރުގޭގައި ޚާއްޞަ ދޮރުކޮޅެއް ވެއެވެ. ހަމައެހެންމެ ރޯދަ ވެރީންނަށް ޖަޒާ ދެއްވާނީ ތިމަން އިލާހުކަމަށް ވަކީން ފާހަގަ ކުރައްވާ ﷲ ވަޙީ ކުރައްވާފައިވުމުން އެ އަޅުކަމުގެ މަތިވެރިކަން ދޭހަވެގެން ދެއެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. {ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: ”ﷲ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއްވެސް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ހަމަކަށަވަރުން ރޯދަވަނީ ތިމަން ރަސްކަލާނގެއަށެވެ. އަދި އެއަޅުކަމަށް ޖަޒާ ދެއްވާނީވެސް ތިމަން ރަސްކަލާނގެއެވެ.“}
އަހަރެމެންނާއި އަނެއްކާވެސް މިކުރިމަތިލަނީ ހެޔޮކަމުގެ މޫސުމެކެވެ. އާދެ! އަންނަ ބުދަ ދުވަހަކީ މިއަހަރުގެ ޙައްޖު މަސް ފެށޭ ދުވަހެވެ. މިމަހުގެ ފުރަތަމަ ނުވަތަ ދުވަހަކީ ރޯދަ ހިފުން މަތިވެރިވެގެންވާ ދުވަސްތަކެކެވެ.
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވަނީ މީހަކު ﷲއަށް ޓަކައި ރޯދައެއް ހިފައިފިނަމަ ﷲ ތަޢާލާ އޭނަ ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަށް ދުރުކުރައްވައެވެ. އެހެންކަމަށްވާނަމަ، މި މަތިވެރި ދުވަސްތަކުގައި ރޯދަ ހިފުމުން ލިބޭނެ ދަރުމަ އިތުރުވާނެކަން ކަށަވަރެވެ. ޢަރަފާތް ދުވަހު ރޯދައަށް ހުރުމަކީ އެކަލޭގެ ފާނުގެ ސުންނަތުން ޘާބިތުވެފައިވާ ގަދަވެގެންވާ ސުންނަތެކެވެ. ޙައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ފުރުޞަތު ނުލިބުނު އަޚުންނާއި އުޚުތުން ޙައްޖުމަހުގެ ނުވަވަނަދުވަހު ރޯދަހިފުމަކީ ސުންނަތްކަން ބޮޑުކަމެކެވެ. އެހެނީ އެކަލޭގެފާނު ބައެއް އަނބިކަނބަލުންގެ ކިބައިން، އެކަލޭގެފާނު ޙައްޖުމަހުގެ ނުވަވަނަ ދުވަހު ރޯދައަށް ހުންނަވާކަމަށް އައިސްފައިވެއެވެ.
އެހެންކަމުން ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމަށް ކުޅަދާނަކަން ލިބިގެންވާ އެންމެހާ މުސްލިމުންނަށް ވަޞިއްޔަތް ކުރަމެވެ.