ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ރައީސް ނަޝީދު ޖައްސަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.
އެ މަނިކުފާނު ކޯވިޑް ވެކްސިން ފުރަތަމަ ޑޯޒް ޖައްސަވާފައި ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ދޭން ފެށި ދުވަހުއެވެ. އެދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބޭފުޅުން ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.
ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ފުރަތަމަ ދިނުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީމަހުގެ 1ވަނަ ދުވަހުން 4ވަނަ ދުވަހާ ދެމެދު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ރާއްޖެއިން ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 3737 އަށް އަރާފައެވެ.
ވެކްސިން ދިނުން ކުރިއަށް ދާނީ ހެނދުނު 10:00 އިން މެންދުރުފަހު 3:00އާ ހަމައަށެވެ. ނަމަވެސް ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށް ދާނީ ހެނދުނު 10:00 އިން މެންދުރު 2:00 އާ ހަމައަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް ހަދައިފައިވާ 3 ވެކްސިނެއް ރާއްޖޭގައި ވަނީ ބޭނުން ކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް ވެކްސިނާއި، ފައިޒަރ ވެކްސިނެވެ.