އަމާޒަކީ އިންޑިއާއިން 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން މިއަހަރު ގެނައުން: މަޢުސޫމް

އަމާޒަކީ މިއަހަރު ނިމޭއިރު އިންޑިއާއިން 3 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ގެނައުން ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިހާރު އިންޑިއާގައި ކުރިއަށްދާ ސާޓޭ ފެއަރގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މަރކެޓްގެ 23 ޕަސަންޓަށް ވުރެ ގިނަ ޕަސަންޓް ހިއްސާ ކުރަނީ އިންޑިއާ ފަތުރުވެރިން ކަމަށެވެ. އަދި އުންމީދަކީ އަހަރު ނިމޭއިރު، 3 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ދެޤައުމު ދެމެދު ދަތުރުތައް ބާއްވާ އެއަރލައިންތައް އިތުރުކުރުން މުހިންމު ކަމަށެވެ.
“މިހާރުވެސް ވާހަކަ އެބަ ދެކެވޭ، އިންޑިއާއިން ސީދާ ޑައިރެކްޓް ފްލައިޓެއް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެނައުމަށް ޕެކޭޖެއް ހެދުމާ ގުޅޭ ގޮތުން މަޝްވަރާ އެބަ ކުރެވޭ،" މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކަށް އިންޑިއާވެފައި ވާއިރު އެޤައުމުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން ސަރުކާރުން ދަނީ ގިނަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.