"ދެން"ގެ ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ވާހަކަ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
މިއަހަރުގެ ރަމަޟާން ޚާއްޞަކޮށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.
"ދެން" ގެ ސީއީއޯ މުޙައްމަދު އަރީޙް ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި 5 އޭޕްރީލްގެ 14:00 ކަމަށް ކަނޑައަޅައިފައި ވީ ނަމަވެސް، ގިނަ ފަރާތްތަކުގެ އެދުމުގެ މަތީން ވާހަކަ ހުށަހެޅުމުގެ ސުންގަޑި މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިދިޔަ އަހަރު ކުރުވާހަކަ ލިޔުމުގެ މުބާރާތް ފެށީ، ފުރަތަމަ އަހަރާ ބަލާއިރު ވަރަށް ރަނގަޅު ސަޕޯޓެއް ލިބުނު, މި ފަހަރު އާންމުންގެ ދިރިއުޅުމަށް ލިބުނު ލުއިތަކާއެކު މީހުން ވެސް ބިޒީވީމަ ރިކްއެސްޓްތައް އެބަލިބޭ ވަގުތު އިތުރުކުރަން" އަރީޙް ވިދާޅުވިއެވެ.
މެއިލް: [email protected]
ކުރުވާހަކަ ލިޔުމުގެ މުބާރާތުގެ އެއްވަނަ އަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް އަދި 2 ވަނަ އަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ ގިނައިން ކިޔާ އަދި ފޭސްބުކްގެ ޕޯސްޓަށް އެންމެ ރިއެކްޝަން ގިނަ ވާހަކައަކަށް ވެސް 1000 ރުފިޔާ ދިނުމަށް "ދެން" އިން ވަނީ ނިންމާފައެވެ.
"ކޮންމެ ދުވަހަކު ވެސް އެއް ގަޑިއެއްގައި ވާހަކަތައް ގެނެސްދޭނީ ، އެވަގުތުން ފެށިގެން 72 ގަޑިއިރު ތެރޭގައި ވާހަކަ ކިޔާފައިވާ އަދަދާއި ރިއެކްޝަންތައް އަޅުގަނޑުމެން ބަލާނީ ، 72 ގަޑިއިރު ހަމަވާ ވަގުތު ވާހަކަ ކީ އަދަދާއި ރިއެކްޝަންތައް އަޅުގަނޑުމެން ރެކޯޑް ކުރާނަން ، އަދި ބައިވެރިޔާއަށް އަންގަމުން ވެސް ދާނަން" އަރީޙް ހާމަ ކުރެއްވިއެވެ.
"ދެން" އިން މި މުބާރާތަށް ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުގައި މި މުބާރާތަށް ހުށަހަޅަން ޖެހޭނީ 1000 ބަހާއި 1300 ބަހުގެ ވާހަކަތަކެވެ. މި ވާހަކަތަކަކީ ކުރިން އެއްވެސް ވަސީލަތެއްގައި ގެނެސްދީފައިވާ ވާހަކައަކަށް ނުވުމާއި ލިޔުންތެރިޔާގެ އަމިއްލަ ވާހަކައަކަށް ވުމާއި ކުރީން އެއްވެސް މުބާރާތެއްގައި ގެނެސްދީފައިވާ ވާހަކައަކަށް ނުވުމާއި ދީނީ ގޮތުންނާއި ރާއްޖޭގެ ގާނޫނުގައި މަނާކޮށްފައިވާ ކަމަކަށް އަރައިގަތުމަށް ހިތްވަރު ނުދޭ ވާހަކައަކަށް ވާން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ.
މި މުބާރާތުގައި ބައިވެރިކުރާ ވާހަކަ ފޮނުއްވާނީ ދެންގެ މެއިލް ([email protected]) އަށެވެ. އަދި މެއިލް ކުރައްވާއިރު ލިޔުންތެރިޔާގެ އައިޑީކާޑު ކޮޕީއަކާއި ގުޅޭނެ ފޯން ނަމްބަރު ވެސް ހިއްސާ ކުރެއްވުމަށް "ދެން"އިން އެދެއެވެ. މި މުބާރާތްތަކާ ގުޅޭ އިތުރު ތަފްސީލް ދެންގެ ފޭސްބުކް ޕޭޖާއި އަދި 9449669 ނަމްބަރު ފޯނުން ގުޅުއްވުމުން ވެސް ސާފުވާނެ ކަމަށް އަރީޙް ވިދާޅުވިއެވެ.