ފައިސާތައް ދިޔައީ ކޮން އެކައުންޓަކަށްކަން އަޅުގަނޑުމެންނަށް އެނގޭ: އޭސީސީ

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށާއި، އެޚިޔާނާތުގެ ފައިސާތައް ގޮސްފައިވަނީ ކޮން އެކައުންޓަކަށްކަން އެނގޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.
އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޭސީސީގެ މެމްބަރ އިބްރާހިމް ޝަކީލު ވިދާޅުވީ ޚިޔާނާތާ ގުޅޭ ފައިސާތައް ދިޔައީ ކޮން އެކައުންޓަކަށްކަން އެނގޭ ކަމަށެވެ.
"މީޑިއާ ގައި ދެކެވޭ ވާހަކައަށް ބަލާއިރު މިކަމާ ގުޅޭ ފައިސާ ގޮސްފައިހުރީ ކޮން އެކައުންޓަކަށްތޯ ތަހުގީގަށް އެނގޭތޯ ސުވާލު އުފެދިފައިވޭ. އަޅުގަނޑުމެންނަށް އެނގޭ ކޮން އެކައުންޓަކަށްކަން ދިޔައީ. ދުބާއީގެ ކޮން ކުންފުންޏެއްގެ، ކޮން އެކައުންޓަކުންކަން އަޅުގަނޑުމެންގެ ރިޕޯޓުގައި ތަފްސީލު ކުރެވިފައިވާނީ" ޝަކީލް ވިދާޅުވިއެވެ.
މީގެއިތުރުން ޝަކީލް ވިދާޅުވީ ނާޖައިޒު ފައިދާ ހޯދައި ދިނުމުގެ މައްސަލަތަކުގައި "މަނީ ޓްރަޔަލް" މުހިންމެއް ނޫން ކަމަށެވެ. އަދި ކޮންމެ މައްސަލައެއްގައި މަނީ ޓްރަޔަލް ނުވެސް ހިނގާނެކަން ވެސް ޝަކީލް ފާހަގަ ކުރެއްވިއެވެ.
ވެންޓިލޭޓަރު މައްސަލައިގައި ނާޖައިޒު ފައިދާ ލިބުނު މީހުންނަށް މާލީ މަންފާއެއްވިކަން ސާބިތު ކޮށްދިނުމުގެ ގޮތުން "މަނީ ޓްރެއިލް" ހޯދާފައި ނެތުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިންކަމުގެ ދައުވާ ކުރުމަށް އޮތް ހުރަހެއް ނޫން ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.
ވެންޓިލޭޓަރު މައްސަލައިގައި ޕީޖީ އޮފީހުން ކުރިން ބުނީ މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައި ކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާ ކުރުމަށްފަހު، މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.







ކޮމެންޓް