ހަގީގީ ހާދިސާ

ހިލޭ އަންހެނަކާއެކު ފިރިމީހާ ގުޅުން ހިންގާކަން އެނގުމުން އަންހެނަކު ކަންތައް ކުރި ގޮތުގެ ވާހަކަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތިމާ ލޯބިވާ ފިރިމީހާ އެހެން މީހަކާއެކު އުޅުމަކީ މަދު އަންހެނަކަށް މެނުވީ ރުހެވޭނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ދެ އަނތްބަށް ކައިވެނި ކުރުމަކީ ގިނަ އަންހެނުންނަށް ރުހެވޭ ކަމެއް ނޫނެވެ.

Ads by MWSC

ގިނަ ފަހަރަށް ކަންތައްވާ ގޮތަކީ އެހެން މީހަކާ ވެސް ކައިވެނި ކުރަން ބޭނުންވާ ވާހަކަ ފިރިމީހާ ބުނުމުން، އެންމެ ފުރަތަމަ އެކަމަށް ކުރެވެނީ އިންކާރެވެ. އެފަދައިން ކަންތައް ނުކުރުމަށް އެދި ބައެއް އަންހެނުން އެ މީހުންގެ ފިރިން ގާތު ރޮއެ އާދޭސް ވެސް ކުރެއެވެ.

ނަމަވެސް ބައެއް އަންހެނުން، އެއީ ކިތަންމެ ހިތްދަތިވާ ކަމެއް ކަމުގައި ވިޔަސް އެއީ އިމްތިހާނެއް ކަމުގައި ދެކި، ފިރިމީހާ ރުހޭ ގޮތަކަށް ކަންތައް ކުރަން ދޫކޮށްލައިގެން ލިބޭ މިންވަރަށް ޝުކުރު ކޮށްލައިގެން ވެސް ތިބެއެވެ.

މިއީ އެ ފަދަ އަންހެނެއްގެ ވާހަކައެވެ. އުތުރުގެ ރަށަކަށް ނިސްބަތްވާ "ޒަހުރާ" ނަމަކަށް ކިޔައި އަންހެނަކު އޭނަގެ ފިރިމީހާ ގާތު އެދުނީ ގިނަ އަންހެނުންނަށް އެދެވޭވަރު ކަމަކަށް ނޫނެވެ.

ޒަހުރާއަކީ އޭނާގެ އުމުރުން އެންމެ ކުޑައިރުން ފެށިގެން ވެސް ދީނަށް ލޯބިކުރާ އަންހެނެކެވެ. ނަމާދު ކުރެވެން ހުރި ހާލަތެއްގައި އެންމެ ނަމާދެއް ވެސް ނާޅާއިރު ގާތް މީހުންނަށް ވެސް ދޭ ނަސޭހަތަކީ ނަމާދުކޮށް، ރަނގަޅަށް އުޅުމަށެވެ.

ކިޔަވައި ނިމުމަށްފަހު އޭނާ ކައިވެންޏެއް ކުރީ އުމުރުން 20 އަހަރުގައެވެ. އަދި އެ ދެ މަފިރިންނަށް ދަރިއަކު ލިބުނީ އޭގެ ފަސް އަހަރު ފަހުން ކަމުގައި ޒަހުރާ ކިޔައިދިނެވެ.

ދަރިއަކު ލިބުމަށްފަހު ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިކަން ޒަހުރާއަށް ފާހަގަވިއެވެ. އޭނާއާއި ދަރިފުޅުގެ ކަންކަމަށް އަޅާނުލާއިރު، ޚަރަދެއް ވެސް ނުކުރެއެވެ. ނަމަވެސް އޭގެން އެއްވެސް ކަމަކަށް ޝަކުވާއެއް ނުކޮށް ކެތްތެރިވެގެން ޒަހުރާ ހުއްޓެވެ.

ފިރިމީހާ ކުރަމުންދިޔަ ކަންތައްތައް ޒަހުރާއަށް ފަޅާއެރީ އިތުބާރު ކުރެވޭ ރަޙުމަތްތެރިއެއްގެ ފަރާތުންނެވެ. ޒަހުރާ ބުނި ގޮތުގައި އޭނާގެ ފިރިމީހާ އެ ރަށުގެ އެހެން ގޯއްޗަކަށް ދަންގަޑިތަކުގައި ވަންނަ މަންޒަރު އެ ރަހުމަތްތެރިޔާއަށް ވަނީ ފެނިފައެވެ.

ފިރިމީހާއަށް ފާރަލާން ޒަހުރާ ބޭނުމެއް ނުވިއެވެ. ނަމަވެސް ހަގީގަތް ހޯދަން ބޭނުން ވާތީ ފިރިމީހާ ގާތު އެ ވާހަކަ އެހުމަށް ނިންމިއެވެ. އޭނާ ގާތު ފިރިމީހާ ދޮގު ނުހަދާނެ ކަމަށް އޭރު ވެސް ޤަބޫލުކޮށް، އިތުބާރު ކުރިއެވެ.

ޒަހުރާ އެ ރޭ ފިރިމީހާ ގާތު އެ ވާހަކަތައް އެއްސެވެ. ނަމަވެސް އޭނާއަށް އެ ވާހަކަތައް ކިޔައި ދިނީ ކާކުކަމެއް ނުބުނެއެވެ. ފިރިމީހާ އޭނާ ގާތު ތެދު ހަދާނެ ކަމަށް ޤަބޫލުކުރާ ކަމަށާއި އިތުބާރު ކުރާ ކަމަށް ވެސް ބުންޏެވެ.

އޭނާގެ ފިރިމީހާ ވިސްނާލަން އިނުމަށް ފަހު ބުނީ އެއީ ތެދެއް ކަމަށާއި އެ ގޭގައި އުޅޭ އަންހެނަކާއެކު ވަގު ގުޅުމެއް އޮންނަ ކަމަށެވެ.

އަޑު އިވެމުން ދިޔަ ހިތްދަތި ވާހަކަތަކަށް ކެތް ކޮށްފައި ފިރިމީހާ ގާތު ޒަހުރާ ދެން އެހީ އެ އަންހެން މީހާއާއެކު ޒިނޭ ކުރިންތޯއެވެ. ޖަވާބުގައި ފިރިމީހާ ބުނީ ނޫނެކޭއެވެ. ނަމަވެސް އެފަދަ ކަމެއް ވާނޭހައި ގާތަށް ވެސް ދެވުން ކަމަށެވެ. އެކަމަށް ފިރިމީހާ ޒަހުރާ ގާތުން މާފަށް އެދުނެވެ. އަދި އެ ގުޅުން ހުއްޓައިލާނެ ކަމަށް ވެސް ބުންޏެވެ.

އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ޒަހުރާ ބުނީ އެންމެ ފުރަތަމަ ކަމަކަށް ހެއްދެވި ފަރާތަށް ތައުބާ ވުމަށެވެ. އެ އަށްފަހު ފިރިމީހާ ގުޅުން ބާއްވައިގެން އުޅޭ އަންހެން މީހާއާއި ދެއަނތްބަށް ކައިވެނި ކުރުމަށެވެ. އެއީ އެ އަންހެން މީހާގެ އިޙުސާސްތަކާ ފިރިމީހާއަށް ކުޅެވިފައިވާތީ އަދި އުންމީދުތަކެއް ވެސް ފިރިމީހާއަށް ދެވިފައިވާނެތީ އެ ފާފައިން ފިރިމީހާ ސަލާމަތްކުރުމަށްޓަކައި ކަމަށް ޒަހުރާ ބުންޏެވެ. އަދި ފިރިމީހާއަށް އެއްވެސް ދެރައެއް ލިބެން ނޭދޭ ކަމަށާއި، އެފަދައިން ގުޅުން ބާއްވާނަމަ ޒިނޭ ފަދަ ފާހިޝް ޢަމަލަކަށް ފިރިމީހާއަށް އަރައިގަނެވިދާނެތީ ބިރުގަންނަ ކަމަށާއި އަބަދުވެސް ބޭނުން ވަނީ ފިރިމީހާއަށް ސުވަރުގެ ލިބުން ކަމުގައި ވެސް ބުންޏެވެ.

ޒަހުރާގެ ވާހަކަތައް އަޑުއަހާފައި އޭނާގެ ފިރިމީހާ ވަރަށް އުފާވިއެވެ. އަދި އެހާމެ ހައިރާންވެ، ޒަހުރާފަދަ އަނތްބަކު ލިބުނީތީ ފަޚުރުވެރި ވިއެވެ. ޒަހުރާގެ އެދުމުގެ މަތިން ދެ އަނތްބަށް ކައިވެނި ކުރިއެވެ. އަދި އޭނަގެ އޯގާތެރިކަމުގެ ސަބަބުން ޒަހުރާއާއި އެ ދެމަފިރިންގެ ދަރިއާމެދު ފަރުވާ ކުޑަ ކުރެވުން ވެސް ފިރިމީހާ ހުއްޓައިލާ ހަމަހަމައަށް ކަންތައްކުރާ ރަނގަޅު ފިރިއެއް ކަމުގައިވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!