އިމާރާތަކަށް އަރާ 3 ވަނަ ފަންގިފިލާއިން ޢާއިލާއެއް ސަލާމަތް ކުރި ޒުވާނުންތަކަކަށް ގިނަ ބައެއްގެ ސަމާލުކަން
އެކަކު އަނެކަކަށް އެހީތެރިވުމަކީ އިންސާނާއަށް ﷲ ދެއްވަވާފައިވާ ވަރަށް މަތިވެރި ސިފައެކެވެ. މި ގޮތުން މި ފަހަރު ވެސް މިއީ އެ ފަދަ އެހީތެރިކަމެއް ވީ ޒުވާނުންތަކެއްގެ ވާހަކައެކެވެ. އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއަކުން އާއިލާއެއް ސަލާމަތް ކުރުމަށް ޒުވާނުންތަކެއް ކުރި މަސައްކަތުގެ ވާހަކައެވެ. މި ކަން ހިނގާފައި ވަނީ ފްރާންސްގެ ނޮންޓް ސިޓީގައެވެ.
މި ޒުވާނުންގެ މަސައްކަތް ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިހާރުވަނީ ވައިގައި ހިފާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާނުންތަކެއް ވަނީ އެޕާޓްމަންޓް އިމާރާތަށް އަރައި އަލިފާން ރޯވެފައި ހުރި ތިންވަނަ ބުރީގައި އުޅުނު އާއިލާއެއް ސަލާމަތް ކޮށްފައެވެ. އަދި އެ އިމާރާތުގެ ތިރީގައި ގޮދަނޑިއެއް އަޅައި، އެ އެޕާޓްމަންޓުގައި އުޅުނު ދަމަފިރިންގެ ހަ މަހުގެ ތުއްތު ކުއްޖާ ވަނީ ސަލާމަތް ކޮށްފައެވެ. މި ކުއްޖާ މިގޮތަށް ބިންމަތީގައި ގޮނދަޑިއެއް އަޅާފައި އޭގެ މައްޗަށް ވައްޓާލައިގެން ސަލާމަތް ކޮށްފައި ވަނީ، އެކަން ކުރުމަށް އިތުރު ގޮތެއް ނެތުމުންނެވެ.
އަލިފާނުން މިޢާއިލާ ސަލާމަތް ކުރުމަށް ހަރަކާތްތެރިވި ތިން މީހުންނަކީ ވެސް ފްރާންސްގައި ދިރިއުޅޭ އެހެން ގައުމެއްގެ ބަޔެކެވެ. މި ތިން މީހުންނަށް ފްރާންސްގެ ރައްވެހިކަން ދިނުމަށް ގޮވާލާ މިހާރު މީސްމީޑިއާގައި ކެންޕެއިނެއް ކުރިޔަށް އެބަދެއެވެ.
ފްރާންސްގެ ޕެރިހުގެ އިމާރާތެއްގެ ބެލްކަނީގައި އެލިގެން އޮތް ތުއްތު ކުއްޖަކު 2018 ވަނަ އަހަރު ސަލާމަތްކުރި ރައްޔިތަކަށް ވެސް އެތައް ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ. އެ އިމާރާތުގެ އެއް ބެލްކަނީން އަނެއް ބެލްކަނީގެ މައްޗަށް އަރައި އެ ކުއްޖާ ސަލާމަތްކުރި، "ސްޕައިޑަރ-މޭން" ގެ ނަމުން މަޝްހޫރުވި މި މީހާއަށް ވަނީ ފްރާންސްގެ ރައްވެހިކަން ވެސް ދީފައެވެ.