ދީން

ޒިނޭ އިން ބަނޑު ބޮޑުވެ ހުރެ ކައިވެނި ކުރުމުގެ ޙުކުމަކީ ކޮބާ؟

ދެން އެމްވީ ، ދެން އޮންލައިން

ޒިނޭއިން ބަނޑު ބޮޑު ވެފައިވާ އަންހެނާ އޭނާ ޒިނޭކުރި ފިރިހެނާ ނޫން އެހެން ފިރިހެނަކާ، ކައިވެނިކުރުން ޙަރާމްކަމުގެ މައްޗަށް ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެފައިވެއެވެ. މިކަމުގެ މައްޗަށް އިބްނު ޢަބްދުލް ބައްރު ރަޙިމަހުﷲ އިޖްމާޢު ނަޤުލު ކުރައްވާފައިވެއެވެ. އެއީ ކައިވެންޏެއް ކޮށްގެން ކަމުގައިވިޔަސް އަދި އަޅެއްގެ ގޮތުގައި ވިޔަސް މެއެވެ. އޭނާގެ ރަޙިމު ހުސްވެއްޖައުމަށް ދަންދެނެއެވެ. (ބައްލަވާ الاستذكار.٤٥٦/٥)

Ads by STELCO

ޚިލާފު އުފެދިފައިވަނީ ޒިނޭއިން ބަނޑު ބޮޑުވެފައިވާ އަންހެނާ އޭނާ ޒިނޭކުރި ފިރިހެނާ އާ ބަނޑު ބޮޑުވެ ހުރެ ކައިވެނި ކުރުމުގެ ޙުކުމާ މެދުގައެވެ.

ޒިނޭކޮށް ބަނޑުބޮޑުވެ ހުރެ ޒިނޭކުރި ފިރިހެން މީހާއާ ކައިވެނި ކުރުމުގެ ޙުކުމާމެދު ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފު ވެފައި ވެއެވެ. ދެޤައުލަކަށެވެ.

1- ފުރަތަމަ ޤައުލު: ބަނޑު ބޮޑުވެ ހުރެ ނުވިހަނީސް ކައިވެނި ކުރުމަކީ ޙަރާމް ކަމެކެވެ. ޒިނޭކުރި މީހާއާ ކައިވެނި ކުރިޔަސް އަދި އެނޫން މީހަކާ ކައިވެނި ކުރުންވެސް ޙަރާމެވެ. ބަނޑުބޮޑު ނަމަ ކައިވެނި ކުރުން ހުއްދަވާނީ ވިހެއުމުންނެވެ. ބަނޑު ބޮޑު ނޫންނަމަ ޙައިޟުވެ ޙައިޟުން ޠާހިރުވެ ރަޙިމު ހުސްކަން ޔަޤީންވުމުންނެވެ. މިއީ މާލިކީންނާއި ޙަންބަލީންގެ ބަހެވެ. އަދި ޖުމްހޫރު ޢިލްމުވެރިންގެ ބަހަކީވެސް މިއީއެވެ. ޙަނަފީ ޢިލްމުވެރިންގެ ތެރެއިން އަބޫ ޔޫސުފްގެ ބަހަކީވެސް މިއީއެވެ. އަދި އަބޫ ޙަނީފާގެ އެއް ރިވާޔަތުގައި އެގޮތަށް އައިސްފައިވެއެއެވެ. އަލްއައުޒާއީ އަދި އައްޘައުރީގެ ބަހަކީވެސް މިއީއެވެ.

އެބޭކަލުންގެ ދަލީލަކީ

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅު: ” لاَ تُوطَأُ حَامِلٌ حَتَّى تَضَعَ وَلاَ غَيْرُ ذَاتِ حَمْلٍ حَتَّى تَحِيضَ حَيْضَةً” ( أخرجه أبو داود في النكاح (٢١٥٩)، وأحمد (١١٩١١)، والدارمي في سننه (٢٣٥٠)، والحاكم في المستدرك (٢٧٩٠)، والبيهقي (١١١٠٥)، من حديث أبي سعيد الخدري رضي الله عنه. وحسنه ابن عبد البر في “التمهيد”(٣/ ١٤٣)، وابن حجر في تلخيص الحبير (١/ ٢٧٥)، وصححه الألباني في صحيح الجامع (٧٤٧٩).)” މާނައީ: “(ޒިނޭކޮށް) ބަނޑުބޮޑެވި އިން މީހަކާ، އޭނާ ވިހައިފުމަށް ދަންދެން ޖިމާޢުނުވާށެވެ. (ކައިވެނި ނުކުރާށެވެ.) އަދި ޒިނޭކޮށް ބަނޑު ބޮޑު ނުވެ އިން މީހެއްނަމަވެސް އޭނާ ޙައިޟުވެ ޙައިޟުން ޠާހިރުވެއްޖައުމަށް ދަންދެން (ރަޙިމު ހުސްވެއްޖައުމަށް ދަންދެން) އޭނާއާ ޖިމާޢުނުވާށެވެ (ކައިވެނިނުކުރާށެވެ)”

މި ބަސްފުޅަކީ މިކަމުގައި އައިސްފައިވާ ޞަރީޙަ ބަސްފުޅެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަރީޙަ ބަސްފުޅުން އަންގަވާފައިވަނީ އެފަދަ މީހަކާ ކައިވެނި ނުކުރުމަށެވެ. އޭނާގެ ޢިއްދަ ހަމަވެއްޖައުމަށް ދަންދެނެވެ. އޭނާގެ ޢިއްދައަކީ ވިހެއުމެވެ. ނުވަތަ ރަޙިމު ހުސްކަން ޔަޤީންވުމެވެ.

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅެވެ.

لاَ يَحِلُّ لاِمْرِئٍ يُؤْمِنُ بِاللهِ وَالْيَوْمِ الآخِرِ أَنْ يَسْقِيَ مَاءَهُ زَرْعَ غَيْرِهِ وَلاَ يَحِلُّ لاِمْرِئٍ يُؤْمِنُ بِاللهِ وَالْيَوْمِ الآخِرِ أَنْ يَقَعَ عَلَى امْرَأَةٍ مِنَ السَّبْيِ حَتَّى يَسْتَبْرِئَهَا»( أخرجه أبو داود في النكاح (٢١٦٠)، وأحمد (١٧٤٣٥)، والبيهقي (١٦٠٠٢)، من حديث رويفع بن ثابت الأنصاري رضي الله عنه. وصححه ابن كثير في “إرشاد الفقيه” (٢/ ٢٣٦)، وحسنه الألباني في الإرواء (٥/ ١٤٠).) މާނައީ: “ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހަކަށް، އޭނާގެ ފެން އެހެން މީހަކު ގޮވާންކޮށްފައިވާ ދަނޑަކަށް އެޅުން ހުއްދަވެގެން ނުވެއެވެ. އަދި ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާއަށް، ޒިނޭކޮށްފައިވާ އަންހެނަކާ ޖިމާޢުވުން (ކައިވެނިކުރުން) އެކަނބުލޭގެ ޙައިޟުވެ ޙައިޟުން ޠާހިރުވެއްޖައުމަށް ދަންދެން (ރަޙިމު ހުސްކަން އެނގިއްޖައުމަށް ދަންދެން) ހުއްދަވަގެން ނުވެއެވެ”

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ﷲ ތަޢާލާ މި ޝަރީޢަތުގައި ރަޙިމު ހުސްކަން ޔަޤީންކުރުން ލައްވާފައިވަނީ، މަނި މަސްހުނިވުމާއި ނަސަބު ފަސާދަވުމާއި އެހެން މީހެއްގެ ދަނޑަކަށް އޭގެ ވެރިމީހާ ނޫން އެހެން މީހެއްގެ ފެން ދިނުމުން ނުކުންނަ ފަސާދައިން ސަލާމަތް ވުމަށްޓަކައެވެ. މިއީ ޝަރުޢުގައި މިކަން ނައި ނަމަވެސް ސަލާމަތް ބުއްދި މިކަން މަނާކުރުން ވާޖިބު ކުރާވަރުގެ ފަސާދަބޮޑު ކަމެކެވެ.” إعلام الموقعين. ١٨٤ /٣

2- ދެވަނަ ޤައުލު: ކައިވެނި ކުރިއިރު ބަލިވެ އިންނަމަވެސް، ކައިވެނި ކުރީ ޒިނޭކުރި ފިރިހެން މީހާއާ ކަމުގައިވާނަމަ އެ ދެމީހުންގެ ކައިވެނި ކުރެވިދާނެއެވެ. އެކައިވެނި ކުރުމުގެ ކުރިން ރަޙިމު ހުސްނުވިޔަސް މެއެވެ. މިއީ ޙަނަފީންނާއި ޝާފިޢީންގެ ބަހެވެ. ޙަނަފީން ވިދާޅުވަނީ ކައިވެނި ކުރިޔަސް، ނުވިހާ ހާ ހިނދަކު ޖިމާޢުވެގެން ނުވާނޭ ކަމަށެވެ. ޖިމާޢުވުން ހުއްދަވާނީ ވިހޭމާކަމަށެވެ. އެކަމަކު ޝާފިޢީން ދެކޭ ގޮތުގައި ނުވިހަނީސް ޖިމާޢުވުން ހުއްދައެވެ. ޝާފިޢީންގެ ގާތުގައި ޒިނޭކުރާ މީހާގެ މަންޏަކީ އެއްވެސް ޙުރުމަތެއް ހުރި އެއްޗެއް ނޫނެވެ. (ބައްލަވާ “الموسوعة الفقهية الكويتية” (29/338) ، “حاشية ابن عابدين” (3/49) .)

މި ބޭކަލުންގެ އަރިހުގައި ކައިވެންޏަށް ހަމަސް ފުރުމުގެ ކުރިން ވިހޭނަމަ ބައްޕައަށް ދަރިފުޅު ނިސްބަތް ކުރުން ހުއްދައެއް ނުވާނެއެވެ. ހަމަސް ފުރުމުގެ ކުރިން ވިހައިފިނަމަ ދަރިފުޅު ނިސްބަތްކުރާނީ މަންމައަށެވެ. (މާނައަކީ އެއީ ޒިނޭގެ ދަރިއެކެވެ.) ކައިވެންޏަށް ހަމަސް ވުމުގެ ފަހުން ވިހައިފިނަމަ ފިރިމީހާއަށް ދަރިފުޅު ނިސްބަތް ކުރެވޭނެއެވެ.

މި ބޭކަލުންގެ ދަލީލަކީ އަންނަނިވި އަޘަރެވެ.

عن ابن عمر رضي الله عنهما قال: بينما أبو بكر رضي الله عنه في المسجد جاءه رجل فلاث عليه بلوث من كلام وهو دهش، فقال أبو بكر لعمر رضي الله عنهما: قم إليه فانظر في شأنه فإن له شأناً، فقام إليه عمر رضي الله عنه قال: إنه ضافه ضيف فوقع بابنته فصك عمر رضي الله عنه في صدره وقال: قبحك لله ألا سترت على ابنتك، قال: فأمر بهما أبو بكر رضي الله عنه فضرباً الحد ثم تزوج أحدهما من الآخر وأمر بهما فغرباً عاما. (السنن الكبرى، البيهقي، باب ما جاء في نفي البكر، ح16750، ج8، ص222، والمحلى، ابن حزم، ج9، ص476).

މާނައީ: “އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. އަބޫބަކްރު ރަޟިޔަﷲ ޢަންހު މިސްކިތުގައި އިންނަވަނިކޮށް، މީހަކު އައިސް ލަދުވެތި ވާހަކައަކަށް ވާތީ އެމީހާ އެކިޔާ އެއްޗެއް ޞަރީޙަކޮށް ބަޔާންކުރަން ނުކުރެގިން އަދި ކަންބޮޑުވެގެން އުޅޭ ޙާލު އެވާހަކަ އަބޫބަކުރު ރަޟިޔަﷲ ޢަންހުއަށް ދަންނަވައިފިއެވެ. އަބޫބަކްރު ރަޟިޔަﷲ ޢަންހު ޢުމަރު ރަޟިޔަﷲ ޢަންހަށް ވިދާޅުވިއެވެ. ތެދުވެވަޑައިގެން އޭނާ އެކަމަކައިގެން އެ އައި ކަންތަކަށް ބައްލަވާށެވެ. އޭނާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. ޢުމަރު ރަޟިޔަﷲ ޢަންހު އޭނާ އެއައި ކަމަކައިގެން ތެދުވެވަޑައިގެންފިއެވެ. އެމީހާ ބުންޏެވެ. “ހަމަކަށަވަރުން ތިމަންނާގެ ގޭގައި މެހެމާނަކަށް މެހެމާނު ދާރީ އަދާކުރީމެވެ. އެމީހާ އަހުރެންގެ އަންހެން ދަރިފުޅާ އެކު ޒިނޭކޮށްފިއެވެ.” ޢުމަރު އެމީހާގެ މޭގައި ޖަހާލިއެވެ. އޭގެ ފަހުގައި ވިދާޅުވިއެވެ. “ﷲ ތިބާ ހުތުރު ކުރައްވާށިއެވެ! ތިބާގެ އަންހެން ދަރިފުޅު އެކުރި ކަންތައް ތިބާ ސިއްރު ނުކުރީ ކީއްވެ ހެއްޔެވެ؟” ދެން އެދެމީހުންގެ ގައިގައި ޒިނޭގެ ޙައްދު ޖެހުމަށް އަބޫބަކްރު ރަޟިޔަﷲ ޢަންހު އަމުރުކުރެއްވިއެވެ. އަދި އެދެމީހުންގެ ގައިގައި ޒިނޭގެ ޙައްދު ޖެހުނެވެ. އަދި އޭގެ ފަހުގައި އެދެމީހުން ކައިވެނިކުރެވުނެވެ. އަދި އެދެމީހުން އެއް އަހަރަށް އަރުވާލެވުމެވެ.”

މިތަނުގައި ދަލީލު ނަންގަވާ ތަންކޮޅަކީ، ޙައްދު ޤާއިމުކުރުމަށް ފަހުގައި ކައިވެނި ކޮށް ދެއްވާފައިވުމެވެ.

އަނެއް ދަލީލަކީ މި އަޘަރެވެ.

عن أبي يزيد المكي: أن رجلاً تزوج امرأة، ولها ابنة من غيره وله ابن من غيرها، ففجر الغلام بالجارية، فظهر بها حمل، فلما قدم عمر مكة رفع ذلك إليه، فسألهما فاعترفا، فجلدهما عمر الحد، وحرص أن يجمع بينهما، فأبى الغلام. أخرجه الشافعي في “الأم” (10/38) ومن طريقه: البيهقي (7/155)إسناده حسن.

މާނައީ: “އަބޫ ޒައިދުލް މައްކީގެ އަރިހުން ރިވާވެގެންވެއެވެ. މީހަކު އަންހެނަކާ ކައިވެނި ކުރިއެވެ. އެ އަންހެން މީހާގެ އެހެން މީހަކަށް ލިބިފައިވާ އަންހެން ކުއްޖެއް ވެއެވެ. އަދި އެ ފިރިހެން މީހާގެ އެހެން މީހަކަށް ލިބިފައިވާ ފިރިހެން ކުއްޖެއް ވެއެވެ. މި ފިރިހެން ކުއްޖާ އަންހެން ކުއްޖާއާ ޒިނޭކޮށްފިއެވެ. އަދި އަންހެން ކުއްޖާ ބަނޑު ބޮޑުވެއްޖެއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު މައްކާއަށް ވަޑައިގަތުމާއެކު ޢުމަރުގެ އަރިހަށް އެކަން ހުށަހެޅިއްޖެއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު އެދެމީހުންނާ ސުވާލުކުރުމުން އެކަމަށް އެދެމީހުން އިޢުތިރާފުވެއްޖެއެވެ. ދެން ޢުމަރު އެދެމީހުންގެ ގައިގައި ޙައްދު ޖެއްސެވިއެވެ. އަދި އެދެމީހުން ކައިވެނިކުރުމަށް ބާރު އެޅުއްވިއެވެ. ފިރިހެން ކުއްޖާ އެކަމާ ދެކޮޅު ހެދިއެވެ.”

މި އަޘަރުން ދަލީލު ނަންގަވާ ތަންކޮޅަކީ ޢުމަރު ރަޟިޔަﷲ ޢަންހު އެދެމީހުން ކައިވެނި ކުރެއްވުމަށް ބާރު އެޅުއްވުމެވެ.

މި ދަލީލު ތަކުގެ ރައްދު

ޒިނޭކޮށްފައިވާ އަންހެން މީހާ ރަޙިމު ހުސްވުމުގެ ކުރީގައި ކައިވެނި ކުރުން ހުއްދަވެގެންވާ ކަމަކަށް މި ދަލީލުތަކުން ދަލާލަތެއް ނުކުރެއެވެ. ރަޙިމު ހުސްކުރުމުގެ ވާހަކަ ނަޤުލުވެފައި ނެތުމަކީ އެކަން ޝަރުޠުނުވާ ކަމުގެ ހެއްކެއް ނޫނެވެ. ކަމެއް އަހަރެމެންނާ ހަމައަށް އައިސްފައި ނެތުމަކީ އެކަން ނެތްކަން އަހަރެމެންނާ ހަމައަށް އައުމެއް ނޫނެވެ.

The fact that no mention is made of its happening does not necessarily mean that it did not happen

މި އަޘަރުތަކުގައި ރަޙިމު ހުސްވުމުގެ ވާހަކަ އައިސްފައި ނެތީ ދެކަމަކާ ހެދިއެވެ.

ހ- ފުރަތަމަ ސަބަބަކީ އެކަން އެންމެންނަށް އެނގިފައި މަޝްހޫރު ވެފައި އިސްތިޤްރާރު ވެފައި އޮތުމުން އެކަމުގެ ވާހަކަ ނަންގަންނަންވެސް ނުޖެހުނީއެވެ.

ށ- ދެވަނަ ސަބަބަކީ އަބޫބަކްރު އަދި ޢުމަރު މި ދެބޭކަލުންނަށް، އެ ޒިނޭ ކުރި އަންހެން މީހާ އިން ޙާލަތު އޭނާގެ ރަޙިމުގެ ހުސްކަން މި މައްސަލައާ މެދު ފައިޞަލާ ކުރެއްވި އިރު އެނގިފައި އޮތުމެވެ. އެއީ އެ މައްސަލައާމެދު ފައިޞަލާ ކުރާނީ ކޮންމެ ގޮތެއްވިޔަސް އެކަން ހިނގާތާ ދުވަސްކޮޅެއް ފަހުންނެވެ. އެއީ ރަޙިމު ހުސްތޯ ބެލުމަށްޓަކައި ޙައިޟު ވެ ޠާހިރުވެދާނޭ މުއްދަތެކެވެ.

ބަނޑު ބޮޑުވެ ހުރެ ޒިނޭ ކުރި މީހާއާ ކައިވެނި ކޮށް އަދި އެ ކައިވެންޏަށް ބައިވަރު ދަރީން ލިބި އެތައް ދުވަހެއް ވެފައިވާނަމަ ދެން ހަދާނީ ކިހިނެއް؟

އެއްވެސް ޝައްކެއްނެތް ގޮތުގައި ތައުބާވާން ޖެހޭނެއެވެ.

މި މައްސަލައަކީ މިއީ ޢިލްމުވެރިންގެ މެދުގައި މުޢުތަބަރު ޚިލާފު އޮތް މައްސަލައެކެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި އެންމެ ރައްކާތެރި، އަދި ޚިލާފުން ރައްކާތެރިވެވޭނެ، އެންމެ ހިތް ހަމަޖެހޭ ގޮތަކަށް ވާނީ ކައިވެނި އާކޮށްލުމެވެ. އެގޮތަށް އާކޮށްލުމަކުން ކައިވެންޏަށް ލިބިފައިވާ ދަރީންގެ ބަފައިވަންތަކަމެއް ނުގެއްލޭނެއެވެ. އަދި ދަލީލުގެ ގޮތުން ބޮޑަށް ވަރުގަދައީވެސް މި ގޮތެވެ.

ކައިވެނިގެ ޢަޤްދު އައު ނުކުރި ނަމަވެސް، މި މައްސަލައަކީ އިޖްތިހާދީ މައްސަލައަކަށް ވާތީ، އަދި މިއީ ސުންނަތުގެ ދެ މަޛްހަބެއްގެ މުޢުތަބަރު ރައުޔު ކަމަށްވާތީ، އެގޮތަށް ދީފައިވާ ފަތުވާއަކަށް ޢަމަލު ކުރުމުގައި މައްސަލައެއް ނެތެވެ. އަދި އެފަދަ ފަތުވާއަކަށް ޢަމަލު ކުރާނަމަ ކައިވެނީގެ ޢަޤްދު އައުކުރުން ލާޒިމެއް ނޫނެވެ. އަދި ތައުބާވުމާ ގިނަ ހެޔޮ ޢަމަލު ކުރުމާއެކު އެ ކައިވެނީގެ މަތީގައި ދެމިތިބުމަކީ މައްސަލައެއް ނޫނެވެ.

ގުޅުން ހުރި މުހިއްމު ނުކުތާތަކެއް

1- ކައިވެނި ނުކޮށް ހުރި އަންހެނަކު ޒިޏޭކޮށް ވިހައިފިނަމަ ދަރި ނިސްބަތްކުރާނީ މަންމައަށެވެ. ޒިނޭ ކުރި ފިރިހެން މީހާއަކަށް ނޫނެވެ. އަދި އެއީ ނަހަލާލު ދަރިއެކެވެ.

2- ކައިވެނިކޮށްގެން ހުރި މީހަކު ކައިވެނީގެ ތެރޭގައި ހުއްޓާ ފިރިމީހާ ނޫން އެހެން މީހަކަށް ބަނޑުބޮޑުވެއްޖެނަމަ ދަރިފުޅު ނިސްބަތްކުރާނީ އެކަނބުލޭގެ އިނދެގެން އެވަޤުތު ހުރި ފިރިމީހާއަށެވެ. ޒިނޭކުރި މީހާއަކަށް ނޫނެވެ. އެއީ ލިޢާނު ނުކުރާހާ ހިނދަކުއެވެ.

3- ޒިނޭކޮށް ބަނޑު ބޮޑުވެ، ޒިނޭ ކުރި ފިރިހެން މީހާއާ ކައިވެނި ކޮށްފިނަމަ، ކައިވެންޏަށް ހަމަސް ވުމުގެ ކުރިން ވިހައިފިނަމަ ދަރިފުޅު ބައްޕައަށް ނުލައްވާނެއެވެ، ވާނީ ޒިނޭގެ ދަރިއަކަށެވެ. ވާރުތަވެސް ނުކުރާނެއެވެ. ކައިވެންޏަށް ހަމަސް ފަހުން ވިހައިފިނަމަ ދަރި ލައްވާނީ ބައްޕައަށެވެ. މި ޙާލަތުގައި ވާރުތަވެސް ކުރާނެއެވެ.

4- ޒިނޭކޮށް ބަނޑު ބޮޑުވެ، ޒިނޭ ކުރި މީހާއާ ނޫން އެހެން މީހަކާ ކައިވެނި ކުރުމަކީ ޙަރާމް ކަމެކެވެ. އެކަމަކު މީހަކު އެގޮތަށް ކައިވެނިކޮށްފިނަމަ، ދަރި ލައްވާނީ މަންމައަށެވެ. ކުއްޖާވާނީ ނަހަލާލު ދަރިއަކަށެވެ. ކައިވެނި ރޫޅާލާ އަލުން ކައިވެނި ކުރަން ޖެހޭނެއެވެ. ކުއްޖާ ބައްޕައަށް ނިސްބަތް ނުކުރެވޭނެއެވެ.

މިއީ މި މައުލޫ ގެ ދަށުން އައްޝެއިޚް ލިޔުއްވާފައިވާ ލިޔުމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!