ކޮވިޑް-19: ކަރަންޓީނުގައި ނެތް މީހަކު ވިލުފުށިން ފައްސިވެއްޖެ

ކަރަންޓީނުގައި ނެތް މީހަކު ތ. ވިލުފުށިން ފައްސިވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ވިލުފުށިން ފައްސިވެފައި ވަނީ އެ ރަށުން ރޭންޑަމްކޮށް ނެގި ސާމްޕަލެކެވެ.
ވިލުފުށި ކައުންސިލުގެ ރައީސް ޙުސެއިން ޢަބްދުއްސަލާމް އާދަމް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފައްސިވީ މީހާ ބަލިވެގެން ޑޮކްޓަރަށް ދެއްކި ކަމަށާއި އަދި އަލާމާތްތައް ފެނިގެން ޓެސްޓު ހެދި ކަމަށެވެ.
"ފުރަތަމަ ދެއްކީ ރޯގާ ޖެހިގެން. ދެން ފަހުން އެ ބޭފުޅާ އަމިއްލައަށް ސިއްޙީ މަރުކަޒަށް ގުޅާފައި ދެންނެވި ކާ އެއްޗެހީގެ ރަހަ ވެސް ނުލާކަމަށް އެހެންވެ ވަގުތުން ޓެސްޓު ހެދީ" ކައުންސިލު ރައީސް ވިދާޅުވިއެވެ.
ޙުސެއިން ވިދާޅުވީ އެ މީހާގެ ގައިން ބަލީގެ އަލާމާތްތައް ފެނުމުން އޭނާ ދިރިއުޅޭ ގެ ކަރަންޓީނަށް ލި ކަމަށާއި، އެ މީހާގެ ނަތީޖާ ލިބުމުން ކޮވިޑަށް ފައްސިކަން ހާމަވުމާއެކު މިހާރު ވިލުފުށި ވަނީ މޮނީޓަރިންގަށް ލެވިފައި ކަމަށެވެ.