ކައުންސިލްތަކާއި އެލްޖީއޭ އުވާލަން ޖާބިރު ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
ކޮވިޑް-19އާ ގުޅިގެން ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޓީ ކައުންސިލްތަކާއި، އަތޮޅު އަދި ރަށު ކައުންސިލްތައް އުވާލުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.
މި ގަރާރަށް ބަހުސް ވެސް ކުރިއެވެ. ނަމަވެސް އިތުރަށް ގަރާރު ދިރާސާ ކުރުމަށް މަޖިލީހަށް ބަލައިގަންނަން ފެނޭތޯ މިއަދުގެ ވޯޓު ގަޑީގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ގަރާރު ބޭރުކޮށްލައިފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރުގެ ގަރާރު ތަޅުމަށް ބަލައިނުގަނެ ބޭރުކޮށްލަން ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. އެ ގަރާރު ތަޅުމަށް ބަލައިގަންނަން ފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
ޖާބިރު މިއަދު ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކަކީ ހަރަދު ބޮޑު، ލާމަރުކަޒީ ނިޒާމުގެ މާ ކުރީގެ އޮނިގަނޑެއް ކަމަށެވެ. އެހެންކަމުން ކައުންސިލްތައް އުވާލައި ލާމަރުކަޒީ ނިޒާމުގެ އާ އޮނިގަނޑެއް އެކުލާވަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަށް އުފައްދާފައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް މި ހިނދުން މި ހިނދަށް ފެށުމަށް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ އަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.