އަތޮޅު ތެރޭގައި ދިރިއުޅޭ މީހުން ވޯޓުލުމަށް އެއް ރަށުން އަނެއް ރަށަށް ދިޔުމުގެ ހުއްދަ އެޗްޕީއޭއިން ދީފި

އަތޮޅު ތެރޭގައި ދިރިއުޅޭ މީހުން އެއް ރަށުން އަނެއް ރަށަށް ވޯޓުލާން ދިޔުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދޭނެ ކަމަށް ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން އެހެން ވިދާޅުވެފައި ވާކަން ހާމަ ކުރެއްވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަޙުމަދު ޝަރީފެވެ.
ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ވޯޓުލުމަށް ދިޔުމުގެ ހުއްދަ ދެއްވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވާ ކަމަށެވެ.
"އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ވޯޓުލުމަށް ދިޔުމުގެ ހުއްދަ ދެއްވާނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެ. މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްރަށަށް ވެސް ރަށު ޓާސްކް ފޯހާ ގުޅިގެން ހަމައެކަނި ވޯޓުލުމަށް ހުއްދަ ލިބޭނެ" އީސީ ޝަރީފު ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިއުނިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10ވަނަ ދުވަހު ގައެވެ.
ނަމަވެސް ރާއްޖޭގައި އަދިވެސް ކޮވިޑް-19 ފެތުރެމުން ދިޔުމާއެކީ، ބައެއް ފަރާތްތަކުން ތިބީ ކަރަންޓީނު ވެސް ކުރެވިފައެވެ. އީސީން ވިދާޅުވީ ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓު ލާން ދެވޭނީ އެހެން މީހުން ވޯޓުލައި ނިމުމުން ކަމުގައެވެ.