ދީން

އިޔާޒްގެ ޤަލަމުން: ރަމަޟާން މަހާ އިސްތިގްބާލު ކުރާނީ ކިހިނެއް؟

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

މާތް ޞަޙާބީންނާއި އެބޭކަލުންނަށް ތަބަޢަވެވަޑައިގެންނެވި ތާބިޢީން އަދި އޭގެ ފަހުން ވަޑައިގެންނެވި ސަލަފުއްޞާލިޙުން ރަމަޟާން މަހާ މެދު ވަރަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ބަހައްޓަވައެވެ. އަދި އެމައްސަރު އަންނާތީވެ އެކަމާ ވަރަށް ބޮޑަށް އުފާ ކުރައްވައެވެ. ރަމަޟާންމަހާ ބައްދަލުވުމުގެ ހެޔޮ ނަޞީބު ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ކުރައްވައެވެ. އަދި ރަމަޟާން މަސް ނިމިއްޖެނަމަ، އެމައްސަރުގައި ކުރި އަޅުކަން ގަބޫލުކޮށްދެއްވުން އެދި ދުޢާ ކުރައްވައެވެ. އެމައްސަރުގެ ދުވާލުގެ ވަގުތު ތަކުގައި ރޯދައަށް ތިއްބަވައެވެ. އަދި ރޯދަ ބާޠިލްވެދާނެ ނުވަތަ އެރޯދައަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ރައްކާތެރިވެލައްވައެވެ.

Ads by Hajj Corporation

ބޭކާރުވާހަކަ ދެއްކުމާއި، ޣީބަބުނުމާއި، ދެބައޮޑުވުމާއި، ދޮގުހެދުން ފަދަ ކަންތަކުން ސަލާމްތްވެ ތިއްބަވައެވެ. އެމައްސަރުގެ ރޭގަޑުގެ ވަގުތުތައް ރޭއަޅުކަން ކުރުމާއި ގުރްއާން ކިޔެވުމުގައި ހޭދަކުރައްވާ އެމައްސަރުގެ ރޭތައް އިޙްޔާ ކުރައްވައެވެ. ފަގީރުންނާއި މިސްކީނުންނަށް އެހީތެރިވެ، ކާންދީ، ޞަދަގާތް ކުރުން އިތުރު ކުރައްވައެވެ. ރޯދަވެރިންނަށް ރޯދަވިއްލާނެ އެއްޗެއް ދެވޭތޯ ބައްލަވައެވެ. ﷲ އަށް ކިޔަމަންތެރިވުމުގައި އެބޭކަލުންގެ އަމިއްލަ ނަފްސުތަކުން ޖިހާދު ކުރައްވައެވެ. އަދި ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމަށްޓަކައި ދީނުގެ ޢަދާވާތްތެރިންނާއި ދެކޮޅަށް ޖިހާދު ކުރައްވައެވެ. މުސްލިމުންގެ ޢަދުއްވުންގެ މައްޗަށް ބޮޑުވެގެންވާ ނަޞްރެއް ބަދުރު ހަނގުރާމާގައި ލިބިފައިވަނީ ރަމަޟާން މަހެއްގެ 17 ވަނަ ދުވަހުގައެވެ. މީސްތަކުން ﷲ ގެ ދީނަށް ފައުޖުތަކަށް ވަންނަން މެދުވެރިވި، އަދި މައްކާއަކީ އިސްލާމީ ދައުލަތެއްކަމުގައިގައި ވެގެންދިޔަ، މައްކާ ފަތަޙަ ކުރެއްވުމުގެ ހަނގުރާމަ ހިނގާފައިވަނީ ރަމަޟާން މަހެއްގެ 20 ވަނަ ދުވަހުއެވެ. އެހެންކަމުން ބައެއް މީހުން ހީކުރާ ގޮތަށް ރަމަޟާން މަހަކީ ކަންނެތް ކަމާއި ނިދުމުގެ މައްސަރެއް ނޫނެވެ. އަދިކިއެއްތަ، އެއީ ޖިހާދުކޮށް، ޢަމަލުތައް ގިނަކޮށް، އަޅުކަން އިތުރުކުރުމުގެ މައްސަރެވެ. އެހެންކަމުން ރަމަޟާން މަހާއި ބައްދަލު ކުރަން ޖެހޭނީ ހިތްހެޔޮކަމާއި އުފާވެރިކަމާއި ދީލަތި ކަމާއި ހިތްވަރާއި އެކުގައެވެ. މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން ހިދާޔަތުގެ އަލިކަމަށް ނެރުއްވުމަށްޓަކައި ބާވާލެއްވި މުސްލިމުންގެ ދުސްތޫރު ބާވާލައްވާފައިވަނީ ރަމަޟާން މަހެއްގައެވެ. އެމައްސަރެއްގައި ރޯދަ ހިފުން ލާޒިމު ކުރައްވާފައިވަނީ ރަމަޟާން މަހުގައެވެ. ފާފަތައް ފޮހެވި، ދަރަޖަ މަތިވެރިވެ، ހެޔޮކަންތައްތައް އިތުރުވެ، ޝައިޠާނުން ކަސްތޮޅު އެޅުވި، ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވި، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާ މައްސަރަކީ ރަމަޟާން މަހެވެ. ޢުމުރުގެ ޒުވާންކަމާއި، ހެޔޮޞިއްޙަތެއްގައިވީ ޙާލު މިފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަންވާނެއެވެ. އެހެންކަމުން ހެޔޮޢަމަލުތައް ގިނަކޮށް، ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށް، ފުރިހަމަ ތައުބާ އަކުން ތައުބާ ވާން ޖެހެއެވެ. ކާމިޔާބު ލިބިގެންވާ މީހުންގެ ތެރޭގައި ވުމަށް ޓަކައި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، ނަހީތަކުން ދުރުހެލިވެ ރައްކާތެރިވާންވާނެއެވެ. ސޫރަތުއް ޝުޢަރާގެ 88 އަދި 89 ގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(يَوْمَ لا يَنْفَعُ مَالٌ وَلا بَنُونَ * إِلا مَنْ أَتَى اللهَ بِقَلْبٍ سَلِيمٍ)

މާނައަކީ: "ގިޔާމަތް ދުވަހުން މުދަލަކުން ދަރިޔަކުން ފައިދާ އެއް ނުކުރާނެއެވެ. ހަމައެކަނި ސަލާމަތް ހިތަކާއިގެން މާތް ﷲ ގެ ޙަޟްރަތަށް އައިމީހަކު މެނުވީއެވެ". ސޫރަތުލް އަޙްޒާބުގެ 71 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(وَمَنْ يُطِعِ اللهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا)

މާނައަކީ: "ﷲ އާއި ރަސޫލާ އަށް ކިޔަމަންތެރިވެއްޖެމީހާދަންނާށެވެ. ހަމަކަށަވަރުން ބޮޑުވެގެންވާ ކާމިޔާބަކުން އެމީހަކަށް ކާމިޔާބު ލިބިއްޖެއެވެ". ރަމަޟާން މަހާއި އެހިނިހެން މަސްތަކުގައިވެސް ﷲ ވާޖިބު ކުރައްވާފައިވާ ކަންތަކާއި މުސްތަޙައްބު ކުރައްވާފައިވާ ކަންތަކަށް ރައްކައުތެރިވެ، ޙަރާމްކަންތައްތަކާއި މަކްރޫހަ ކަންތައް ދޫކޮށްލަން ޖެހެއެވެ. ސޫރަތުލް ޙިޖްރިގެ 99 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(وَاعْبُدْ رَبَّكَ حَتَّى يَأْتِيَكَ الْيَقِينُ)

މާނައަކީ: "ޔަގީންކަން އައިސް ޖެހުމަށް ދާންދެން (މަރުވުމަށް ދާންދެން)، ކަލޭގެފާނު ﷲ އަށް އަޅުކަން ކުރުން މަތީ ދެމިހުންނާށެވެ". ސޫރަތުލް އަންޢާމްގެ 162 އަދި 163 ގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(قُلْ إِنَّ صَلاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي للهِ رَبِّ الْعَالَمِينَ * لا شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ)

މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭފާނުގެ ނަމާދާއި އެހެނިހެން އަޅުކަމާއި ތިމަންކަލޭފާނުގެ ދިރިހުންނެވުމާއި ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ ޢާލަމްތަކުގެވެރި މާތް ﷲ ގެ ކިބަފުޅަށެވެ. އެކަލާނގެ ކިބައަށް ޝަރީކަކު ނުވެއެވެ. ތިމަން ކަލޭގެފާނަށް އަމުރުކުރެވިގެންވަނީ އެކަންތަކަށެވެ.(ޔަޢުނީ އެކަލާނގެ އެއްކައުވަންތަ ކަމަށް ހެކިވެ، އެކަން ގަބޫލުކުރުމަށެވެ). މިމިއްސަރާ ކުރިމަތިލާންވާނީ މީސްތަކުންނަށް ތަބަޢަވުމާއި، ޢާދަކާދަތައް ދޫކޮށްލާފައި، އީމާންކަމާއިއެކު، ދަރުމައާއި ޘަވާބަށްއެދި، ރޭއަޅުކަމާއި ރޯދަ ހިފުމުގެ ވަރުގަދަ ޢަޒުމުގައެވެ. އަދި ނަރަކައިން ސަލާމަތްވެ، ﷲ ގެ މަޣްފިރަތް ޙާޞިލް ކުރުމަށްޓަކައި ޙަރާމްކުރެއްވި އެއްޗެތި އަޑުއެހުމާއި، ޙަރާމްކުރެއްވި ތަންތަނަށް ބެލުމާއި، ޙަރާމްކުރެއްވި ވާހަކަ ދެއްކުމުން އަޅުގަޑުމެންގެ ގުނަވަންތައް ރައްކާތެރިކުރުމަށް ޢަޒުމް ކުރަން ޖެހެއެވެ. ރޯދަވެރިޔާގެ އަދަބުތަކަށް ޙުރުމަތް ތެރިކޮށް ހިތަން ޖެހެއެވެ. އެގޮތުން ހާރުކެއުން ލަސްކުރުމާއި ރޯދަވިއްލުން އަވަސްކުރުން، އަދި ހެޔޮޢަމަލުތައް ގިނަކުރުން، އަދި ރޯދައަށް ހުއްޓާ މީހަކު ހަޑިހުތުރުބަހުން މުޚާޠަބްކޮށްފިނަމަ ތިމަންނާ މިހުރީ ރޯދަޔަށޭ ބުނުން ހިމެނިގެންވެއެވެ. އަޅުގަޑުމެންގެ ނަމާދާއި ރޯދަ، އަދި އެނޫންވެސް އެންމެހައި ޢަމަލުތަކުގައި އިޚްލާޞްތެރިވާންޖެހެއެވެ. އެހެނީ އިޚްލާޞްތެރިކަން ނެތިއްޖެނަމަ މާތް ﷲ އެއްވެސް ޢަމަލެއް ގަބޫލެއް ނުކުރައްވާނެއެވެ. މީގެ އިތުރުން ކޮންމެ ހެޔޮޢަމަލެއްވެސް ކުރަންވާނީ މާތް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި މާތް ނަމޫނާ ގައި ހިފައިގެންނެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ރޭއަޅުކަން ގިނަކުރަން ޖެހެއެވެ. މިގޮތުން ތަރާވީޙް ނަމާދަށް ޚާއްޞަ ސަމާލުކަމެއް ބަހައްޓަން ޖެހެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ.

(مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)

މާނައަކީ: "އީމާންކަމާއި ދަރުމައަށް އެދި ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކޮށްފިމީހަކަށް މާތް ﷲ އޭނާގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުއްސަވާނެތެވެ". އިމާމާއި އެކު ތަރާވީޙް ނިމެންދެން ބައިވެރިވުމަކީ ދަރުމަ އިތުރުވެގެންދާނެ ކަމެއް ކަމުން އެކަމަށް ޚާއްޞަ ސަމާލު ކަމެއް ދޭން ޖެހެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ.

(مَنْ قَامَ مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ)

މާނައަކީ: "އިމާމާ ނިމެންދެން އޭނާއާއި އެކުގައި ނަމާދުކުރުމުގައި ދެމިހުރެއްޖެނަމަ މުޅިރޭ އަޅުކަން ކުރުމުގެ ޘަވާބާއި ދަރުމަ ދެއްވާނެއެވެ".

ހަމަ އެޔާއިއެކު، ރަމަޟާންމަހުގެ ފަހުދިހައިގެ ރޭ ތަކުގައި އިތުރަށް އަޅުކަމައިގެން މަޝްޣޫލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަބަބަކީ ފަހުދިހައިގެ ރޭ ތަކުގެ ތެރެއިން ރެ އެއްގައި ލައިލަތުލް ގަދްރިވިލޭރޭ ލައްވާފައިވުމެވެ. އެރެޔަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުރެއެކެވެ. އެރޭކުރާ އެންމެ އަޅުކަމަކީ އެހެން 83 އަހަރާއި 4 މަސްދުވަހު ކުރާ އަޅުކަމާއި އެއްވަރުގެ އަޅުކަމެކެވެ. މާތް ﷲ ރުއްސުންލެއްވި ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ.

(أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَجْتَهِدُ فِيْ الْعَشْرِ الْأَوَاخِرِ مَالَا يَجْتَهِدُ فِيْ غَيْرِهَا)

މާނައަކީ: " އެހެންދުވަސްތަކުގައި އަޅުކަމައިގެން ނޫޅުއްވާ ވަރަށް ރަމަޟާންމަހުގެ ފަހުދިހައިގައި ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުކަމައިގެން އުޅުއްވައެވެ".

އަދިވެސް އެކަމަނާ ވިދާޅުވިއެވެ.

(كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ شَدَّ مَأْزَرَهُ وَأَحْيَا لَيْلَهُ وَأَيْقَظَ أَهْلَهُ)

މާނައަކީ: "ރަމަޟާންމަހުގެ ފަހުދިހަވަދެއްޖެނަމަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޒާރުކޮޅު ބާރުކުރައްވާ، ރޭތައް އިޙްޔާ ކުރައްވާ، އަހްލުވެރިން ހޭލައްވައެވެ".

ލައިލަތުލް ގަދްރި ވިލޭރެއަކީ އެރެއެއްގައި ގުރްއާން ބާވާލެއްވުމުގެ ސަބަބުން އެރެއެއް މާތް ﷲ ޝަރަފްވެރިކޮށްދެއްވި ރެއެވެ. އެރެއެއްގެ ފަތިސްވުމަށްދާންދެން މަލާއިކަތުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ބިމަށް ފައިބާވަޑައިގަންނަވާ ރެއެވެ. އީމާން ކަމާއި ދަރުމައަށް އެދި އެރޭ ރޭއަޅުކަންކޮށްފިމީހެއްގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުއްސަވާނެރެއެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ލާޒިމްވެގެންވަނީ ފަހުދިހައިގެ ރޭތަކުގައި ނަމާދުކޮށް، ގުރްއާންކިޔަވާ، ތައުބާވެ، ފާފަފުއްސެވުންއެދި ގިނަގިނައިން ދުޢާކޮށް، ސުވަރުގޭގެ މަތިވެރި ނިޢްމަތަށް އެދި، ނަރަކައިގެ ބިރުވެރި ޢަޛާބުން ސަލާމަތްކޮށްދެއްވުން އެދި ގިނަގިނައިން މާތް ﷲ ގެ ޙަޟްރަތުގައި ދެންނެވުމެވެ. ލައިލަތުލް ގަދްރިވިލޭރޭގެ މަތިވެރިކަން ޙާޞިލްވުމަށް އެދިގެންނެވެ.

މުސްލިމުންގެ މައްޗަށް ލާޒިމްވެގެންވަނީ ރަމަޟާންމަހުގައިވެސް އަދި އެނޫން މަސްތަކުގައިވެސް ގިނަގިނައިން ގުރްއާން ކިޔަވާ އޭގެ މާނައާއި މެދު ފިކުރު ހިންގުމެވެ. އޭރުން ގިޔާމަތްދުވަހުން އެގުރްއާން އޭނާ އަށް ޙުއްޖަތެއްކަމުގައި އަދި ޝަފާޢަތް ތެރި އެއްކަމުގައި ވާނެއެވެ. ގުރްއާން ކިޔަވާ މީހަކު ދުނިޔެ އާއި އާޚިރަތުގައިވެސް ގެއްލި ހަލާކުވެގެން ނުދާނެކަން އަންގަވާ ސޫރަތު ޠާހާ ގެ 123 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ.

(فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَى)

މާނައަކީ: "ފަހެ ތިޔަބައިމީހުންކުރެ ތިމަން ﷲ ދެއްވި ތެދުމަގަށް ތަބަޢަވެއްޖެ މީހަކީ ގެއްލެވި އަދި އުނދަގޫތައް އުފުލާންޖެހޭނޭ މީހެއްނޫނެވެ".

މިސްކިތުގައި އެކަކު އަނެކަކަށް ގުރްއާން ކިޔަވަން ދަސްކޮށް، ގުރްއާނުގެ ޢިލްމު އުނގެނުމަކީވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ.

(وَمَا اجْتَمَعَ قَوْمٌ فِيْ بَيْتٍ مِنْ بُيُوْتِ اللهِ يَتْلُوْنَ كِتَابَ اللهِ وَيَتَدَارَسُوْنَهُ بَيْنَهُمْ إِلَّا نَزَلَتْ عَلَيْهِمُ السَّكِيْنَةَ وَغَشِيَتْهُمُ الرَّحْمَةَ وَحَفَّتْهُمُ الْمَلَائِكَةَ وَذَكَرَهُمُ اللهُ فِيْمَنْ عِنْدَهُ)

މާނައަކީ: "ﷲ ގެ ގެކޮޅުތަކުގެ ތެރެއިން ގެއެއްގައި ބަޔަކު މީހުން ޖަމަޢަވެ ގުރްއާން ތިލާވަތުކޮށް، އެ މުދާރަސާކުރާކަމަށްވަނީނަމަ، އެބައެއްގެ މައްޗަށް މަޑުމައިތިރިކަން ބާވާލައްވާނެއެވެ. އަދި އެބައިމީހުންގެ މައްޗަށް މާތް ﷲ ގެ ރަޙްމަތް ފުރިގެން ދާނެއެވެ. އަދި އެބައިމީހުން ވަށައިގެން މަލާއިކަތް ބޭކަލުންވާނެތެވެ. އަދި ﷲ ގެ ޙަޟްރަތުގައިވާ މަލާއިކަތް ބޭކަލުންގެ އަރިހުގައި އެބައިމީހުންގެ ވާހަކަ ޛިކުރުކުރައްވާނެއެވެ".

ރޯދައަށް ހުންނަ ގަޑީގައްޔާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ގިނަގިނައިން ދުޢާ ކުރަންވާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ.

"يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِيْنَ يَبْقَى ثُلُثُ اللَّيْلِ الْأَخِيْرِ، فَيَقُوْلُ: مَنْ يَّدْعُوْنِيْ فَأَسْتَجِيْبَ لَهُ، مَنْ يَّسْأَلُنِيْ فَأُعْطِيَهُ، مَنْ يَّسْتَغْفِرُنِيْ فَأَغْفِرَ لَهُ، حَتَّى يَطْلُعَ الْفَجْرُ"

މާނައަކީ: "ކޮންމެ ރެއެއްގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވަޑައިގެން ބަސްވަޙީ ކުރައްވާނެއެވެ. "ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނަމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައި ދެއްވާނަމެވެ، އެގޮތުގައި ފަތިސްވަންދެން ދެމި ހުންނަވައެވެ". އަދިވެސް ޙަދީޘް ކުރައްވައެވެ.

"إِنَّ فِيْ اللَّيْلِ سَاعَةً لَّا يُوَافِقُهَا مُسْلِمٌ يَّسْأَلُ خَيْرًا مِّنْ أَمْرِ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ وَذَلِكَ كُلَّ لَيْلَةٍ"

މާނައަކީ: "ރޭގަނޑުގައި ވަގުތެއްވެއެވެ. ދުނިޔެ އާއި އާޚީރަތުގެ ހެވަށްއެދި މުސްލިމަކު އެވަގުތުގައި ދަންނަވައިފިނަމަ މާތް ﷲ އެކަމެއް ދެއްވާނެއެވެ. އެގޮތުގައި ކޮންމެ ރެއަކުވެސް ވޮޑިގެންވެއެވެ". މާނައަކީ ކޮންމެ ރެއަކުވެސް އެވަގުތު ކޮޅެއްވެއެވެ.

ރޯދަ އަށް ހުންނަ ގަޑީގައްޔާއި ރޯދަވިއްލާ ގަޑީގައި ދުޢާ ކުރުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ރޯދަވިއްލާގަޑީގައި ކުރާ ދުޢާ އަކީ އިޖާބަ ކުރައްވާނެ ދުޢާ އެއްކަންވެސް ބަޔާންކޮށްދެއްވާފައިވެއެވެ. މާތް ﷲ އަޅުގަޑުމެންނަށް އަންގަވާފައިވަނީ ދުޢާ ކުރުމަށެވެ. އެކަލާނގެ އެދުޢާ އިޖާބަ ކުރައްވާނެކަންވެސް އަންގަވާފައިވެއެވެ. ސޫރަތު ޣާފިރުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ.

(وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ)

މާނައަކީ: "ތިޔަބައިމީހުން ހައްދަވައިގެންގުޅުއްވާ އިލާހް އަންގަވައެވެ. ތިޔަބައިމީހުން ތިމަން ﷲ ގެ ޙަޟްރަތަށް ދުޢާ ކުރާށެވެ. ތިމަން ﷲ އެދުޢާ އިޖާބަކުރައްވާ ހުށީމެވެ".

އިންސާނާގެ ޙަޔާތުގައި މިވާ މަދުދުވަސްކޮޅު މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމުގައި ހޭދަކުރުމަކީ ކޮންމެހެން އެދެވިގެންވާ ކަމެކެވެ. އަދި ގެއްލުން ދެނިވި އެންމެހައި ކަންތަކުން ދުރުހެލިވެ ރައްކާތެރިވާން ޖެހެއެވެ. ޚާއްޞަގޮތެއްގައި ރަމަޟާންމަހުގެ ދުވަސްތަކެވެ. އެޔަކީ ބަދަލު ލިބޭނެ ދުވަސްތަކެއް ނޫނެވެ. އެހެންކަމުން މި މާތް މައްސަރާއި ބައްދަލުވެއްޖެމީހާ އެމައްސަރުގެ ވަގުތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަންވާނެއެވެ. މިގޮތުން ފަތިސްނަމާދުކޮށްގެން އިރުއަރަންދެން މިސްކިތުގައި ޛިކުރު ކުރުން މަތީ ދެމިހުރުން މުހިންމެވެ. އިރުއަރާތާ ގާތްގަޑަކަށް 15 ވަރަކަށް މިނިޓްފަހުން ޟުޙާ ގެ ވަގުތު ވަންނާނެއެވެ. އެހިސާބުން ޟުޙާ ނަމާދުގެ ދެރަކްޢަތް ކޮށްލައިގެން މިސްކިތުން ފޭބުމުން ޙައްޖަކާއި ޢުމްރާ އެއް ކުރުމުގެ ދަރުމަ އާއި ޘަވާބު ލިބޭނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَنْ صَلَّى الْفَجْرَ فِيْ جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللهَ حَتَّى تَطْلُعَ الشَّمْسَ ثُمَّ صَلَّى رَكْعَتَيْنِ كَانَ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ تَامَّةٍ تَامَّةٍ تَامَّةٍ) މާނައަކީ: "ޖަމާޢަތުގައި ފަތިސްނަމާދުކޮށް، އިރުއަރަންދެން މާތް ﷲ ޛިކްރު ކުރުން މަތީ ދެމިހުރެ، ދެރަކްޢަތް ނަމާދެއް ކޮށްފި މީހަކަށް ޙައްޖަކާއި ޢުމްރާ އެއް ކުރުމުގެ ޘަވާބު ލިބޭނެއެވެ. ފުރިހަމަކޮށްނެވެ. ފުރިހަމަ ކޮށްނެވެ، މިހެން ދެފަހަރަށް ޙަދީޘް ކުރެއްވިއެވެ". ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަޞްޙާބުން ކަންތައް ކުރައްވާފައިވަނީވެސް ހަމައެގޮތަށެވެ.

ރަމަޟާން މަހުގެ ބައެއް ޚާއްޞިއްޔަތުތައް:

1. އެމައްސަރުގައި މާތް ﷲ ގުރްއާން ބާވާލައްވާފައިވާ ކަން. މާތް ﷲ ވަޙީ ކުރައްވައެވެ. (شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ) [البقرة:185]

2. އެމައްސަރުގައި ސުވަރުގޭގެ ދޮރުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދު ކުރެވި، ޝައިޠާނުންތައް ކަސްތޮޅު އެޅުވޭކަން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (إِذَا دَخَلَ رَمَضَانُ فُتِحَتْ أَبْوَابُ السَّمَاءِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِيْنُ) މާނައަކީ: "ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުވެ، ޝައިޠާނުންތައް ކަސްތޮޅު އެޅުވިގެންދެއެވެ".

3. އެމައްސަރުގައި ހެޔޮކަންތަކަށް ލިބޭ ޖަޒާ އިތުރު ކުރައްވާކަން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَنْ فَطَّرَ صَائِماً فَلَهُ مِثْلُ أَجْرِهِ مِنْ غَيرِ أَنْ يُنْقَصَ مِنْ أَجْرِ الصَّائِمِ شَيْءٌ) މާނައަކީ: "ރޯދަވެރިޔާގެ ރޯދަވިއްލައިދީފި މީހަކަށް ރޯދަވެރިޔާގެ އަޖްރުން އުނިނުވެ ހަމައެފަދައިން އެމީހަކަށް (ރޯދަވިއްލުން ދިން މީހާ އަށް) ލިބޭނެއެވެ".

4. އެމައްސަރުގައި ލައިލަތުލް ގަދްރިވިލޭރޭ ލައްވާފައިވާކަން. ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (فِيْهِ لِيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حَرُمَ خَيْرَهَا فَقَدْ حُرِمَ) މާނައަކީ: "އެ މައްސަރުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމް ވެއްޖެ މީހާއަކީ މަޙްރޫމްވެގެންވާ މީހެކެވެ".

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (مَنْ قَامَ لَيْلَةُ الْقَدْرِ إِيْمَاناً وَاحْتِسَاباً غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) މާނައަކީ: "އީމާންކަމާއި ދަރުމައާއި ޘަވާބަށް އެދި ލައިލަތުލް ގަދްރިވިލޭރޭ އަޅުކަންކޮށްފިމީހެއްގެ އިސްވެދިޔަ ހުރިހާ ފާފައެއް ފޮހެވިއްޖެއެވެ".

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (مَنْ قَامَهَا إِبْتِغَاءَهَا، ثُمَّ وَقَعَتْ لَهُ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ) މާނައަކީ: "އެރޭގެ ހެޔޮކަން އެދި ރޭއަޅުކަންކޮށް، އެރެޔާއި ދިމާވެއްޖެމީހާ ގެ އިސްވެދިޔަފާފަތަކާއި ފަހުން ކުރެވޭނެ ހުރިހާ ފާފައެއް ފުއްސަވައިފިއެވެ".

5. މީގެ ކުރީގެ އުއްމަތްތަކުގެ މީހުންގެ ރޯދަ އާއި މި އުއްމަތުގެ މީހުންގެ އުއްމަތުގެ މީހުންގެ ރޯދައަކީ ހާރުކެއުމެވެ. ހާރުކެއުމަކީ ހަމައެކަނި މިއުއްމަތަށް ޚާއްޞަ ކަމެކެވެ. (فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَرِ) މާނައަކީ: "ތިމަންމެންގެ ރޯދަ އާއި އަހްލު ކިތާބީންގެ ރޯދަ އާއި ހުރި ތަފާތަކީ ހާރު ކެއުމެވެ".

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (تَسَحَّرُوْا فَإِنَّ فِيْ السَّحُوْرِ بَرَكَةٌ) މާނައަކީ: "ތިޔަބައިމީހުން ހާރުކާހުށިކަމެވެ. ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއްވެއެވެ".

6. ރަމަޟާން މަހުގައި ބަދުރު ހަނގުރާމަ އާއި މައްކާ ފަތަޙާ ކުރެއްވުމުގެ ހިނގާފައިވާ ކަން.

7. ރަމަޟާންމަހުގައިވާ ޢުމްރާ އަކީ ޙައްޖަކާއި އެއްވަރުގެ އެއްޗެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (عُمْرَةٌ فِيْ رَمَضَانَ تَعْدِلُ حَجَّةً) މާނައަކީ: "ރަމަޟާންމަހުގެ ޢުމްރާ އަކީ ޙައްޖަކާއި އެއްވަރުގެ އެއްޗެކެވެ".

8. ފާފަ ފުއްސަވެމުގެ ސަބަބެއް ކަމުގައިވުން. (اَلصَّلَوَاتُ الْخَمْسُ، وَالْجُمُعَةُ إِلَى الْجُمُعَةِ، وَرَمَضَانٌ اِلَى رَمَضَانَ مُكَفِّرَاتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتِ الْكَبَائِرَ) މާނައަކީ: "ފަސްނަމާދު އެއް ނަމާދުން އަނެއް ނަމާދާއި ދެމެދު، އެއް ހުކުރާއި އަނެއް ހުކުރާއި ދެމެދު، ރަމަޟާންމަހާއި އަނެއް ރަމަޟާންމަހާއި ދެމެދު، ބޮޑެތިފާފަތަކުން ދުރުހެލިވެއްޖެނަމަ، ހުރިހާ ފާފަތަކެއް ފޮހިދެއެވެ".

9. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަމަޟާން މަހުގައި އިތުރަށް ދީލަތިވެވަޑައިގަންނަވާކަން. (كَانَ النَّبِيُّ أَجْوَدَ النَّاسِ، وَكَانَ أَجْوَدَ مَا يَكُوْنُ فِيْ رَمَضَانَ) މާނައަކީ: "މީސްތަކުންގެ ތެރޭގައިވާ އެންމެ ދީލަތި ބޭކަލަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެކަލޭގެފާނުގެ ދީލަތިކަން ރަމަޟާންމަހު އިތުރުވެގެންދެއެވެ".

ރަމަޟާން މަހާއި އިސްތިގްބާލުކުރާއިރުގައި ބައެއް މީހުންނަށް ކުރެވޭ ބައެއް ގޯސްކަންތައްތައް

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެކެވެ. ރޯދަހިފުމާއި، ރޭއަޅުކަންކުރުމާއި، ގުރްއާންކިޔެވުމާއި، ޞަދަގާތް ގިނަކުރުމާއި، މީސްތަކުންނަށް އިޙްސާންތެރިވުމާއި، ފާފަފުއްސެވުން އެދި ދުޢާ ކުރުމާއި، ސުވަރުގެއަށް އެދުމާއި، ނަރަކައިގެ ބިރުވެރިކަމުން ސަލާމަތްކޮށްދެއްވުން އެދި ދުޢާ ކުރުމުގެ މައްސަރެވެ. އެހެންކަމުން ކާމިޔާބު ލިބިގެންވާ މީހަކީ އެމައްސަރުގެ ވަގުތުތައް އެންމެ ފައިދާ ކުރަނިވި ގޮތުގައި ބޭނުން ކޮށްފި މީހެކެވެ. ﷲ ރުހިވޮޑިގެންވާ ގޮތަށް ޢަމަލުތައް ބަހައްޓައިފި މީހާ އެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ޢަމަލުތައް ގަބޫލުވެގެންވަނީ ދެޝަރްޠެއް ހަމަވެގެންނެވެ. އެއީ އިޚްލާޞްތެރިކަމާއި، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަބަޢަވުމެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ލާޒިމްވެގެންވަނީ ރޯދައިގެ ޙުކުމްތައް ރަގަޅަށް އުނގެނި ދަސްކުރުމެވެ. ރޯދަ ވާޖިބުވަނީ ކޮންބައެއްގެ މައްޗަށްތޯ އާއި ރޯދައިގެ ޝަރްޠުތަކާއި، ރޯދަ ދޫކޮށްލުން ހުއްދަވާ މީހުންނާއި ޙާލަތްތަކާއި، ރޯދަ ފާސިދުވާކަންތައްތަކާއި، މިނޫންވެސް ރޯދަ އާއި ގުޅުން ހުރި ހުރިޙާ ކަމެކެވެ. ނަމަވެސް އަޅުގަޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވިފައިނުވާތީވެ ބައެއް ކަހަލަ ގޯސްކަންތައްތައް އޭގެ ސަބަބުން ކުރެވެއެވެ. އޭގެ ތެރޭގައި:

1. ރޯދައިގެ ޙުކުމްތައް ރަގަޅަށް ނޭގިހުރުމުގެ ސަބަބުން ބައެއް ކަހަލަ ނުރަގަޅު ކަންތައް ކުރެވޭތަން އާދެއެވެ. ނޭގޭ ކަމަށްވަނީ ނަމަ ދަންނަމީހުންކުރެ އަހާ އޮޅުން ފިލުވުމަށް ކީރިތި ގުރްއާނުގައި ބާރުއަޅުއްވާފައިވެއެވެ. ސޫރަތުއްނަޙްލުގެ 43 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لا تَعْلَمُونَ) މާނައަކީ: "ތިޔަބައިމީހުންނަށް ނޭގޭކަމަށްވަނީ ނަމަ ދަންނަމީހުންކުރެއަހާ އޮޅުން ފިލުވާށެވެ". ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ. (مَنْ يُرِدَ اللهُ بِهِ خَيْرًا يُفَقِّهْهُ فِيْ الدِّيْنِ) މާނައަކީ: "މާތް ﷲ މީހަކަށް ހެޔޮގޮތެއް މެދުވެރި ކުރައްވައިފިނަމަ އެމީހަކަށް ދީނުގެ ޙުކުމްތައް ދެނެގަތުމުގެ ނިޢްމަތް ދެއްވައެވެ".

2. މި މާތް މައްސަރާއި ބައްދަލުވުމުގެ ޝަރަފާއި ޢިއްޒަތް ދެއްވި ކަމަށް ޓަކައި ﷲ އަށް ޝުކުރުވެރިވެ، އެކަލާނގެ ޛިކްރު ކުރުންގިނަކޮށް، ތިމާގެ އަމިއްލަ ނަފްސު މުޙާސަބާކޮށް، އަސްތަޣްފާރުކޮށް ހެދުމުގެ ބަދަލުގައި، ކުޅިވަރާއި މަޖަލުގައި ވަގުތު ތައް ހޭދަކޮށްލުން.

3. ރަމަޟާންމަސް އައުމުން ބައެއް މީހުން ތައުބާވެ، މިސްކިތަށް އަރާ ނަމާދުކޮށް، ގުރްއާންކިޔަވާ، ރޯދަ ހިފާތަން ފެނެއެވެ. އެހެންނަމަވެސް، ރޯދަމަސް ނިމުމާއިއެކު، އިހުއުޅުނު ގޮތަށް އެބައިމީހުންގެ ޢަމަލުތައް ބަދަލުވެގެންދާކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް، މިގޮތަށް ކަންތައް ކުރުމަކީ ވަރަށް ނުރައްކާތެރި އެހާމެ ގޯސް ކަމެކެވެ. ﷲ ވޮޑިގެންވާކަން އެގެނީ ހަމައެކަނި ރަމަޟާން މަހުގައި ކަމަށް އެބައިމީހުންނަށް ހީކުރާ ކަހަލައެވެ. އަޅުގަޑުމެން ކުރާ ކޮންމެ ކަމެއް ކޮންމެ ވަގުތެއްގައިވެސް ﷲ ތަޢާލާ މޮޅަށް ބައްލަވާ ވޮޑިގެންވާ ކަން ހަނދާންކުރަން ޖެހެއެވެ. އެހެންކަމުން، ކުރިންކުރެވިފައިވާ ކަންތަކަށް ހިތާމަކޮށް، ދެން އެފަދަ ކަމަކަށް އަރައިނުގަތުމަށް ޢަޒުމްކޮށް، ތެދުވެރި ތައުބާ އަކުން ތައުބާވާން ޖެހެއެވެ. ފުރިހަމަ ތައުބާ އަކުން ތައުބާ ވެއްޖެނަމަ މާތް ﷲ އެމީހެއްގެ ފާފަ ފުއްސަވާނެއެވެ. ސޫރަތު ޠާހާ ގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(وَإِنِّيْ لَغَفَّارٌ لِّمَنْ تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى)

މާނައަކީ: " ތައުބާވެ އީމާންވެ ޞާލިޙް ޢަމަލުކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަން ﷲއީ، ގިނަގިނައިން ފާފަފުއްސަވާ އިލާހު ކަން ކަށަވަރެވެ". "

4. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ރަމަޟާން މަހަކީ ދުވާލުގަޑީގައި ނިދުމާއި ކަންނެތް ވުމުގެ މައްސަރެއް ކަމަށެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ހޭލާ އުޅެ، މީސްމީހުންގެ ނުބައިވާހަކަދައްކާ، ކުޅިވަރާއި މަޖަލުގައި ހޭދަކުރުމުގެ ވަގުތުތައް ނަގާލާތަން ފެނެއެވެ. ނަމަވެސް މިކަމަކީ ވަރަށްވެސް ނުރައްކާތެރި ކަމެކެވެ. ކިޔަމަންތެރިންގެ ކިޔަމަންތެރިކަމުގެ މައްޗަށާއި ނުކިޔަމަންތެރިންގެ އުރެދުމުގެ މައްޗަށް މިދުވަސްތައް ގިޔާމަތް ދުވަހުން ހެކިވެރިވާނެއެވެ. ވީމަ، މި މާތް ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންވާނެއެވެ.

5. ބައެއް މީހުން ރަމަޟާން މަސް އައުމުން އެކަމާ ހިތާމަކޮށް ދެރަވެ، އަދި އެމަސް އަލްވަދާޢު ކިޔުމުން އެކަމާ އުފާވާކަން ފާހަގަ ކުރެވެއެވެ. އެބައިމީހުން ދެކޭ ގޮތުގައި އެބައިމީހުންގެ ޝަހްވަތްތައް ފުއްދުމާއި، އެހެނިހެން ބޭނުންތައް ފުއްދުމަށް ރަމަޟާން މަސް ހުރަހަކަށްވެއެވެ. އެބައިމީހުން ރަމަޟާން މަހު ރޯދަ ހިފަނީ މީސްތަކުން ބުނެފާނެއެއްޗަކަށް ލަދުން ނުވަތަ ބިރުންނެވެ. މިއީ، ވަރަށްވެސް ހިތާމަހުރި ކަމެކެވެ. ސަބަބަކީ އިޚްލާޞްތެރިކަމާއި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ތަބަޢަވުމުގެ މާތް ޞިފަ އަޅުކަމުގައި ހިމެނިފައިނުވަނީ ނަމަ، އެއަޅުކަމަކީ ގަބޫލުކުރައްވާނެ އަޅުކަމެއް ނޫނެވެ. ސޫރަތުއްޒުމަރު ގެ 11 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ.

(قلْ إنِّي أُمرتُ أنْ أعبُدَ اللهَ مُخلِصاً لهُ الدينَ)

މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ﷲ އަށް އިޚްލާޞްތެރިކަމާއި އެކުގައި އަޅުކަން ކުރުމަށެވެ". ހަމަ އެސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. (قل اللهَ أعبُدُ مخلِصاً لهُ ديني) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކިބައަށް އަހަރެންގެ ދީން ޚަލާޞްކޮށް އަހުރެން އަޅުކަން ކުރާނީ ހަމައެކަނި މާތް ﷲ އަށެވެ".

އަދި ޒުމަރު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

(فاعبُدِ اللهَ مخْلِصاً له الدينَ ألا لله الدينُ الخالصُ)

މާނައަކީ: " ފަހެ ކަލޭގެފާނު މާތް ﷲ ގެ ކިބައަށް ދީން ޚަލާޞް ކުރައްވައި އެކަލާނގެ ކިބަޔަށް އަޅުކަން ކުރައްވާށެވެ". ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

"مَنْ صَامَ يُرَائِيْ فَقَدْ أَشْرَكَ، وَمَنْ صَلَّى يُرَائِيْ فَقَدْ أَشْرَكَ، وَمَنْ تَصَدَّقَ يُرَائِيْ فَقَدْ أَشْرَكَ" މާނައަކީ:

"ދެއްކުންތެރިކަމާއި އެކު ރޯދަ ހިފައިފި މީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ނަމާދުކޮށްފިމީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ޞަދަގާތްކޮށްފިމީހާ ޝިރްކުކޮށްފިއެވެ".

وَعَنْ مَحْمُوْدِ بِنْ لُبَيْدٍ قَالَ: خَرَجَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: "يَا أَيُّهَا النَّاسُ إِيَّاكُمْ وَشِرْكُ السَّرَائِرِ. قَالُوْا: يَا رَسُوْلَ اللهِ وَمَا شِرْكُ السَّرَائِرِ ؟ قَالَ: يَقُوْمُ الرَّجُلُ فَيُصَلِّيْ، فَيُزَيِّنُ صَلَاتَهُ جَاهِداً لِمَا يُرَى مِنْ نَظَرِ النَّاسِ إِلَيْهِ، فَذَلِكَ شِرْكُ السَّرَائِرِ"

މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މީސްތަކުންގެ ތެރެއަށް ނިކުމެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ސިއްރު ޝިރްކުން ސަލާމަތްވެ ދުރުހެލިވާށެވެ"، ޞަޙާބީން ދެންނެވިއެވެ. "ސިއްރު ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީހަކު ގަދައަޅައި ނަމާދު ކުރެއެވެ، ނަމަވެސް މީސްތަކުންނަށް ދެއްކުމަށް ޓަކައެވެ. އެއީ ސިއްރު ޝިރްކެވެ".

عَنْ مَحْمُوْدِ بِنْ لُبَيْدٍ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ الشِّرْكُ الْأَصْغَرُ، قَالُوْا وَمَا الشِّرْكُ الْأَصْغَرُ يَا رَسُوْلَ اللهِ ؟ قَالَ: الرِّيَاءُ. يَقُوْلُ اللهُ عَزَّ وَجَلَّ إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اِذْهَبُوْا إِلَى الَّذِيْنَ كُنْتُمْ تُرِاؤُوْنَ فِيْ الدُّنْيَا، فَانْظُرُوْا هَلْ تَجِدُوْنَ عِنْدَهُمْ جَزَاءً)

މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެންމެ ބިރުވެތިވަނީ ކުޑަ ޝިރްކާއި މެދުގައެވެ. ޞަހާބީން ދެންނެވިއެވެ. "ކުޑަ ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "ދެއްކުންތެރިކަމެވެ. މީސްތަކުންގެ ޢަމަލުތަކަށް ޖަޒާދެއްވާ ނިންމެވުމަށްފަހު ގައި މާތް ﷲ ވަޙީ ކުރައްވާނެއެވެ. "ތިޔަބައިމީހުން ދުނިޔެމަތީގައި ދެއްކުމަށް ކަންތައް ކުޅަމީހުންގެ ގާތަށްގޮސް އެމީހުންގެ ފަރާތުން ދަރުމައެއް ލިބޭތޯ ބަލާށެވެ".

وَعَنْ أَبِيْ سَعِيْدِ بِنْ أَبِيْ فُضَالَةَ رَضِيَ اللهُ عَنْهُ، وَكَانَ مِنَ الصَّحَابَةِ قَالَ: سَمِعْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ: "إِذَا جَمَعَ اللهُ الْأَوَّلِيْنَ وَالْآخِرِيْنَ يَوْمَ الْقِيَامَةِ لِيَوْمٍ لَّا رَيْبَ فِيْهِ، نَادَى مُنَادٍ: مَنْ أَشْرَكَ فِيْ عَمَلِهِ لِلَّهِ أَحَداً فَلْيَطْلُبْ ثَوَابَهُ مِنْ عِنْدِهِ، فَإِنَّ اللهَ أَغْنَى الشُّرَكَاءِ عَنِ الشِّرْكِ)

މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދު ބިން އަބީ ފުޟާލާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. "ގިޔާމަތް ދުވަހުން އެންމެހައި މީސްތަކުން މަޙްޝަރު ކުރެއްވުމަށްފަހުގައި ގޮވާ މީހަލު ގޮވާނެތެވެ. ﷲ އަށް ޓަކައި ކުޅަ ޢަމަލެއްގައި އެހެން ފަރާތެއް ބައިވެރިކޮށްފައިވަނީ ނަމަ، އެކަމެއްގެ ޡަވާބު އެމީހެއްގެ ފަރާތުން އެދޭހުށި ކަމެވެ. ހަމަކަށަވަރުން ޝިރްކު ކުރާ މީހުންގެ ޝިރްކަކަށް ﷲ ބޭނުންފުޅުވޮޑިގެން ނުވެއެވެ".

6. ބައެއް މީހުން ބޭކާރުގޮތުގައި ރޭގަޑު ހޭލާ އުޅޭތަންފެނެއެވެ. އެޔަށްފަހު މެންދަމުވީމާ ހާރުކައިގެން ނިދައެވެ. ފަތިސްނަމާދުގެ ޖަމާޢަތަކަށްވެސް ހެޔެއް ނުލެވެއެވެ. މީގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ ފުށުއަރާ އެތައް ކަމެއް އެބަހުއްޓެވެ. އޭގެ ތެރޭގައި:

• ކޮންމެހެން ބޭނުންވެއްޖެ ކަމެއްގައި މެނުވީ ރޭގަނޑު ޢިޝާފަހުން ހޭލާ ހުރުމަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުހިވޮޑިގެން ނުވާ ކަމެކެވެ. އެކަލޭގެފާނުގެ ފަރާތްޕުޅުން ވާރިދުވެފައިވެއެވެ. (كان رسول الله صلى الله عليه وسلم يكره النوم قبل العشاء والكلام بعده) މާނައަކީ: "ޢިޝާގެ ކުރިން ނިދުމާއި، އޭގެ ފަހުން ހޭލާ އުޅުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ނުރުހުންތެރިވެއެވެ".

• ރަމަޟާންމަހުގެ ބަރަކާތްތެރިކަން ނުލިބި އެބައިމީހުންގެ ވަގުތުތައް ބޭކާރުގޮތުގައި ދުއްވާލުން.

• ހާރުކެއުމަށް ސުންނަތުގައި އޮންނަ ގަޑިނުން އެހެން ގަޑިއެއްގައި ކެއުން.

• ފަތިސްނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވުން. އޭގެ ސަބަބުން ފަތިސްނަމާދު ޖަމާޢަތުގައި ކުރާ މީހާ އަށް ލިބޭ ޘަވާބާއި ދަރުމައިން އެމީހަކު މަޙްރޫމްވެގެން ދިޔުން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

(مَنْ صَلَّى الْعِشَاءَ فِيْ جَمَاعَةٍ فَكَأَنمَّاَ قَامَ نِصْفُ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِيْ جَمَاَعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ)

މާނައަކީ: "ޢިޝާނަމާދު ޖަމާޢަތުގައި އަދާކޮށްފިމީހާ ރޭގަޑުގެ ދެބައިކުޅައެއްބައިގައި އަޅުކަން ކުރި ފަދައެވެ. ފަތިސްނަމާދު ޖަމާޢަތުގައި އަދާކޮށްފިމީހާ މުޅި ރޭގަޑު އެއްކޮށް އަޅުކަން ކުރި ފަދައެވެ". މީގެ އިތުރުން ޖަމާޢަތުގައި ނަމާދު ކުރުމުން ލިބޭ ޘަވާބާއި ދަރުމައިންވެސް އެމީހަކު މަޙްރޫމް ވެގެންދެއެވެ.

7. ކެއުމާއި ބުއިން އަދި ޖިމާޢުވުން ފަދަ ރޯދަ ގެއްލޭ ޙިއްސީ ކަންތަކުން ދުރުހެލިވެގެން ހުރިކަމުގައިވީނަމަވެސް، މަޢުނަވީގޮތުން ރޯދައަށް އުނިކަން ލިބެނިވި ކަންތަކުން ދުރުހެލިނުވެވުން. މިގޮތުން ޣީބަބުނުމާއި ދެބައޮޑުވުމާއި ޙަރާމްކުރެއްވި ތަންތަނަށް ބެލުންފަދަ ކަންތަކުން ދުރުހެލި ނުވެވޭކަން. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

(مَنْ لَمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِيْ أَنْ يَدَعَ طَعَامَهُ وَشَرَابَهُ)

މާނައަކީ: "ނުބައިވާހަކަ ދެއްކުމާއި، އެއަށް ޢަމަލުކުރުން ދޫކޮށްނުލައިފިމީހާ، ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުމަކުން މާތް ﷲ އަށް ބޭނުމެއް ނެތެވެ".

8. އީމާންކަމާއި ދަރުމަ އަށް އެދި ތަރާވީޙް ނަމާދުގައި ބައިވެރިވެއްޖެ މީހާ އަށް މުޅިރޭ އެއްކޮށް އަޅުކަން ކުރުމުގެ ޘަވާބު ދެއްވާނެކަން އަންގަވާފައިވާ އިރުވެސް، ތަރާވީހް ނަމާދު ނުކޮށް ދޫކޮށްލާތަން ފެނެއެވެ. ބައެއް މީހުން ދެކޭގޮތުގައި ތަރާވީޙް ނަމާދަކީ ސުންނަތް ނަމާދެކެވެ. އެހެންކަމުން ކޮންމެހެން ކުރުން ލާޒިމް އެއް ނޫނެވެ. ތަރާވީޙް ނަމާދަކީ ސުންނަތެއް ކަމުގައިވީނަމަވެސް، އެނަމާދަކި ވަރަށް ބޮޑު ދަރުމަ އާއި ޘަވާބެއް ލިބެނިވި ނަމާދެއްކަން ބަޔާންވެގެން ހިނގައްޖެއެވެ. ވުމާއިއެކު، މިފަދަ ބޮޑު ހެޔޮކަމެއް ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ހެޔޮވެގެންވާނެ ކަމެއް ނޫނެވެ. މީގެ އިތުރުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި ލައިލަތުލް ގަދްރިވިލޭރޭވެސް ހިމެނެއެވެ. މީގެ އިތުރުން، ސުންނަތް ނަމާދު ޝަރްޢު ކުރެވިފައިވަނީ ފަރްޟު ނަމާދު ތަކުގައި ކުރެވިފައިވާ ބައެއް ކުދިކުދި ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައެވެ. އެހެންކަމުން ސުންނަތެކޭ ކިޔާ ތަރާވީޙް ނަމާދު ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

9. ބައެއް މީހުން ރޯދަހިފިކަމުގައިވީނަމަވެސް ނަމާދު ނުކުރާ ކަން ފާހަގަކުރެވެއެވެ. ނަމާދު ނުކޮށް ކުރާ އެއްވެސް ހެޔޮކަމަކީ މާތް ﷲ ގަބޫލު ކުރައްވާނެ ކަމެއް ނޫނެވެ.

10. އިމާމްވެ ތަރާވީޙް ނަމާދު ކުރާ ބައެއް ބޭފުޅުން އަވަސް އަރުވާލާފައި ކިޔަވާތަން ފެނެއެވެ. މީ މިކަންކޮށްގެން ވާނެ ގޮތެއް ނޫނެވެ. ގުރްއާން ކިޔަވަންވާނީ އޭގެ މާނައަށް ވިސްނަމުން ތަޖްވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!