ޚަބަރު

އިންޑިއާއިން ގަނެފައިވާ ކޮވިޝީލްޑް ވެކްސިންގެ އެއްލައްކަ ޑޯޒު ރާއްޖެ ގެނެސްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާއިން ގަނެފައިވާ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ އެއް ލައްކަ ޑޯޒު ރާއްޖެ ގެނެސްފިއެވެ.

Ads by Sosun Fihaara

މިއީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާ އެކު 23 މާޗް ޤާއިމްކުރި އެއްބަސްވުމުގެ ދަށުން ރާއްޖެ ގެނައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ބެޗްއެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެ ލައްކަ ޑޯޒް ގަނެފައެވެ.

މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު އިންޑިއާ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް ދެ ލައްކަ ކޮވިޝީލްޑް ވެކްސިން ޑޯޒު ހަދިޔާ ކޮށްފައެވެ. އަދި ކޮވެކްސް ފެސިލިޓީއިން ވެސް ދިވެހިރާއްޖެއަށް ބާރަ ހާސް ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ފަރާތްތަކުން ވެކްސިން ޖަހަމުންދާ އިރު މިހައިތަނަށް މުޅި ރާއްޖެއިން ޖުމްލަ 232،175 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހައިތަނަށް ޖުމްލަ 129،069 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 103،106 މީހަކަށް ވެކްސިން ދީފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!